10 Nov 2012, 09:42
ރާއްޖޭގެ އަމިއްލަ ކުންފުއްޏެއްކަމަށްވާ ސިމްޑީއިން ކެއާސޮސައިޓީއަށް ތަފާތު ހަދިޔާތަކެއް ހަދިޔާކޮށްފި އެވެ.
ސިމްޑީ ރެކްރިއޭޝަމް އެންޑް ސޯސަލް ކުލަބްގެ ފަރާތުން ކެއާސޮސައިޓިއަށް އެހީތެރިވުމުގެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ކެއާސޮސައިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސިމްޑީގެ ފަރާތުން ވަނީ ކެއާސޮސައިޓީއަށް ކެނޯން ބްރޭންޑްގެ ޕްރިންޓާއަކާއި ކެއާސޮސައިޓިގެ ކޮންމެ ދަރިވަރަކަށާއި ޓީޗަރަކަށް ހަދިޔާއެއް ދީފަ އެވެ. އަދި ކެއާސޮސައިޓީ ވަނީ އެ ކުންފުނީގެ ކޯޕަރޭޓް މެންބަރެއްގެ ގޮތުގައިވެސ ްރަޖިސްޓްރީކޮށްފަ އެވެ.
ސިމްޑީގެ އެޗްއާރް އެންޑް ޑިވެލޮޕްމެންޓްގެ މެނޭޖާ އަހުމަދު އިރާޝް ވިދާޅުވީ މިއަދު ބޭއްވިގެން ދިޔަ ހަރަކާތްތަކަކީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކެއާސޮސައިޓީއަށް އެހީތެރި ވުމުގެގޮތުންނާއި ކެއާސޮސައިޓީއަށް ދިމާވެފައިވާ ދަތިތަކާމެދު މުޖުތަމައު ހޭލުންތެރިކުރުމުގެގޮތުން ބޭއްވި ހަރަކާތެއް ކަމަށެވެ.
"މިއަދު އަޅުގަނޑުމެން މިވަނީ ކެއާސޮސައިޓިއަށް ކެނޯން ޕްރިންޓައެއް ހަދިޔާކޮށްފައި، އެއީ މި ބޭފުޅުނަށް އެންމެ ދަތިކަމަކަށް ވެފައިވާ ކަމަކަށްވާތީ، އަދި ހަމައެއާއެކު އަޅުގަނޑުމެން މެމްބާޝިފް ސަބްސްކުރައިބްކޮށްފިން މިއަދު، ދެން އަޅުގަނޑުމެންގެ މެނޭޖްމަންޓާއި ސްޓާފުންވެސް އެއް ބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައިވަނީ، ދެން ކުންފުނީގެ ފަރާތުން ކޯޕަރޭޓް މެންބަސިޕް އަޅުގަނޑުމެން މިވަނީ ނަގާފައި އެހެންވީމަ ކޮންމެ މަހަކު އަޅުގަނޑުމެންގެ އެހީތެރިކަން މިކޮޅަށް (ކެއާ ސޮސައިޓީ) އަށް ލިބޭނެ،" އިރާޝް ވިދާޅުވި އެވެ.
ކެއާސޮސައިޓީގެ ޗެއާޕާސަން މުހައްމަދު ހަމީދު(އުމަރުބެ) ވިދާޅުވީ ފުދުންތެރިކަން ލިބިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ވަރަށް ރަނގަޅު ކަމެއްކަމަށް ދެކޭ ކަމަށާއި އެފަދަ އެހީތެރިކަން ތަފާތު ގިނަ ފަރާތްތަކުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ޖާގައިގެ ދަތިކަން ކަމަށާއި އެކަން ހައްލު ކުރުމުގެ ގޮތުން ސަރުކާރާއި އެކު މަޝްވަރާކުމުން އަންނަ ކަމަށެވެ.
އިއްޔެއަކީ ކެއާ ސޮސައިޓީއަށް 14 އަހަރު ފުރުނު ދުވަހެވެ.