އިޓަލީގެ ކާމިޔާބީ ކުލަބެއް ކަމަށްވާ އޭސީ މިލާނަށް މިސީޒަނުގެ އިޓަލީ ލީގު ކާމިޔާބު ކުރެވިދާނެ ކަމަށް އެ ކުލަބުގެ ކުރީގެ ތަރި އަލެސެންދްރޯ ނެސްޓާ ބުނެފި އެވެ.

މިލާނަށް މޮޅު ކުޅުމެއް ދެއްކި ސްވިޑަން ފޯވާޑް ޒްލަޓަން އިބްރަހިމޮވިޗް އާއި ބްރެޒިލް ޑިފެންޑަރު ތިއާގޯ ސިލްވާ އެކުލަބާއި ވަކިވުމާ އެކު، އެ ޓީމަށް ވަނީ ކާމިޔާބީއެއް ހޯދަން އުނދަގޫތަކަކާ ކުރިމަތިލާންޖެހިފަ އެވެ. މިލާނަށް ކުރީގެ ކުޅުން ދެއްކި ދާނެ ކަމަށް މިހާރު ކެނެޑާގެ މޮންޓްރެއާލް އަށް ކުޅެމުން އަންނަ ނެސްޓާ ގަބޫލުކުރެ އެވެ.

"މިލާންގެ ނިމުމުގެ ވާހަކަ ދައްކަން އަދި މާއަވަސް. އަދި ޔުވެންޓަސް ނުވަތަ އިންޓަމިލާނަށް ލީގު ކާމިޔާބުކުރެވޭނެއޭ ބުނުން ވެސް މާ އަވަސް. މިސީޒަން ނިމުމާ އެކު މިލާނަށް އެ ހިސާބަށް ދެވޭނެކަމުގެ ޔަގީންކަން އަރުވަން. މުހިންމު ކުޅުންތެރިންތަކެއް ޓީމް ދޫކުރި ނަމަވެސް މިލާނަށް ލީގު ކާމިޔާބުކުރެވިދާނެ. މިލާނަށް ކުރީގެ ކުޅުން ދެއްކޭނެ." ނެސްޓާ ބުންޏެވެ.

މިދިޔަ ސީޒަންގެ ދެވަނާގައި އޮވެ އިޓަލީ ލީގު ނިންމާލި މިލާން މިސީޒަނުގައި އޮތީ ލީގުގެ ދިހަ ވަނާގައި ސާދަ ޕޮއިންޓާ އެކު އެވެ. އެއްވަނާގައި އޮތް ޔުވެންޓަސް އާއި މިލާންއާ ދެމެދު ސާދަ ޕޮއިންޓްގެ ފަރަގެއް އެބަ އޮތެވެ.