10 Nov 2012, 10:51
އޭސީ މިލާންގެ ކުރީގެ ތަރި ގެނޭރޯ ގަޓޫސޯގެ ފުޓްބޯޅަ ކެރިޔަރު ނިންމާލުމަށް ފަހު، ކޯޗަކަށް ވާން ބޭނުންވާ ކަމަށް އޭނާ ބުނެފި އެވެ.
ތޭރަ އަހަރު ދުވަހުގެ މުއްދަތަކަށް މިލާނަށް ކުޅުމަށް ފަހު، ގަޓޫސޯ މިހާރު ފެންނަމުން ދަނީ ސިވިޒަލޭންޑްގެ ސިއޯން އިން ނެވެ. ގަޓޫސޯގެ ފުޓްބޯޅަ ކެރިޔަރުގައި ގިނަ ކާމިޔާބީތަކެއް ހޯދަމުންދިޔަ ކްލަބަށް އެނބުރި ދާން ބޭނުންނުވާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
"މިލާނަށް އެނބުރި ދިއުން؟ އަހަރެން ދެން މިލާނަށް ދާކަށް ބޭނުމެއް ނޫން. ސިއޯންއަށް އައިސް އެކުލަބުގެ އޮފިޝަލުންނަށް އަހަރެންގެ ބަސް ދީފިން. އަހަރެން ބޭނުން ވަނީ މިކުލަބުގައި ހުރެ ބޮޑު ހިއްސާއެއް ވާން. އިޓަލީގެ އެއްވެސް ކްލަބަކަށް ދާކަށް ބޭނުމެއް ނޫން. އަހަރެން ބޭނުން ވަނީ ކޯޗަކަށް ވާން. ނަމަވެސް އެއީ ފުޓްބޯޅަ ކެރިޔަރަށް ފަހު." ގަޓޫސޯ ބުންޏެވެ.
ގަޓޫސޯގެ ފުޓްބޯޅަ ކެރިޔަރުގައި ހޯދާފައިވާ ކާމިޔާބީތަކަށް ބަލައިލާ އިރު، އޭނާ ވަނީ މިލާނާ އެކު ދެ އަހަރެއްގެ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އަދި އިޓަލީ ގައުމީ ޓީމާއެކު ގަޓޫސޯ ވަނީ ވޯލްޑް ކަޕް 2006 ކާމިޔާބުކޮށްފަ އެވެ.