17 Sep 2010, 10:49
"ގަންނާނެބާ ސަރުކާރު"ގެ ނަމުގައި ޑީއާރްޕީން މިރޭ ބާއްވާނެ ކަމަށް އިއުލާނު ކޮށްފައިވާ މުޒާހަރާ މާދަމާ ރެ އަށް ފަސްކޮށްފި އެވެ.
ޑީއާރްޕީގެ މުޒާހަރާ ބާއްވަން މަސައްކަތް ކުރާ އެ ޕާޓީގެ ސީނިއާ ލީޑާޝިޕްގެ މެންބަރުންގެ ތެރެއިން ނައިބު ލީޑަރު އުމަރު ނަސީރު މިއަދު ވިދާޅުވީ މުޒާހަރާ މާދަމާރެ އަށް ފަސްކުރަން ޖެހުނީ މޫސުން ގޯސްވުމުގެ ސަބަބުން އެފަދަ މުޒާހަރާއެއް މިރޭ ބާއްވަން ފަސޭހަ ނުވާނެތީ ކަމަށެވެ.
އުމަރު ވިދާޅުވީ މި ރޭ މުޒާހަރާ ބޭއްވުމަށް ނިންމާފައިވަނިކޮށް މިއަދު މޫސުން ގޯސްވުމުން މާދަމާ ރެއަށް މުޒާހަރާ ފަސްކުރީ މޫސުމާ ބެހޭ އިދާރާ އިން ވެސް މައުލޫމާތު އޮޅުން ފިލުވުމަށް ފަހު މިވަގުތު އެންމެ ރަނގަޅު ވާނީ "މޫސުމަށް ބަލައިގެން" މުޒާހަރާ އަށް ނުކުތުން ކަމަށް ފެނިގެން ކަމަށެވެ.
"މުސޫން ގޯސް ކަމަށް ވާނަމަ މުޒާހަރާ އަށް ވާން ޖެހޭ ތައްޔާރީތައް ވެސް ނުކުރެވޭނެ. އެހެންވީމާ ފަސްކޮށްލީ،" އުމަރު ވިދާޅުވި އެވެ.
ސަރުކާރުން ދައުލަތުގެ ހަރުމުދާތައް ވިއްކުމާ ދެކޮޅަށް "ގަންނާނެބާ ސަރުކާރު"ގެ ނަމުގައި ޑީއާރްޕީން މުޒާހަރާއެއް ބާއްވާ ކަމަށް ބުނަމުން ދަނީ ޑީއާރްޕީގެ ބައެއް ސީނިއާ ލިޑަރުންނެވެ. އެ މުޒާހަރާއެއް މާލޭ އާޓިފިޝަލް ބީޗުގައި ބާއްވާނެ ކަމަށް ބުނެ އެސްއެމްއެސްތައް ފޮނުވަން ފެށީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެނެވެ.
ނަމަވެސް ޑީއާރްޕީގެ ސެކްރެޓޭރިއޭޓުން ބަޔާނެއް ނެރެ ބުނެފައި ވަނީ ޑީއާރްޕީން މުޒާހަރާއެއް ބާއްވަން ނިންމާފައި ނުވާ ކަމަށެވެ. އަދި މުޒާހަރާއެއް ޑީއާރްޕީން ބާއްވަނީ ކަމަށް ބުނެ ފޮނުވަމުން ދަނީ ދޮގު އެސްއެމްއެސްތަކެއް ކަމަށެވެ. ހަމައެއާ އެކު ޑީއާރްޕީގެ އާމީންއާއްމު އަބްދުއް ރަޝީދު ނާފިޒު ވިދާޅުވެފައި ވަނީ ޕާޓީގެ ކައުންސިލުން މުޒާހަރާއެއް ކުރަން ނިންމާފައި ނުވާ ކަމަށެވެ.
މިރޭ ބާއްވާ މުޒާހަރާ މާދަމާ ރެއަށް ފަސްކުރީ މިކަމާ ގުޅިގެން ޕާޓީގެ ސީނިއާ ލީޑަޝިޕްގެ ދެ ގްރޫޕެއްގެ މެދުގައި ބަހުގެ ހަމަލާތަކެއް އުފެދި، މުޒާހަރާއާ މެދު ގިނަ ބައެއްގެ ސަމާލުކަން އިތުރުވެފައި ވަނިކޮށެވެ.