10 Nov 2012, 12:08
އިތުބާރު ކުރެވޭ މަގާމެެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގި މީހަކު 15 އަހަރަށް ޖަލަށް ލުމަށް ނ. ކުޑަފަރީ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ މައްސަލައިގައި 15 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ ގދ. ވާދޫ މާފޮޅޭގޭ މޫސާދީދީ، 45، ގެ މައްޗަށެވެ.
މިދިޔަ އަހަރުގެ މާޗް 24 ވަނަ ދުވަހު ހިނގި އެހާދިސާއާ ގުޅިގެން ދައުލަތުން އޭނާގެ މައްޗަށް ކުރި ދައުވާގެ ހުކުމް އިއްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އޭނާގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި މެެދު ޚާއްސަ އުސޫލުތަކަކަށް އަމަލު ކުރުމާ ބެހޭ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުންނެވެ.
އެ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ހ) ބުނަނީ ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގައިފިކަމަށް ވާނަމަ، އެކުރަނީ ކުށެއްކަމަށެވެ. އަދި އެ މާއްދާގެ (ށ) ގައި ބުނަނީ އެފަދަ ކުށެއް ޝަރީއަތަށް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 15 އަހަރާއި 18 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށެވެ.