10 Nov 2012, 12:17
ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ނޮވެމްބަރު ތިނެއްގެ ހާއްސަ ރަސްމިއްޔާތު މިމަހުގެ 14 ވަނަ ދުވަހުގެ ރޭ 8:30ގައި ޖުމްހޫރީމައިދާނުގައި ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން ބުނީ މައިގަނޑު ތިން ބައެއްގެ މައްޗަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތުގައި ރާއްޖޭގައި ތިބި މަޝްހޫރު ބައެއް ލަވަކިޔުންތެރިން، ހަތަރު ލަވައެއް ހުށަހަޅައިދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. ލައިވްކޮށް ލަވަ ހުށަހަޅައި ދެމުންދާ އިރު އެމްއެންޑީއެފްގެ ބްރާސްބޭންޑުން ލައިވް މިއުޒިކް ކުޅެމުންދާނެ ކަމަށެވެ. މިއީ މިހާތަނަށް ރާއްޖޭގެ އެންމެ ގިނަ މިއުޒިޝަނުން އެއްފަހަރާ ލައިވްކޮށް ލަވަހުށަހަޅައިދޭ ފުރަތަމަ ފަހަރު ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.
އަންނަ ހަފްތާގެ ބުދަ ދުވަހުގެރޭ އޮންނަ އެ ރަސްމިއްޔާތުގައި ހުށަހަޅައިދޭ ލަވަތައް ހަދާފައި ވަނީ މިވަގުތު ރާއްޖޭގައި ތިބި މޮޅު ޅެންވެރީންގެ ތެރެއިން ބައެއް ޅެންވެރިކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން ބުނީ އެ ރަސްމިއްޔާތުގައި ބައެއް ވާހަކަ ދެއްކުންތެރިންނާއި ސްކޫލްތަކުގެ ދަރިވަރުން ދުވަހާ ގުޅޭގޮތުން ވާހަކަދައްކާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ނޮވެމްބަރު ތިން ވަނަ ދުވަހާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަންތަކެއް ވެސް ދައްކާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ އެ ރަސްމިއްޔާތުގައި އެންމެފަހުން އޮންނާނީ ބަޑިބޭހުގެ ކުޅިވަރުތައް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެ ރަސްމިއްޔާތު ލައިވްކުރަން ބޭނުންވާ ފަރާތްތަކަށް އެމްއެންޑީއެފާ ގުޅިގެން އެކަން ކުރިއަށްގެންދިއުމަށް ވަނީ ހުޅުވާލާފަ އެވެ.