09 Nov 2012, 18:54
ސަފާ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި މި އަހަރު ހައްޖަށް ގޮސް، އެނބުރި އަންނަން އުޅެނިކޮށް ނުފުރުނު ހާޖީ (ށ. މިލަންދޫ ރާޒީވިލާ ހުސައިން އިބުރާހީމް) އަށް ނުފުރުމުން ވެސް އޭނާ ހުރީ އެ ޖަމާއަތުގެ ހަވާލުގައި ހެޔޮހާލުގައި ކަމަށާއި އޭނާ އަންނަ ހޯމަ ދުވަހު މާލެ ގެންނާނެ ކަމަށް އުއްމީދުކުރާ ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.
ހުސައިން އިބްރާހީމްއަށް ނުފުރުނު މައްސަލައިގާ މީޑިއާގައި ތަފާތު ވާހަކަތައް ފެތުރިފައިވާތީ އެކަން ހިނގައި ދިޔަގޮތް ސާފުކޮށް ދިނުމަށް ސަފާޖަމާއަތުގެ ވެރިޔާ އަބުދުﷲ ނަސީމު މުހައްމަދު މިއަދު އެ ޖަމާއަތުގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހައްޖުވެރިންނާ ހަވާލުވެވަޑައިގެން ހުންނެވި އިސްބޭފުޅެއްގެ ހައިސިއްޔަތުން ހުސައިން އިބްރާހީމް ނުލައި ބޯޓަށް އަރާވަޑައި ނުގަތުމަށް މަސައްކަތް ކުރެއްވި ކަމަށެވެ.
ނަމަވެސް އެންމެ ފަހުން ބޯޓަށް އަރާވަޑައިގެންނެވީ އޭނާ ދޫކޮށްދެއްވާނެކަން ސައުދީ އަރަބިއްޔާގެ އިމިގްރޭޝަނުގެ އޮފިޝަލުން ޔަގީންކަން ދެއްވުމުން ކަމަށެވެ. އަދި ބޯޓަށް އަރާވަޑައިގެންނެވުމަށް ފަހު ސުވާލު ކުރުމުން (ހުސައިން އިބުރާހީމް) ވެސް ބޯޓަށް އަރައި އެބަ އިންކަމަށް ބުނެ ބޯޓުން މައުލޫމާތު ދިން ކަމަށެވެ. ދެން މަތިންދާ ބޯޓް މައްޗަށް އަރައި ހަމަޖެހި ތެދުވަން ހުއްދަ ލިބުމުން ތެދުވެވަޑައިގެން އޭނާ އިންތޯ ބެލުމުން ނެތްކަން އެނގިވަޑައިގެންނެވި ކަމަށް ވެސް އަބުދުﷲ ވިދާޅުވި އެވެ. އަދި ވިދާޅުވީ ބޯޓްމަތީގައި ފޯނު ބޭނުން ނުކުރެވޭތީ ބޯޓް ޖެއްސުމާ އެކު މައްކާގައި ތިބި އެޖަމާއަތުގެ އޮފިޝަލުންނަށް ގުޅި ކަމަށެވެ.
"... މައްކާގައި ހުންނެވި މިޖަމާއަތުގެ އިސް ބޭފުޅެއް ކަމުގައިވާ އަލީ ނަޖީބާ ގުޅާގައި އެންގުމުން އޭނާ ބުނުއްވީ އޭނާއާ އިސްލާމިކް މިނިސްޓްރީގެ ބޭފުޅުން އޭރު ތިއްބެވީ އޭނާގެ ކަންތައްތަކުގައި އެއާޕޯޓްގައި ކަމަށް، އަދި އޭނާ އާ ގުޅުމުން ވެސް އެބޭފުޅާއާ ބައްދަލުވެއްޖެ ކަމަށާއި އޭނާގެ ކަންތަކުގައި އެބޭފުޅުން އުޅުއްވާ ކަމަށް ބުނުއްވި،" އަބުދުﷲ ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އިބްރާހިމް ހުސައިން މިހާރު ހުރީ އެޖަމާއަތުގެ އެޑްވާންސް ޓީމުގައި ހިމެނޭ 25 މީހުންގެ ކައިރީގައި މައްކާގައި ހުންނަ ހޮޓަލުގައި ކަމަށެވެ. އަދި އެ ޓީމާ އެކު މާދަމާ ނޫން އަނެއް ދުވަހު ފުރައިގެން މިމަހުގެ 12 ވަނަ ދުވަހު މާލެ ގެނައުމަށް ގަތަރު އެއާވޭސް އިން ޖާގަ ކޮންފޯމްކުރުމުގެ ކަންތައް ކުރިއަށް އެބަދާ ކަމަށާއި މިރޭ އެކަން ހަމަ ޖެހޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
އަދި އޭނާ ރާއްޖެ ގެނައުމަށް ބޭނުންވާ ޑޮކިއުމެންޓްގެ ކަންތައް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކުރިއަށް އެބަ ގެންދަވާ ކަމަށާއި މާދަމާ އޭނާ އަށް ޑޮކިއުމެންޓް ލިބޭނެ ކަމަށް ވެސް އަބުދުﷲ ވިދާޅުވި އެވެ.
އަދި ވިދާޅުވީ އޭނާގެ ހާލު އަހުވާލު ރަނގަޅު ކަމަށާއި ދަތިވާ ކަމެއް ނެތް ކަމަށެވެ.
"އޭނާގެ ހާލު ރަނގަޅު، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އެޑްވާންސް ޓީމުގެ 25 ބޭފުޅުންނާ އެކު އޭނާ ރާއްޖެ އަންނާނެ،" އަބުދުﷲ ވިދާޅުވި އެވެ.