10 Nov 2012, 12:39
ގައުމީ ބެންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެބޭންކުގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާވީ މިހާތަނަށް ބޭއްވި އެންމެ ހޫނު ގަދަ އަދި އެންމެ ވަރުގަދަ ބަހުސްތަކެއް ކުރެވުނު އެއް އަހަރީ އާންމު ޖަލްސާއަށެވެ. ޖަލްސާ ފެށިގެން ކުރިއަށް ގެންދިއުމުގެ ބަދަލުގައި ބައެއް ހިއްސާދާރުން ބޭނުންވީ އެޖެންޑާގައި ހުރި އައިޓަމްތަށް ކުރިއަށް ގެންދިއުމަށް ވުރެ ހިއްސާދަރުންގެ ކަންބޮޑުވުންތަކާ ޝަކުވާތަށް ކުންފުނީގެ ބޯޑުގެ ސަމާލުކަމަށް ގެންނާށެވެ. ހިއްސާދާރުންގެ އެންމެ ބޮޑު ޝަކުވާއަކަށްވީ ނުދައްކާހުރި ބޮޑެތި ލޯނުތަކެވެ.
ޖަލްސާގެ މެދުތެރެއިން ބީއެމްއެލްގެ ހިއްސާދާރުންތަކުގެ ތެރެއިން ބައެއް ބޭފުޅުން ހޫނު ހިޔާލްފާލުކުރުންތަކެއް ކުރިއަށްގެންދިޔަ އިރު ހިޔާލުފާޅުކުރި ހުރިހާ ހިއްސާދާރުން ވެސް މައިގަނޑުގޮތެއްގައި ނުރުހުން ފާޅުކޮށްފައި ވަނީ ކުންފުއްޏަށް ކޮންމެ އަހަރަކު ސާފު ފައިދާއެއްގެ ގޮތުގައި ބޮޑު އެއްޗެއް ލިބުނު ނަމަވެސް ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތް ލޯނުތަކަށް ސާފު ފައިދާ އިން ބޮޑު އަދަދެއް ޕްރޮވިޝަންގެ ގޮތުގައި ކަނޑަން ޖެހުމުން ހިއްސާދާރުން ކޮންމެ ފަހަރަކު ވެސް ހުސްއަތާ ދާންޖެހުމެވެ. އަދި ނުދައްކާ ހުރި ބޮޑެތި ލޯންތަށް ނަގާފައި ވަނީ ސިޔާސީ ބައެއް ފަރާތްތަކާއި ރާއްޖޭގައި ވިޔަފާރިކުރާ ބޮޑެތި ކުންފުނިތަކުގެ ވެރިންކަމަށް ތުހުމަތުކޮށް އެ ފަރާތްތަކަށް ވެސް ހިއްސާދާރުންގެ ހޫނު ބަހުގެ ހަމަލާތަކެއް ވަނީ އަމާޒްކޮށްފަ އެވެ.
"އަޅުގަނޑުމެނަށް ބެލެންޝީޓް ދެއްކި އިރު ވަރަށް ސާފުކޮށް ފެނިގެން ދިޔަ، އޭގެ ތެރެއިން ތިޔަބޭފުޅުން ވިދާޅުވި، 519 މިލިއަން ރުފިޔާ ފާއިދާވި ވާހަކަ ވެސް، އެހެން ނަމަވެސް ޕްރޮވިޝަން އަށް ކަނޑާލާފައި މީހަކަށް ދޭނެ އެއްޗެއް ވެސް ނެތް އަޅުގަނޑުމެން އިންވެސްޓްކުރީ ޕްރޮވިޝަންތަކަށް ކަޑާކަށް ނޫން. އަޅުގަނޑުމެން އިންވެސްޓްރީ އެއިގެން ފައިދާއެއް ވެސް ލިބޭނެ ކަމަށް އެހެންކަމުން ތިޔަ ބޭފުޅުން ކަންތައްތައް ތިޔަ ކުރާގޮތުން ހިއްސަދާރުން މިތިބެނީ ވަރަށް މާޔޫސްވެފައި، މިގޮތަށް ބެލެންސްޝީޓެއް ދައްކަފާއި، ފޮޓޯއެއް ދައްކާފައި ފިލްމެއްދައްކާފާ ހިއްސާދާރަށް ފައިދާއެއް ނުލިބޭގޮތަށް ކުންފުއްޏެއް ތިހިންގަނީ އިނގޭތޯ،" ޖަލްސާގައި ވާހަކަދެއްވި ހިއްސާދާރަކު ބުންޏެވެ.
ޖަލްސާގައި ބެލެންސީޓް ފާސްކުރުމަށް ހިއްސާދާރުން ދެކޮޅުހެދި ހިސާބުން ހިއްސާދާރުން ބުނަމުންދިޔައި ހިއްސާއަކަށް ފައިދާއެއްގެ ގޮތުގައި އެއްވެސް އެއްޗެއް ނުބަހައި ޕްރޮވިޝަންއަށް ކަނޑަނީ ކީކުރަންކަމަށެވެ.
"އިނގިލަންވާތޯ އެމްއެމްއޭ، އެތަނުންނޫންތޯ އަޅުގަނޑުމެން ރެގިއުލޭޓް ކުރަނީ، އެބޭފުޅުން ބުނުންވާ ގޮތަށް އަޅުގަނޑުމެން ޕްރޮވިޝަން ހަދަނީ، ޕްރޮވިޝަން ހެދުމަކީ އަޅުގަނޑުމެން އަމިއްލައަށް ހަދާއެއްޗެއް ނޫން،" އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ޗެއާމަން ޑރ. އަބްދުﷲ ޝިހާމް ވިދާޅުވި އެވެ.
ތިން ވަނަ އަހަރަށް ހިއްސާގެ ގޮތުގައި އެއްވެސް އެއްޗެއް ނުބަހަން ނިންމުމުން ހިއްސާދާރުންގެ ރުޅި އިތުރަށްގަދަވި އެވެ. ލޯނުތަކާމެދު ކުރި ސުވާލުތަށް ޒާތީވެ ބަހުސްހޫނުވެގެންދިޔަ އެވެ. އޭގެ ތެރެއިން ބައެއް ހިއްސާދާރުންގެ ވާހަކަގައި ވަކި ބައެއްގެ ނަން ކިޔައި ވަކި ބަޔަކަށް ނުވަތަ ވަކި އާއިލާއަކަށް ބެންކުން އިސްކަންދީގެން ލޯނުތަށް ދެމުންދާކަމަށް ބުންޏެވެ. އަދި އެ ބަހުސްތަކުގެ ތެރޭގައި ހިއްސާދާރުން ފާޅުކުރި ހިޔާލްތަކުގެ ތެރޭގައި ނިކަމެތިން ލޯނު ނުދައްކައިފި ނަމަ އެމީހުންގެ މުދަލާއި ތަކެތި ވިއްކާ ކަމަށާއި ނަމަވެސް ވިޔަފާރިވެރިއެއް ނުވަތަ ސިޔާސީ ފަރާތްތަކުން ލޯނު ނުދައްކާ ނަމަވެސް އެއްވެސް ފިޔަވަޅެއް ނޭޅެކަމަށް ބުނަމުންދިޔަ އެވެ.
އެ ސުވާލުތަކުގެ ޖަވާބެއްގެ ގޮތުގައި ރިޔާސަތު ބެލެހެއްޓި ޑރ. އަބްދުﷲ ޝިހާމް ވިދާޅުވީ ވަކިބަޔަކަށް ވަކިގޮތެއް ނުހަދާ ކަމަށާއި ހުރިހާ ފަރާތްތަކާ މެދު އަދި ބެންކަށް ލިބެންޖެހޭ އެއްޗެއް ހޯދުމުގެ މަސައްކަތް މިނިވަންކަމާ އެކު ކުރާނެ ކަމަށެވެ.
މައިގަނޑުގޮތަކަށް ހިއްސާދާރުންގެ ކަންބޮޑުވުން ލޯނުތަކާ މެދު ހުރި އެ ޖަލްސާގައި ވާހަކަ ދެއްކި ބައެއް ފަރާތްތަކުން ބޭންކުގެ ހިދުމަތްތަކަށް ގެންނަންވީ ބަދަލުތަކާއި މިހާރު ދިމާވެފައި ހުރި މައްސަލަތަކުގެ މައްޗަށް ވެސް އަލި އަޅުވާލައި ވާހަކަ ދައްކާފައިވެ އެވެ.