10 Nov 2012, 10:41
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަންގައި މަސްތުވާތަކެތީގެ އަށް މައްސަލައަކާ ގުޅިގެން 13 މީހަކު ހައްޔަރުކޮށްފި އެވެ.
އެ އެންމެން ވެސް ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުގެރޭ މާލޭގައި ހިންގި އޮޕަރޭޝަނެއްގަ އެވެ. ފުލުހުން ބުނީ އެ އޮޕަރޭޝަންގައި ނުވަ އަންހެނަކާއި 122 ފިރިހެނުން ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އަށް ރެސްޓޯރެންޓާއި ތިން ގެސްޓް ހައުސް ވެސް ބަލައި ފާސްކޮށްފަ އެވެ. މިމައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 13 ފިރިހެނުންނެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަންގައި ބުދަ ދުވަހުގެރޭ 8:50 ހާއިރު ބަޑިފަސްގަނޑުމަގުން ހިނގާފައި ދިޔަ 18 އަހަރުގެ މީހަކު ހުއްޓުވައި ބަލައި ފާސް ކުރި އިރު އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 14 ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ. އަދި ހަމަ އެ ރޭ 9:15 ހާއިރު ޑޮލްފިން ކެފޭގައި ތިބި ތިން ފިރިހެނުންގެ ބްރެތު އެނަލިސިސް ހެދި އިރު (ނޭވާލާ ގޮތް ބެލި އިރު) ބަނގުރަލަށް ޕޮޒިޓިވްވި އުމުރުން 27 އަހަރުގެ މީހަކާއި 24 އަހަރުގެ ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އެ އޮޕަރޭޝަނުގައި އެރޭ 9:41 ހާކަންހާ އިރު ޑައިންމޯގާޑަން ކައިރީ ހުރި 19 އަހަރުގެ މީހަކު މަސްތުވާތަކެތި ބޭނުން ކޮށްގެން ހުރި ކަމަށް ތުޙުމަތު ކުރެވިގެން ހައްޔަރުކޮށްފައިވެ އެވެ. އަދި ހަމަ އެވަގުތު އެހެން ދިޔަ 18 އަހަރުގެ މީހަކު ބަލައި ފާސް ކުރި އިރު އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ސެލޯފިން ކޮޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މީގެ އިތުރުން ވެސް އެރޭ 10:00ގައި ސީހައުސް ތެރެއިން ހުއްޓުވި 19 އަހަރުގެ މީހަކު ބްރެތު އެނަލިސިސް ހެދުމުން ބަނގުރަލަށް ޕޮޒިޓިވް ވެފައިވެ އެވެ. އަދި ސީހައުސްތެރެ ބަލައި ފާސް ކުރުމުން އެތަނުގެ ފުރާޅުމަތިން ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ހަމަ ރޭ 10:50 ހާއިރު ރޯޔަލް ޕާކް ބަލައި ފާސް ކުރިއިރު އެތަނުން ހަތަރު މީހަކު މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި ކަމަށް ފުލުހުން ބުނެ އެވެ. އަދި އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އިރު ހަތަރު މީހުން ތިބި މޭޒުމަތީމަތީގައި އޮތް ސިނގިރޭޓް ފޮއްޓެއްގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ދެ ސެލޯފިން ކޮޅު ހިފައިގެން ކަމަށް ވެސް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ އެމީހުން ތިބި ސަރަހައްދު ބަލައި ފާސް ކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗިއްސާއި ދުންފަތާ އެއްކޮށްފައި ހުރި ތިން ބިޑި ފެނިފައިވާ ކަމަށެވެ. އެ މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 25 އަހަރުގެ ތިން މީހުންނާއި 19 އަހަރުގެ މީހެކެވެ.
މީގެ އިތުރުން ހަމަ އެރޭ 12:40 ހާއިރު މާފަންނު ގަޑިބުރު ކައިރިން ސައިކަލުގައި ދިޔަ އުމުރުން 31 އަހަރުގެ މީހަކު ހުއްޓުވައި ބަލައި ފާސް ކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ރަބަރު ޕެކެޓެއް ފެނިފައިވެ އެވެ. އަދި އެ މީހާ ދިރިއުޅޭ ކޮޓަރި ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ކޮތަޅަކާއި ހަތަރު ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި އެވަގުތު އެކޮޓަރީގައި ހުރި 40 އަހަރުގެ ފިރިހެނަކު ވެސް އެ މައްސަލައާ ގުޅިގެން ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ އެދެ މީހުން މާލޭ ކަސްޓޯޑިއަލް އަށް ގެންގޮސް ހަށިގަނޑު ބަލައި ފާސްކުރި އިރު އޭގެ ތެރެއިން 31 އަހަރުގެ މީހާގެ ހަށިގަނޑުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ.