10 Nov 2012, 09:33
ސްޓޮކްހޮމް (ނޮވެމްބަރ 10): ސްވިޑްންގެ ބޮޑުވަޒީރު ފްރެޑްރިކް ރެއިންފިލްޑްގެ ސަލާމަތީ ކަންތައްތަކާ ބެހޭ ޚާއްސަ ބާރުތަކުގައި ހިމެނޭ ސިފައިންގެ މީހަކު ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި ރޭގެ ވަގުތެއްގައި އަމިއްލައަށް މަރުވެއްޖެ އެވެ.
މިކަން ހާމަކުރައްވަމުން ސްވިޑްންގެ ބޮޑުވަޒީރުގެ ތަރްޖަމާން މާކޮސް ފްރިބާގް ވިދާޅުވީ މި ހާދިސާ ހިނގި އިރު ބޮޑުވަޒީރު ފްރެޑްރިކް ރެއިންފިލްޑް އާއި އޭނާގެ ޢާއިލާ، ރަސްމީ ގެކޮޅުގައި ނޫޅުއްވާ ކަމުގަ އެވެ. ސްވިޑްންގެ ބޮޑުވަޒީރަށް ޙިމާޔަތް އަރުވާ ޚާއްސަ ބާރުތަކުގައި ހިމެނޭ ސިފައިންގެ މީހާ މަރުވެފައި ވަނީ އޭނާގެ ގަޔަށް އަމިއްލަ އަށް ބަޑިޖަހައިގެން ކަމަށާއި އަމިއްލަ އަށް މަރުވި މީހާއަކީ ބޮޑުވަޒީރުގެ ހަށިފާރަވެރިއެއް ނޫން ކަމަށް ބޮޑުވަޒީރުގެ ތަރްޖަމާން ވިދާޅުވި އެވެ.
ސްވިޑްންގެ ޖާސޫސީ އިދާރާ (ސަބޫ) އިންވަނީ މިޙާދިސާ ހިނގިކަން ކަށަވަރުކޮށްދީފަ އެވެ. އަދި އަމިއްލައަށް މަރުވި މީހާއަކީ ބޮޑުވަޒީރުގެ ގެކޮޅަށް ވަނުމުގެ ހުއްދަ ލިބިފައިވާ މީހެއް ކަމަށާއި ނަމަވެސް އެމީހާއަކީ ބޮޑުވަޒީރުގެ ހަށިފާރަވެރިންގެ ޓީމުގައި ހިމެނޭ މީހެއް ނޫންކަމަށް އެ އިދާރާ އިން ބުނެ އެވެ.
\
އަމިއްލަ އަށް މަރުވި މީހާ ހަތިޔާރާއެކު ސްވިޑްންގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅަށް ވަނީ ބޮޑުވަޒީރު އަވަހާރަކޮށްލުމުގެ ބޭނުމުގައި ކަން ނުވަތަ އެނޫން ބޭނުމެއްގައިކަން އަދި އެނގިފައެއް ނުވެ އެވެ. އެމީހާ އަމިއްލަ އަށް މަރުވި ސަބަބެއް އަދި ލަފާކުރެވިފައެއް ވެސް ނުވެ އެވެ. ސްވިޑްންގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ހުންނަނީ ވެރިރަށް ސްޓޮކްހޮމްގެ މެދުތެރެގައިވާ "ސަގަރިސްކާ" ނަމަކަށް ކިޔާ މައިދާނުގަ އެވެ. (ނޫސްއެޖެންސީތައް)