10 Nov 2012, 04:00
ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ހޮވަން ވޯޓުދޭނީ ބާސެލޯނާގެ އާޖެންޓީނާ ފޯވަޑް ލަޔޮނަލް މެސީ އަށް ކަމަށް ބްރެޒިލްގެ ކުރީގެ ތަރި ރޮނާލްޑޯ ބުނެފި އެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދި ފުރަތަމަ ކުޅުންތެރިޔާ ބުނީ މޮޅު ކުޅުތެރިޔާގެ މަގާމަށް ވާދަ ކުރަން ތިބި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މެސީ އަކީ ވަރަށް ހަމަހަމަ ދެ ކުޅުންތެރިން ކަމަށެވެ.
"އަހަރެންގެ ވޯޓު ލިބޭނީ މެސީ އަށް. ސަބަބަކީ އޭނާ ގިނަ ގޯލުތަކެއް ޖަހައި އޭނާ ތަށިތަކެއް ހޯދާފައިވުން. ފުޓްބޯޅަ އަށް ތަފާތު އަދި މޮޅު ޖާދޫތަކެއް ދައްކާލުމުގެ ގާބިލްކަން މެސީގެ ކިބާގައި އެބަހުރި. ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ވަރަށް ޓެކްނިކަލް އަދި ވަރަސް ހުނަރުވެރި ދަނޑުމަތީގައި ހީނުކުރާ ކަހަލަ މޮޅުކަމެއް ކޮށްލާ ކުޅުންތެރިއެއް. އެކަމަކު މެސީ އަކީ އަބަދުވެސް މެދުކެނޑުމެއްނެތި ހީނުކުރާފަދަ މޮޅު ކަންތައްތައް ކުރާ ކުޅުންތެރިއެއް،" ވޯލްޑް ކަޕް ދެ ފަހަރު ހޯދާފައިވާ އަދި ވޯލްޑް ކަޕުގެ އެންމެ ގިނަ ގޯލު ޖެހި ފޯވަޑް ބުންޏެވެ.
ރޮނާލްޑޯ އަދި ބުނީ އެވޯޑަށް ސްޕޭނުގެ ބާސެލޯނާގެ ދެ ކުޅުންތެރިން ކަމަށްވާ ޒަވީ އާއި އިނިއެސްޓާ އަކީ ވާދަ ކުރާ ދެ ކުޅުންތެރިންނަށްވާއިރު އެމީހުންނަށް އެވޯޑް ހޯދަން އޮތް ދަތިކަމަކީ ކުޅޭ ޕޮޒިޝަން ކަމަށެވެ.
"އެއީ ވަރަށް މޮޅު ދެ ކުޅުންތެރިން. އެކަމަކު އެއީ މިޑްފީލްޑް ދެ ކުޅުންތެރިންވީމަ ސަޕޯޓަރުން މާބޮޑަކަށް އަޅާނުލައި ދޫކޮށްލަނީ. މިއީ އެ ދެ ކުޅުންތެރިންނަށް އެވޯޑް ހޯދަން އޮތް ހުރަހަކީ،" ރެއާލް މެޑްރިޑާއި ބާސެލޯނާ އަށް ވެސް ކުޅެފައިވާ ކުޅުންތެރިޔާ ބުންޏެވެ.
އޭނާ އަދި ބުނީ އެންމެ މޮޅު ކޯޗުހޮވަން ވޯޓުދޭނީ ރެއާލްގެ ކޯޗު ހޯސޭ މޮރީނިއޯ އަށް ކަމަށާއި އެއީ ހުރިހާ ގޮތަކުން ވެސް މޮޅު ކޯޗެއް ކަމަށެވެ.