17 Sep 2010, 10:29
ޑިމޮކްރަސީ އާއި ތިމާވެއްޓާއި ހިއުމަންރައިޓްސްއަކީ ބައިނަލްއަގްވާމީ މުޖްތަމަޢުގައި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ވިއްކުމަށް ގެންގުޅޭ ހަތިޔާރުތަކެއް ކަމަށް ބުނެ ގައުޕީ ޕާޓީން އަނެއްކާ ވެސް ސަރުކާރަށް ފާޑުކިޔައިފި އެވެ.
އެ ޕާޓީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނަނީ، ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރުކަން ރާއްޖެ އިން ބޭނުންކުރާނީ، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކުރުމަށް ކަމަށް ރައީސް ވިދާޅުވި ވިދާޅުވުމަކީ، އެ މަނިކުފާނު ދިވެހި ރައްޔިތުންނަށް، ހައްދަވަމުން ގެންދަވާ އިތުރުފުޅުތަކާއި ދައްކަވަމުން ގެންދަވާ ހުވަފެންތަކަށް އަމުނާލެއްވި އިތުރު ބޮޅެއް ކަމަށެވެ. އަދި އެއީ ދިވެހިން ބަލައިގަންނާނެ ވާހަކައެއް ނޫން ކަމަށް ވެސް ގައުމީ ޕާޓީގެ ބަޔާނުގައިވެ އެވެ.
ރައީސް ނަޝީދުގެ ސަރުކާރުން ގެންދަނީ، ޑިމޮކްރަސީ އާއި ހިއުމަންރައިޓްސްއާއި ތިމާވެށީގެ ޙިމާޔަތްކުރުމުގެ މަސައްކަތް ކުރިއަރުވަނީ ކަމަށް ބުނެ ބައިނަލް އަގްވާމީ މުޖްތަމަޢު އޮޅުވާލަމުން ކަމަށާއި ޑިމޮކްރަސީ ހަރުދަނާކުރެއްވުމަކީ ނުވަތަ އިންސާނީ ޙައްޤުތައް ޙިމާޔަތްކުރެއްވުމަކީ ޕޯޑިއަމް ކައިރީގައި ހުންނަވައިގެން ދައްކަވާވާހަކަފުޅަކުން ނުވަތަ ހަރުގޭގައި ދެއްވާ ތަގްރީރަކުން ނުވަތަ ދެއްވާ އިންޓަވިއުއަކުން އަދި ރޭޑިއޯ ޚިޠާބަކުން ވާކަމެއްނޫން ކަމަށް މިއަދު ދިވެހިން ވަނީ ތަޖުރިބާކޮށްފައި ކަމަށް އެބަޔާނުގައިވެ އެވެ.
ގައުމީ ޕާޓީން އިތުރަށް ބުނަނީ، އިންސާނީ ހައްގަތުކުގެ ކައުންސިލްގެ ގޮނޑި ރާއްޖެ އަށް ލިބުމަކީ ދިވެހިން ފަޚުރުވެރިވާން ޖެހޭ ކަމަކަށްވުރެން ބޮޑަށް ލަދުގަންނަން ޖެހޭ ކަމެއް ކަމަށެވެ. އެއީ ލީބިޔާ އާއި ތައިލޭންޑް އަދި ބޮސްނިޔާ ފަދަ ގައުމުތަކަކީ ވެސް މި ލިސްޓްގައި ހިމެނޭ ގައުމުތައް ކަމަށާއި މިހާރު ހިއުމަންރައިޓްސް ކައުންސިލްގެ ގޮނޑި ދިނުމުގައި ބަލަނީ ވެސް އިންސާނީ ޙައްޤުތައް ރައްކާތެރި ނުކުރާ ގައުމުތަކަށް އިސްކަންދީގެން ހޮވާގޮތަށް ކަމަށް ވެސް ގައުމީ ޕާޓީން ބުނެ އެވެ.
"ސޫދާނަކީ ދާރުފުރުގެ މައްސަލައިގައި މުޅިދުނިޔެ އެކަމާ ހިތްހަމަނުޖެހިފައިވާ ގައުމެކެވެ. ހިއުމަންރައިޓް ކޮމިޝަނަށް ޖެހިޖެހިގެން 2 އަހަރުވަނީ ހޮވިފަ އެވެ. މިކަމުން އެގެނީ މިފަދަ ގޮޑިތައް ދިނުމުގައި ހިއުމަން ރައިޓްސްގެ ހާލަތު ދަށްގައުމުތަކަށް އިސްކަން ދޭކަމެވެ. އެހެންކަމުން މިއީ ދިވެހިން ފަޚުރުވެރިވާންވީ ކަމެއްނޫނެވެ." ގައުމީ ޕާޓީން ބުންޏެވެ.