10 Nov 2012, 09:06
ރައްޔިތުންގެ މަޖިލީހަށް 77 މެންބަރުން އިންތިހާބުކޮށްފައި ތިބުމުގެ ހަގީގީ ބޭނުމަކީ ކޮބައިބާއެވެ؟ މަޖިލީހަކީ ގާނޫނު ހެދުމަށް އޮންނަ މުއައްސަސާއެކެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ދައުލަތުގެ ބަޖެޓް ފާސްކުރުމަކީ މަޖިލީހުގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަމަކަށް ވިޔަސް މަޖިލީހުން ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ގާނޫނުތައް ވުޖޫދަށްގެނައުމެވެ.
މީގެ ކުރިން ރާއްޖޭގައި އަމަލު ކުރަމުން އައި ނޫ ގާނޫނު އަސާސީ ބަދަލުވެ ފެހި ގާނޫނު އަސާސީއަކަށް ބަދަލުވީއިރު މިހާރު އަމަލުކުރަމުން އަންނަ ނިޒާމު ހަރުދަނާ ކުރުމަށް މުހިންމު ގާނޫނުތަކެއް ފާސްކުރުމުގެ ބޭނުން ބޮޑެވެ. ޝަރީއަތް ކުރުމަށް ބޭނުންވާ ގިނަ ގާނޫނުތަކެއް ނެތްކަމުގެ ޝަކުވާ ވެސް ފަނޑިޔާރުންނާއި ގާނޫނީ ވަކީލުން އަންނަނީ އަބަދުވެސް އުފުލަމުންނެވެ.
މިހާރަކަށް އައިސް މަޖިލީހުގެ ގިނަ މެންބަރުން ވިދާޅުވަމުން އަންނަނީ ގާޒީންނަށް ހުކުމް ނުކުރެވިގެން އުޅެނީ ގާނޫނު ނެތިގެން ނޫންކަމަށެވެ. ކުއްވެރިންނަށް އަދަބުނުދެވިގެން އުޅެނީ ވެސް ގާނޫނެއް ނެތިގެން ނޫންކަމަށެވެ. ނަމަވެސް ރާއްޖެއަށް ބޭނުންވާ މުހިންމު ގާނޫނުތަކެއް ފާސްނުކުރެވި ކޮމެޓީގައި ފުނިޖެހިފައި ހުރި ވާހަކައެއް އެ ބޭފުޅުން ދައްކަވާ އަޑެއް ނީވެ އެވެ.
ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވިގޮތުގައި ގާނޫނުތަކެއް ނުހެދިގެން އަދުލުއިންސާފު ގާއިމް ކުރުމަށް ހުރަސް ނޭޅޭނެ ކަމަށް މެންބަރުން ބުނާ ބުނުމަކީ އެއީ ޒިންމާދާރުކޮށް ބުނާ ވާހަކައެއް ނޫންކަމަށެވެ.
އޭނާ ގަބޫލުކުރައްވާ ގޮތުގައި މެންބަރުން އަމިއްލައަށް އެ ބޭފުޅުން އަދާކުރަންޖެހޭ ޒިންމާއިން ބަރީއަވެ އެހެން ބައެއްގެ ބޮލުގައި އެ ޒިންމާތައް އެޅުވުމަކީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ. އެހެންކަމުން 18 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރާއިރު އެއީ މެންބަރުން ވިސްނާލަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވެ އެވެ.
"ތިމާއަށް ތިމާގެ ޒިންމާއިން ބަރީއަވެ އެހެން ބައެއްގެ ބޮލުގައި ޒިންމާތަކެއް އެޅުވުމުގެ ނިޔަތުގައި ބުނާ އެފަދަ ވާހަކަތަކަކީ ގަބޫލުކުރެވޭނެ ވާހަކަތަކެއް ނޫން. އެއީ ވަރަށް ކަންބޮޑުވާކަހަލަ ވާހަކަތަކެއް. އެހެންވީމައި 17 ވަނަ ރައްޔިތުންގެ މަޖިލީސް ނިމި 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ފެށޭއިރުގައި ދިވެހި ރައްޔިތުން އެބަޖެހޭ މަޖިލީސްގެ މެންބަރުން ހޮވުމުގައި ވަރަށް ރަނގަޅަށް ވިސްނަން. ގާނޫނީ ގޮތުންނާއި އިލްމީގޮތުން ބަހުސް ކުރެވޭފަދަ ގޮތަކަށް މަޖިލީސް ބައްޓަންކުރުމަކީ ރައްޔިތުންގެ ކިބައިން އަޅުގަނޑު އާދޭހާއި އެކު އެދޭ ކަމެއް،" ވަހީދު ވިދާޅުވި އެވެ.
ގާނޫނުތަކެއް ފާސްނުކުރެވޭތީ ޝަރީއަތް ކުރުމަށް ހުރަސްއެޅޭކަމަށް ބައެއް މެންބަރުން ބުނަމުން އަންނައިރު ގާނޫނުލް އުގޫބާތުގެ ބިލާއި ޖިނާއީ އިޖުރާއަތުގެ ބިލާއި ހެއްކާއި ބެހޭ ބިލު އަދި މިނޫންވެސް މުހިންމު އެތައް ބިލްތަކެއް މަޖިލީހުގެ ކޮމެޓީތަކުގައި ފުނިޖެހިފައި ހުރީ އެވެ.
މިހާރު އަމަލު ކުރަމުންދާ ގާނޫނުލް އުގޫބާތަކީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ދައުރުގައި އެކުލަވާލާފައިވާ ގާނޫނެކެވެ. އެ ގާނޫނުގައި ކުއްތަކަށް ކަނޑައެޅިފައިވާ އަދަބުތައް ކުޑަކަން ފާހަގަ ކުރެވެ އެވެ. ވައްކަމާއި ފޭރުމާއި މަކަރާއި ހީލަތް ހެދުމާއި ޚިޔާނާތްތެރިވުމުގެ މައްސަލަތަކުގައި ގާނޫނުލް އުގޫބާތުގެ ދަށުން ދައުވާ ކުރެވޭއިރު އެފަދަ ކުއްތަކަށް އެންމެ އެކަށީގެންވާ އަދަބު ކަނޑައެޅިފައި އޮންނަން ޖެހެ އެވެ. ނަމަވެސް މިފަދަ މައްސަލަތަކުގައި ގިނަފަހަރަށް ކޯޓުތަކުން ހުކުމް ކުރަނީ އަރުވާލުމަށެވެ. އަރުވާލަން ކުރާ ހުކުމްތައް ތަންފީޒު ނުކުރެވޭނެ ކަމަށް ޑީޕީއާރްއެސް އިން ވެސް ވަނީ ބުނެފަ އެވެ. ސަބަބަކީ އެ އަދަބަކީ ޒަމާނަށް ނުފެދޭ އަދަބަކަށް ވާތީ ކަމަށް ޑީޕީއާރްއެސް އިން ބުނެ އެވެ.
ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވި ގޮތުގައި މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންނަށް އިޚުލާސްތެރި ބައެއް ނޫނެވެ. އަދި އެބޭފުޅުންނަކީ ރައްޔިތުންނަށް އިޚުލާސްތެރިބައެއް ކަމަށް ވާނަމަ ގާނޫނު އަސާސީން އެބޭފުޅުންގެ މައްޗަށް ލާޒިމްކޮށްފައިވާ އެތަކެއް ކަމެއް ނުކޮށް އަމިއްލައަށް މުސާރަ ކަނޑައަޅައި މުސާރަ ނަންގަވައިގެން ނުތިބޭނެ ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.
"މަޖިލީހުގައި ރަނގަޅަށް މަސައްކަތް ކުރާ އެންމެ ދެ ތިން ހަތަރު މެންބަރުން ތިބީ. މެންބަރުންގެ އިޚުލާސްތެރިކަން ނެތްކަން އެނގޭ އެއްކަމަކީ ގާނޫނު އަސާސީގައި އެބޭފުޅުންގެ މައްޗަށް ލާޒިމްކޮށްފައި އެބަހުރި ވަކި މުއްދަތަކަށް ނިންމަންޖެހޭ ކަންތައްތައް. އެއިން ކަމެއް ނިންމުނުތޯ؟ އެބޭފުޅުންނަކީ ގައުމަށް ވަފާތެރި ބައެއް ނަމަ ގާނޫނު އަސާސީ ފަހަނައަޅައި ނުދާނެ،" ޝާހު ވިދާޅުވި އެވެ.
ކޯޓުތަކުގައި މައްސަލަތައް ނުނިމި ދިގުދެމިގެންދާއިރު ވެސް އެކަމަށް ވަކި އުސޫލުތަކެއް ކަނޑައެޅިފައެއް ނުވެ އެވެ. ކިތަންމެ ގިނަ ދުވަހެއް ވަންދެން މައްސަލަތައް ނުނިންމާ ކޯޓުގައި އޮތްނަމަވެސް އެކަމުގައި ޒިންމާ ވާންޖެހޭ ފަރާތްތަށް ޖަވާބުދާރީ ކުރެވި ފިޔަވަޅު އެޅޭނެ ހަމަ އެއްވެސް ގޮތެއް ފެންނާކަށް ނެތެވެ. މިކަންކަން ހައްލު ކުރުމަށްޓަކައި ޖިނާއީ އިޖުރާއަތުގެ ގާނޫނެއް ވުޖޫދަށް ގެނައުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. އެ ބިލްވެސް އޮތީ މަޖިލީހުގެ ކޮމެޓީގައި ތާށިވެފަ އެވެ.
ޖިނާއީ މައްސަލަތައް ޝަރީއަތަށް ސާބިތުނުވާ ވާހަކަޔަކީ އަބަދުވެސް ދޭދޭ މީހުންގެ ދެމެދުގައި ދެކެވެމުން އަންނަ ބޮޑު ވާހަކައެކެވެ. ގިނަ ބަޔަކު އެފަދައިން ވާހަކަ ދައްކާއިރު ހެއްކަށް ބާރު ލިބޭނެ ގޮތާއި ޝަރީއަތަށް ހުށަހެޅޭ ހެއްކާއި މެދު އަމަލު ކުރަންޖެހޭ ހަރުދަނާ އުސޫލެއް އަދިވެސް ފެންނާކަށް ނެތެވެ. މިއީ ފަނޑިޔާރުންވެސް ކުރައްވަމުން ގެންދަވާ އެންމެ ބޮޑު އެއް ޝަކުވާ އެވެ. ނަމަވެސް ފަނޑިޔާރުންގެ ޝަކުވާތައް އެއްފަރާތް ކޮށްލުމަށް ފަހު މެންބަރުން ވިދާޅުވަމުން ގެންދަވަނީ ޝަރީއަތަށް ހުށަހެޅޭ މައްސަލަ ސާބިތު ނުކުރެވެނީ ފަނޑިޔާރުންގެ އެފަދަ ގާބިލްކަމެއް ނެތުމުން ކަމަށެވެ.
މިކަމާ ގުޅޭގޮތުން ވެސް ހަދަންޖެހޭ ގާނޫނު ހެދިފައެއް ނުވެ އެވެ. މިހާރު އަމަލު ކުރަމުންދާ ހެއްކާއި ބެހޭ ގާނޫނަކީ އެންމެ ދެ ސޮފްހާގެ މައްޗަށް އެކުލެވޭ ކުރު ގާނޫނެކެވެ. އެހެންކަމުން އެ ގާނޫނުން އެކަށީގެންވާ ބޭނުމެއް ހިފިދާނެތޯއެވެ؟
މަޖިލީހުގެ ދައުރު ހަމަވާން މިހާރު ވަނީ ވަރަށް ކައިރިވެފަ އެވެ. ނަމަވެސް ނިންމަންޖެހޭ މުހިންމު މަސައްކަތްތައް ނުނިމި ފުނިޖެހިފައި ހުރި ނަމަވެސް މަޖިލީހުގެ މެމްބަރުންގެ މިކަމާއި މެދު ވިސްނާލަން ހިތައްވެސް އަރާހެން ހިއެއްނުވެ އެވެ. މަޖިލީހުން ފާސްކުރަން ޖެހޭ ގިނަ ގާނޫނުތަކެއް ހުރި އިރު މިހާތަނަށް ފާސްކުރެވިފައި ވަނީ އޭގެ ތެރެއިން ކުޑަ މިންވަރެކެވެ.
ގާނޫނުތައް ފާސްކުރުމުގެ ބަދަލުގައި ފެނިގެންދަނީ ބޭކާރު ގަރާރުތައް މަޖިލީހަށް ވައްދައި އެއަށް ބަހުސްކޮށް މަޖިލީހުގެ ވަގުތުތައް ބޭކާރު ގޮތުގައި ނަގާލަމުން ދާތަނެވެ. ދެން ދުވަސްކޮޅަކުން ފެނިގެންދާނީ ކުރަންޖެހޭ މަސައްކަތްތައް ބަހައްޓާފައި ޗުއްޓީ ނަންގަވާތަނެވެ. ޗުއްޓީއަށް ނުގޮސް މުހިންމު ބިލްތައް ނިންމުމަކީ އެއީ މެންބަރުން ގަޔާވާ ކަމެއް ނޫނެވެ. އެކަން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ވެސް ފެނިގެން ގޮސްފަ އެވެ.
މަޖިލީހުގެ ކޮމެޓީތަކުގައި ހުރި ގާނޫނުލް އުގޫބާތާއި ޖިނާއީ އިޖުރާއަތުގެ ބިލާއި ހެއްކާއި ބެހޭ ބިލް ފަދަ މުހިންމު ބިލްތައް ފާސްނުކޮށް ޗުއްޓީއަށް ނުދިޔުމަށް ހުށަހެޅި ގަރާރަށްވެސް ތާއީދު ކުރެއްވީ ވަރަށް މަދު މެންބަރުން ކޮޅެކެވެ. އެއީ ވަކި މަގުސަދެއް ހާސިލު ކުރުމަށް ހުށަހެޅި ގަރާރެއް ކަމަށް ވިދާޅުވެ މެންބަރުން ވަނީ އެ ގަރާރުވެސް މަޖިލީހުން ބޭރުކޮށްލާފަ އެވެ.
މެންބަރުން ބަރާބަރަށް ޗުއްޓީ ނަންގަވަ އެވެ. ނަމަވެސް މަޖިލީހުގެ މަސައްކަތް އޮންނަނީ އަޅާ ނުލައި ދޫކޮށްލައިފަ އެވެ. އަބަދުވެސް ކޮންމެވެސް ބައެއްގެ މައްޗަށް ތުހުމަތުގެ އިނގިލި ދިއްކުރެ އެވެ. ނަމަވެސް މަޖިލީހުގެ ކޯޅުމާއި ހެދި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގޮސްފައި އޮންނަ މައްސަލައަށް ހައްލެއް ނުހޯދަ އެވެ. މަޖިލީހުގެ މަސައްކަތުގެ ދޯދިޔާކަމުން މަޖިލިސް އޮތުމުގެ ބޭނުމެއްވެސް ނެތް ކަމަށް ބުނާހާ ދަރަޖައަށް ބައެއްފަހަރު ކަންކަން ދެ އެވެ.