ބްރެޒިލްގައި 2014 ވަނަ އަހަރު ބާއްވާ ވޯލްޑްކަޕް ކުޅޭ ސްޓޭޑިއަމްތައް ކޮންފެޑަރޭޝަން ކަޕްގެ ކުރިން ތައްޔާރުނުކުރެވޭނެތީ ފީފާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވޯލްޑްކަޕްގެ ކުރިން ބާއްވާ ކޮންފެޑަރޭޝަން ކަޕް 2013 ކުޅޭނެ ސިޓީތައް މިދިޔަ ބުރާސްފަތި ދުވަހު ހާމަކޮށްފައިވެ އެވެ. އެގޮތުން ކޮންފެޑަރޭޝަން ބޭއްވުމަށް ހަމަޖެހިފައިވާ ސިޓީތަކަކީ ރިއޯ ޑީ ޖެނޭރޯ، ރެސީފޭ، ބެލޯ ހޮރިޒޮންޓޭ، ބްރެސީލާ، ސަލްވާޑޯ އަދި ފޯޓަލެޒާ އެވެ. ނަމަވެސް ގިނަ ސްޓޭޑިއަމްތަކުގެ މަސައްކަތް އަދިވެސް ތައްޔާރުކުރެވިފައި ނުވާތީ ފީފާ އިން ކަންބޮޑުވެ އެވެ.

"އަހަރެން އަބަދު ވެސް ބުނިން ސްޓޭޑިއަމްތަކުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނިމެން ޖެހޭނެއޭ. ނަމަވެސް މި އަހަރުތެރޭ ތައްޔާރުކުރެވޭނީ އެންމެ ދެ ސްޓޭޑިއަމް. ބެލޯ ހޮރިޒެނޮންޓޭ އަދި ފޯޓޭޒާ އަކީ މިހާރު އަހަރެމެން މޮޑެލްއެއް. އެހެން ސްޓޭޑިއަމްތަކުގެ މަސައްކަތް ނިމޭވަރު ވާނީ އަންނަ އަހަރު ފެބްރުއަރީގައި. ޓެކްނިކަލް ރިޕޯޓަކާއި ޕޮލިޓީކަލް ކޮމިޓްމަންޓެއް އަހަރެމެންނަށް ލިބިއްޖެ. ނަމަވެސް ސްޓޭޑިއަމްތަކުގެ މަސައްކަތް ދީފައިވާ ތާރީހަށް ނުނިމޭނެތީ އަހަރެމެން ކަންބޮޑުވަން." ފީފާގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ވޯލްޓާ ގްރެގޯރިއޯ ބުންޏެވެ.

ބްރެޒިލްގައި ވޯލްޑްކަޕް ބާއްވާ އިރު، ސްޓޭޑިއަމްތައް ޓެސްޓްކުރުމުގެ ގޮތުން ފީފާ އަށް ވަގުތު ލިބިދާނެކަމާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.