10 Nov 2012, 03:04
ރަޝިޔާގެ މަހުޖަނު ރޯމަން އަބްރޮމޮވިޗްގެ ވެރިކަމުގައި ފުރަތަމަ ފަހަރަށް ޗެލްސީ އަށް ފައިދާވެއްޖެ އެވެ.
ހުސްވި އަހަރުގެ ޗެމްޕިއަންސް ލީގާއި އިނގިރޭސި އެފްއޭކަޕް ހޯދި ޓީމަށް ފައިދާވީ 1.4 މިލިއަން ޑޮލަރެވެ. މިއީ ފާއިތުވެދިޔަ އަށް އަހަރުތެރޭގައި 1.2 ބިލިއަން ޑޮލަރު ހަރަދުކޮށްގެން ޗެލްސީ ހޯދި ހަމައެކަނި މާލީ ފައިދާ އެވެ.
އެކުލަބުގެ ޗެއާމަން މިކާމިޔާބީ ފާހަގަ ކުރަމުން ބުނީ ޗެލްސީ މިހާރު އޮތީ ރަނގަޅު ޓްރެކެއްގައި ކަމަށާއި ހުސްވި އަހަރު ކުލަބަށް ފައިދާވި އެންމެ ބޮޑު ސަބަބަކީ ޗެމްޕިއަންސް ލީގު ތަށި ލިބުން ކަމަށެވެ. އަދި މިހާރު ޗެލްސީ އޮތީ ޔޫއޭފާއިން ކަނޑައަޅާފައިވާ ފައިސާގެ މުއާމަލާތްކުރުމުގެ މިންގަނޑުތަކަށް ފެތިފައި ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
ޗެލްސީ އަށް ވަނީ ހުސްވި އަހަރު 67 މިލިއަން ޕައުންޑްގެ ގެއްލުމެއް ވެސްވެފަ އެވެ. އަނެއްކޮޅުން ޗެލްސީ ވަނީ އަބްރޮމިވިޗްގެ ވެރިކަމުގައި އަށް ތަށި ހޯދައިފަ އެވެ.