14:30


އަރަބިއްޔާ އިމާރާތް ކުރާނެ ފައިސާ އެޑިއުކޭޝަން މިނިސްޓްރީގައި ނެތް ނަމަވެސް، އަރަބިއްޔާގެ ކިޔެވުން ކުރީގެ އެމްއީއެސް އިމާރާތުގައި ކުރިއަށް ގެންދެވޭނީ ގިނަވެގެން ދެ އަހަރަށް ކަމުގައި އެމްއީއެސް އިމާރާތް ކުއްޔަށް ހިފައިގެން އުޅޭ މަންދު ކޮލެޖުން ބުނެފި އެވެ.


ކުރީގެ އެމްއީއެސްގައި މިހާރު ހިންގާ މަންދު ކޮލެޖްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، އެ ކޮލެޖްގެ ޗެއާމަން އިބްރާހިމް އިސްމާއިލް އިބުރާ މިއަދު ވިދާޅުވީ، އަރަބިއްޔާ އިމާރާތްކުރާނެ ފައިސާ ދެ އަހަރު ދުވަހުގެ ތެރޭ އެޑިއުކޭޝަން މިނިސްޓްރީއަށް ނުލިބުނަސް، އެ ކޮލެޖްގެ މާލީ ހާލަތަށް ބަލައި އަދި އަރަބިއްޔާގެ ދަރިވަރުންނާއި އެ ކޮލެޖްގެ ދަރިވަރުން މިއަދު ބޭނުން ކުރަންޖެހިފައިވާ ވަސީލަތްތަކާއި ހިދުމަތްތަކުގެ ފެންވަރަށް ބަލައި، ދެ އަހަރު ދުވަހަށް ފަހު އަރަބިއްޔާގެ ދަރިވަރުންނަށް އެ ކޮލެޖު އިމާރާތުން ޖާގަ ދެވެން ނެތް ކަމަށެވެ.


ސަރުކާރާއި އަރަބިއްޔާ ސްކޫލްގެ މެނޭޖްމަންޓްގެ އެދުމުގެ މަތިން އެއްވެސް އެއްބަސްވުމަކާ ނުލައި، އެ ކޮލެޖްގެ 12 ކްލާސް ރޫމެއް ދެ އަހަރު ދުވަހަށް ދީފައި ވަނީ އަރަބިއްޔާގެ ދަރިވަރުން ކިޔެވުން ހުއްޓާލައި، އެ ދަރިވަރުން މަގުމަތިވިޔަ ނުދިނުމުގެ ބޭނުމުގައި ކަމަށް ވެސް އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.


އެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަރަބިއްޔާ ސްކޫލްގެ މުދީރު އައްޝައިހް މުހައްމަދު ރަޝީދު އިބްރާހިމް ރަޝީދު މިއަދު ވިދާޅުވީ އަރަބިއްޔާ އިމާރާތް ބާވެ، ދަރިވަރުންނަށް ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތަކުގެ ވާހަކަ ވޭތުވެދިޔަ ހަ އަހަރު ދުވަހު އެޑިއުކޭޝަން މިނިސްޓްރީގައި ދަންނަވާފައިވާނެ ކަމަށާއި ނަމަވެސް މިއަދު އެ އިމާރާތުގެ ތަންތަންގަނޑު ވެއްޓި، ސްކޫލްގައި ކިޔަވައިދެވޭނެވަރު ނުވުމުން، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ވެސް އެ ތާނގައި އިމާރާތެއް ކުރާނެ ފައިސާ އެޑިއުކޭޝަން މިނިސްޓްރީގައި ނެތްކަން އެއީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ.


ނޫސްވެރިންގެ އެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރުގެ ނައިބް ޝިފާ މުހައްމަދު މިއަދު ވިދާޅުވީ މާލޭގެ ގިނަ ސްކޫލްތަކެއްގެ އިމާރާތް ބާވެފައިވާ ކަމަށާއި އަދި އަރަބިއްޔާ ސްކޫލަށްވުރެ އިމާރާތުގެ ދަތިކަމާއި، ބަލިކަށި ސްކޫލްތައް އަތޮޅުތެރޭގައި ވެސް އެބަހުރި ކަމަށެވެ.


ވަގުތީ ގޮތުން ކިޔެވުން ހުއްޓާލަންޖެހިފައިވާ، ރާއްޖޭގައި އަރަބި ތައުލީމް އުނގަންނައިދޭ ހަމައެކަނި ސްކޫލްގެ ކިޔެވުން، ދެ ސެޝަނަށް ބަހަހާލައިގެން އަންނަ އާދީއްތަ ދުވަހު އަލުން ފަށާނެ ކަމަށް އަރަބިއްޔާ އިން ބުނެ އެވެ.


ގްރޭޑް އެކަކުން ބާރައާ ހަމައަށް ކިޔަވައިދޭ 630 ދަރިވަރުންގެ އަރަބިއްޔާ ސްކޫލްގެ ކިޔެވުން މަންދު ކޮލެޖްގައި ކުރިއަށް ގެންދާނީ 12 ކުލާސް ރޫމެއްގައި ކަމަށް ވެސް އަރަބިއްޔާ އިން ބުނެ އެވެ.