10 Nov 2012, 09:12
ވޮޝިންޓަން (ނޮވެމްބަރ 10): އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާ (ސީއައިއޭ)ގެ ވެރިޔާ ޑޭވިޑް ޕެޓްރިޔޮސް ކުއްލި ގޮތަކަށް މަޤާމުން އިސްތިއުފާ ދެއްވައިފި އެވެ.
ޢިރާޤާއި އަފްޣާނިސްތާނުގައި ހަނގުރާމަކުރި އެމެރިކާ ސިފައިންގެ ކޮމާންޑަރު ކަމުގެ މަޤާމު ވެސް ކުރިން އަދާކުރައްވާފައިވާ ތަރްޖިބާކާރު ޢަސްކަރީ ޖެނެރަލް، ސީއައިއޭގެ ވެރިޔާގެ މަޤާމުން އިސްތިއުފާ ދެއްވީ ކައިވެނިން ބޭރުގައި އެހެން އަންހެނަކާ އެކު ގުޅުންތަކެއް ހިންގަވަމުން ގެންްދަވާކަން ބޭޒާރުވެ އޭނާގެ އަބުރަށް ހުތުރު އެރުމާގުޅިގެންނެވެ. ޕެޓްރިޔޮސްގެ އިސްތިއުފާގެ ސިޓީ ރައީސް ބަރަކް އޮބާމާގެ އަތްޕުޅަށް އަރުވާފައިވަނީ ރޭގެ ވަގުތެއްގަ އެވެ.
އިސްތިއުފާ ދެއްވުމަށް ފަހު ޕެޓްރިޔޮސް ވިދާޅުވީ "އަމިއްލަ ސަބަބުތަކަކާ ގުޅިގެން އިސްތިއުފާ ދޭންޖެހޭ ކަމަށް ޤަބޫލުކުރެވޭތީ އިސްތިއުފާ ޤަބޫލުކޮށްދެއްވުމަށް އެދި ވައިޓް ހައުސް އަށް ގޮސް ރައީސް ބަރަކް އޮބާމާ އަށް އިސްތިއުފާއަށް ހުށަހެޅުއްވީ" ކަމުގަ އެވެ. ޕެޓްރިޔޮސް އިތުރަށް ވިދާޅުވީ "ކައިވެންޏަށް 37 އަހަރުވާންދެން ކައިރިވެފައިވަނިކޮށް ކައިވެނިން ބޭރުގައި އެހެން އަންހެނަކާ އެކު އަހަރެން ގުޅުންތަކެއް ހިންގުމަކީ އަހަރެމެންގެ މުއައްސަސާ ފަދަ ތަނެއްގެ އިސްވެރިއަކަށް ހުންނަ މީހެއްގެ ސުލޫކުގައި ވެސް އަދި ޒިންމާދާރު ފިރިއެއްގެ ކިބާގައި ވެސް ހުންނަން ޖެހޭ ސުލޫކެއް ނޫން" ކަމުގަ އެވެ.
ޕެޓްރިޔޮސްގެ ކުއްލި އިސްތިއުފާއަށް ފަހު ވައިޓް ހައުސް އިން ނެރުނު ބަޔާނެއްގައި ރައީސް ބަރަކް އޮބާމާ ވިދާޅުވެފައި ވަނީ ޕެޓްރިޔޮސްގެ އިސްތިއުފާ ޤަބޫލުކުރައްވާ ކަމަށާ ސީއައިއޭގެ ވެރިޔާގެ ޙައިޘިއްޔަތުންނާއި ޢިރާޤާއި އަފްޣާނިސްތާނުގައި ހަނގުރާމަކުރި އެމެރިކާ ސިފައިންގެ ކޮމާންޑަރު ކަމުގައި ހުންނަވައިގެން ކުރިން ޕެޓްރިޔޮސް އެމެރިކާ އަށް އަދާ ކޮށްދެއްވާފައިވާ ޚިދްމަތްތަކަށް ޝުކުރު އަދާކުރައްވާ ކަމުގަ އެވެ.
ޕެޓްރިޔޮސްގެ ކުއްލި އިސްތިއުފާއާ ގުޅިގެން އެމެރިކާގެ "ނެޝަނަލް އިންޓެލިޖެންސް"ގެ ޑައިރެކްޓަރު ޖޭމްސް ކްލޭބާ ވިދާޅުވީ ޕެޓްރިޔޮސްގެ އިސްތިއުފާއަކީ ކަމަށް ޤާބިލް ތަޖްރިބާކާރަކު ގެއްލިގެން ދިޔުންކަމުގަ އެެވެ. އަދި ޕެޓްރިޔޮސް އެމެރިކާ ޢާންމު ޚިދްމަތުގައި އުޅުއްވީ އިޙްތިރާމާއެކުގައި ކަމަށް ވެސް ކްލޭބާ ވިދާޅުވި އެވެ.
ޖެނެރަލް ޑޭވިޑް ޕެޓްރިޔޮސް އަކީ ހޮލެންޑުން އެމެރިކާ އަށް ހިޖްރަކުރައްވާފައިވާ ހޮލެންޑް ދަރިކޮޅުގެ ބޭފުޅެކެވެ. އޭނާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1952 ގަ އެވެ. ތަޢްލީމް ޙާސިލް ކުރެއްވީ ޢަސްކަރީ ދާއިރާއިންނެވެ. އެމެރިކާ ސިފައިންގެ ޚިދްމަތުގައި ޕެޓްރިޔޮސް 30 އަހަރު ހޭދަކުރައްވައި އެމެރިކާ ސިފައިންގެ ވަރަށް އިސް މަޤާމުތަކެއް އޭނާ އަދާކުރައްވާފައިވެ އެވެ. މީގެތެރޭގައި ޢިރާޤާއި އަފްޣާނިސްތާނުގައި ހަނގުރާމަކުރި އެމެރިކާ ސިފައިންގެ ކޮމާންޑަރު ކަމުގެ މަޤާމު ވެސް ހިމެނެ އެވެ. (ރޮއިޓާސް)