ހިނގަމުންމިދާ ސީޒަނުގައި ވޭން ރޫނީ އަށް މަދުވެގެން 20 ގޯލު ޖެހެންވާނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ސާ އެލެކްސް ފާގަސަން ބުނެފި އެވެ.

އޭނާ މިހެން ބުނީ އާސެނަލްއިން މިއަހަރު މެންޗެސްޓާ އަށް ގެނައި ހޮލެންޑް ފޯވަޑް ރޮބިން ވޭންޕާސީގެ ހިޔަނީގައި ރުނީގެ ވިދުން ފަނޑުވާން ފަށައިފިކަމަށް އިނގިރޭސި މީޑިޔާއިން ބުނަން ފެށުމުންނެވެ.

މި ސީޒަނުގައި ރޫނީ އަށް މިހާތަނަށް އަށް މެޗުން ޖެހުނީ އެންމެ ތިން ގޯލެވެ. ވެޫންޕާސީ ވަނީ 11 މެޗުން 11 ގޯލު ޖަހައިފަ އެވެ.

"20 ގޯލަށްވުރެ ގިނައިން (ރޫނީ) އަށް ޖެހޭނެ. އަހަރެން ޔަގީންކުރަން. އަހަރުމެންގެ އެޓޭކްގަިއ ތިބި ކުޅުންތެރިންނާމެދު ވަރަށް ހިތްހަމަޖެހޭ. ރޮބިން (ވޭންޕާސީ)ގެ ކިބާގައި ތަޖުރިބާއެބަހުރި. އަށް އަހަރު އާސެނަލްގައި ހޭދަކޮށްފައި އޭނާ އަހަރުމެންނަށް އައީ ރަނގަޅު ވަގުތުގައި. އެކަމަށް އެއްވެސް ޝައްކެތްނެތް. ޗިޓަރީޓޯ (ހާވިއާ ހަނާންޑޭޒް) މީގެ އަހަރުތަކެއް ކުރިން ހުރި ފޯމުގައި މިހާރު ހުރީ،" ފާގަސަން ބުންޏެވެ.

އޭނާ އަދި ބުނީ ހުސްވި ސީޒަނުގެ އިނގިރޭސި ލީގުގެ ތަށި ގެއްލި ވާދަވެރި މެންޗެސްޓާ ސިޓީ އަށް ތަށި ލިބުނީ ގޯލްގެ ތަފާތުން ކަމަށާއި ވެންޕާސީ އެތަފާތު މިފަހަރު ބަދަލުކޮށްދޭނެ ކަމަށެވެ.