ވޮޝިންޓަން (ނޮވެމްބަރު 10): ހައްލުނުވެ ދިގު ދެމިގެން ގޮސްފައިވާ ބަޖެޓްގެ މައްސަލަތަކުގައި އިދިކޮޅު ރިޕަބްލިކަނުންނާ އެކު މަޝްވަރާކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ، މުއްސަދިންގެ އަތުން ގިނަ ޓެކްސް ނަންގަވާނެ ކަމުގެ ވާހަކަ އޮބާމާ އަނެއްކާ ވެސް ތަކުރާރުކުރައްވައިފި އެވެ.

ނަމަވެސް އޮބާމާގެ އެ ނިންމެވުމަށް ރިޕަބްލިކަމުން ގެންދަވަނީ ފާޅުގައި ދެކޮޅުހައްދަވަމުންނެވެ. މިއީ އޮބާމާ އަށް ވަރަށް ގިނަ ފާޑު ކިއުންތަކާއި އަދި ފިއްތުންތައް ރައްދުވާ މައްސަލަ އެކެވެ.

"މިއީ އިންތިހާބުގެ ތެރޭގައި ވެސް އެންމެ ބޮޑު ސުވާލަކަށް ވީ ކަންތައް،" އިތުރު ހަތަރު އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވުމަށް ވައިޓް ހައުސް އަށް ވަޑައިގަތުމަށް ފަހު މިދިޔަ ހުކުރު ދުވަހު ގައުމާ މުހާތަބުކުރައްވަމުން އޮބާމާ ވިދާޅުވި އެވެ. "އެކަމާ މެދު އަބަދު ވެސް ބަހުސް ކުރެވޭ. ނަމަވެސް އަންގާރަ ދުވަހުގެރޭ [އިންތިހާބުގެ ނަތީޖާ އިއުލާންކުރި ރޭ] އެނގިގެން ހިގައްޖެ އެމެރިކާގެ ރައްޔިތުންގެ ވިސްނުން އެ މައްސަލައިގައި ހުރި ގޮތް. އަހަރެންގެ ވިސްނުމަށް ރައްޔިތުން ވެސް ތާއީދު ކުރާކަން،"

އެމެރިކާގެ ސެނެޓުން ފާސްކޮށްފައިވާ ނިންމުމުގައިވާ ގޮތުން އެމެރިކާގެ 98 ޕަސެންޓް މީހުން ދައްކަން ޖެހޭ ޓެކްސް ޖެނުއަރީ އެކަކުން ފެށިގެން ބޮޑެއް ނުވާނެ އެވެ. އަދި ކްލިންޓަންގެ ދުވަސް ވަރު ހުރި ވަރަށް އެ ގައުމުގެ މުއްސަދިން ދައްކަން ޖެހޭ ޓެކްސް ބޮޑުކުރާނެ އެވެ. އެ ނިންމުންތައް ފާސްކުރެވޭނީ ރިޕަބްލިކަނުންގެ ތާއީދު އެ ނިންމުންތަކަށް ލިބިވަޑައިގަތުމުންނެވެ.

"އެ ބިލްގައި ސޮއިކުރަން މިހިރީ ތައްޔާރަށް، މިހާރު ވެސް މިހިރީ ގަލަން ތައްޔާރުކޮށްގެން ސޮއިކުރަން،" އޮބާމާ ވިދާޅުވި އެވެ.

ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ސްޕީކާ މިދިޔަ ހުކުރު ދުވަހު ވިދާޅުވެފައިވަނީ ޓެކްސް އިތުރު ކުރުމުގެ ބިލަށް އޭނާ ތާއީދު ނުކުރައްވާ ކަމަށާއި ނަމަވެސް އެ މައްސަލައިގައި ޑިމޮކްރަޓުންނާއި ރިޕަބްލިކަނުން ވާހަކަދައްކައިގެން ހައްލުތަކެއް ހޯދަން ޖެހޭ ކަމަށެވެ.

"މިއީ ރައީސްއަށް ހައްލުތަކެއް ހޯދަން ޖެހޭ ވަގުތެއް. މިއީ ހައްލުތަކެއް ހޯދަން ޖެހޭ ވަގުތު،" އޭނާ ވިދާޅުވި އެވެ.

ހިޔާލުތަފާތުވުންތައް ބޮޑުވެ އަންނަ ޖެނުއަރީގެ ކުރިން އެ ގައުމުގެ އާ ޓެކްސް ބިލް ފާސްނުކުރެވިދާނެ ކަމުގެ ބިރު ހީވެފައިވާ އިރު އިގްތިސޯދީ މާހިރުން ގެންދަވަނީ އާ ޓެކްސް ބިލް ފާސްނުކުރެވިއްޖެ ނަމަ އެމެރިކާގައި ޓެކްސްތައް އިންތިހާއަށް މައްޗަށް ގޮސް އެ ގައުމުގެ މުޅި އިގްތިސޯދު ފުނޑިގެން ހިނގައިދާނެ ކަމުގެ އިންޒާރު ދީފަ އެވެ.

އެއާ އެކު ހުކުރު ދުވަހުގެ ތަގުރީރުގައި އޮބާމާ ވިދާޅުވީ މިހާރު ވެސް ސެނެޓުން ފާސްކޮށްފައިވާ ނިންމުންތައް ތަންފީޒުކުރުމަށް ރިޕަބްލިކަނުންނަށް ބައެއް ކަންކަމުގައި ދޫދެއްވަން ހުންނެވި ކަމަށެވެ. ނަމަވެސް އެމެރިކާގެ މުއްސަނދިންގެ އަތުންނަގާ ޓެކްސް ކުޑަވާނެ ބިލެއް އޭނާ ވީޓޯކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"ބައެއް ކަންކަމުގައި މަޝްވަރާކޮށް ހައްލުތަކެއް ހޯދޭނެ. ޕޮލިޓިކަލް ޕާޓީއެއްގެ ގޮތުން އަހަރުމެން ކުރަން ޖެހޭ މަސައްކަތް އެބަހުރި. އިންތިހާބުގެ ތެރޭގައި ވި ވައުދުތަކަށް އަމަލުކުރުމަށް މަގުފަހިކުރަން ޖެހޭ ކޮންމެ ކަމަކަށް ތައްޔާރު،" އޮބާމާ ވިދާޅުވި އެވެ.

އިގްތިސޯދީ ފަރާތްތަކުން ބުނަނީ އޮބާމާގެ ޓެކްސް ޕްލޭންގެ ސަބަބުން އެމެރިކާގެ އާމްދަނީ ރަނގަޅުވެ ދަރަނިތައް ފޫބެއްދުމަށް އެކަމުން އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ. އިގްތިސޯދީ ފަރާތްތަކުގެ ތާއީދު އޮތް ނަމަވެސް އެ މައްސަލައިގައި ޑިމޮކްރެޓުންނާއި ރިޕަބްލިކަނުންގެ ހިޔާލުގެ ތަފާތުކަމުން އެ މައްސަލައިގައި އަދި ވަނީ ވަކިގޮތެއް ނުނިންމި އެވެ.