10 Nov 2012, 10:49
ސްޕެއިންގެ ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ބާސެލޯނާގެ ތަރި ލިއޮނެލް މެސީ ޗެލްސީގެ ކުރީގެ ތަރި ޑިޑިއާ ޑްރޮގްބާ ތަޢުރީފްކޮށްފި އެވެ.
ޗައިނާގެ ޝަންހާއީ ޝެންހުއާ އަށް ކުޅެމުންދާ އުމުރުން 34 އަހަރުގެ އައިވަރީ ކޯސްޓް ފޯވާޑް ރޮނާލްޑޯއާއި މެސީ އަށް ތަޢުރީފް ކުރި ނަމަވެސް މި އަހަރުގެ ބެލަންޑިއޯ އެވޯޑްގައި ވޯޓްދޭނެ ކުޅުންތެރިއާގެ ނަން ހާމަކުރަން ވަނީ ދެކޮޅު ހަދައިފަ އެވެ.
"އެވޯޑަކީ ރޮނާލްޑޯ ނޫނީ މެސީގެ އެއްޗެއްކަން އެނގޭ. އެ ދެކުޅުންތެރިން ދަނީ ގިނަ ލަނޑުތަކެއް ކާމިޔާބުކޮށް މޮޅު ކުޅުމެއް ދައްކަމުން. ކުރިން ވާދަވެރި މުބާރާތެއްގައި އެންމެ ގިނައިން ވެސް ކުޅުންތެރިއަކަށް ކާމިޔާބުކުރެވެނީ 30 ލަނޑު. ނަމަވެސް މެސީ އާއި ރޮނާލްޑޯ މިހާރަކަށް އައިސް ސީޒަނެއްގައި 40 ވަރަކަށް ލަނޑު ކާމިޔާބުކުރޭ. އެއީ ވަރަށް މޮޅު ދެކުޅުންތެރިން. އަހަރެން ވޯޓް ދޭނެ ކުޅުންތެރިއެއް ބުނެވޭކަށް ނެތް." ޑްރޮގްބާ ބުންޏެވެ.
އައިވަރީ ކޯސްޓް ފޯވާޑް އިތުރަށް ބުނި ގޮތުގައި، ޗެލްސީގެ ކުރީގެ ކޯޗް އަދި މިހާރުގެ ރެއާލް މެޑްރިޑްގެ ކޯޗް ހޯސޭ މޮރީނިއޯ އާއި ވާހަކަ ދައްކާ ކަމަށެވެ. "އަހަރެންނަށް އަބަދުވެސް މޮރީނިއޯ އަދި ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗްގެ މެސެޖްތައް ލިބޭ. މައްސަލައަކީ މޮރީނިއޯ އަކަށް ނޭނގޭ ޗައިނާގެ ގަޑިއާއި ސްޕޭންގެ ގަޑިއާއި ހުރި ތަގާތެއް. މޮރީނިއޯ އާންމުކޮށް މެސެޖް ފޮނުވަނީ އަހަރެން ނިދާ ގަޑީގައި." ޑްރޮގްބާ ބުންޏެވެ.
ބެލަންޑިއޯ އެވޯޑަށް ނޮމިނޭޓް ވެފައިވާ 23 ކުޅުންތެރިން ހާމަކޮށްފައިވާ އިރު، ގިނަ ބަޔަކު ވާހަކަ ދައްކަމުންދަނީ ރޮނާލްޑޯ އަދި މެސީގެ ވާހަކަ އެވެ. އެކި ކުޅުންތެރިންނާއި ކޯޗުންގެ ހިޔާލު ތަފާތުކަން ފާހަގަކޮށްލެވެ އެވެ.