ކުރިކެޓް ބޯޑުން އިންތިޒާމްކޮށްގެން ބާއްވާ އަލޯރާ މާސްޓާ ކުރިކެޓް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ވެޓްރަންސް ސްޕޯޓްސް ކުލަބުން ހޯދައިފި އެވެ.

ވެޓަރަންސް ފައިނަލުގެ ފަހު ޖާގަ ކަށަވަރު ކުރީ އިއްޔެ ކުޅުނު ތިން ވަނަ ސެމީފައިނަލުގައި މާލޭ ސްޕޯޓްސް ކުލަބާ ވަދަކޮށް ހަ ވިކެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.

އިއްޔެގެ މެޗުގެ ޓޮސް ދިމާވުމުން މާލޭ ސްޕޯޓްސް ކުޅެންއަރާ 15 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 34 ލަނޑު ހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 10 ލަނޑު ހެދި މުސްތާގް އަހްމަދެވެ. މިއިންގްސްގައި އަހުމަދު ލަތީފް ހަތަރު ލަނޑަށް ހަތަރު ވިކެޓް ނެގި އިރު، އާދަމް ޒަމީލް ހަތަރު ލަނޑަށް ތިން ވިކެޓް ނެގި އެވެ.

ޖަވާބުފައި ވެޓަރަންސް ކުޅެންއަރާ 11 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 35 ލަނޑު ހެދި އެވެ. އަދި އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 12 ލަނޑު ހެދި އިބްރާހިމް ރިޔާޒެވެ.

މުބާރާތުގެ ފައިނަލް މެޗުގައި ވެޓަރެންސް އާ ދެކޮޅަށް ނިކުންނާނީ އޮފް އެފް ސީ އެވެ. ފައިނަލް މެޗް ކުޅޭނީ މިއަދު މެންދުރު ފަހު 2:00 ޖަހާއިރު އެވެ.