09 Nov 2012, 17:57
ސަރުކާރާއި އެކު އިއްތިހާދުވެފައިވާ ޕާޓީތަކުން މިއަދު އާޓިފިޝަލް ބީޗްގައި ބޭއްވި އެއްވުމުގައި ޖީއެމްއާރުގެ އަތުން އެއާޕޯޓް އަތުލުމަށް ހަ ދުވަހުގެ މުހުލަތެއް ސަރުކާރަށް ދީފައިވާކަން އިއުލާންކޮށްފި އެވެ.
މިއަދު ހަވީރު އާޓިފިޝަލް ބީޗުގައި އޮތް ސުލްހަވެރި އެއްވުމުގައި މި މަހު 15ގެ ކުރީން އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އާއި ޖީއެމްއާރާ އެކު ކޮށްފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ބައިވެރިންގެ ފަރާތުން މުހުލަތެއް ސަރުކާރަށް ދެއްވީ އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ އެވެ.
އެއްވުން އިންތިޒާމް ކުރުމުގައި އިސްކޮސް އުޅުއްވާ ފަރާތެއް ކަމަށްވާ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ އަބްދުﷲ މުހައްމަދު "ސަން އޮންލައިން" އަށް ވިދާޅުވީ ސަރުކާރަށް ދީފައިވާ މުހުލަތު ހަމަވުމަށްފަހު މުޅި ހަރަކާތް އެހެން ސްޓޭޖަކަށް ބަދަލު ކުރާނެ ކަމަށެވެ. އެގޮތުން ހަމަ އެކަނި މާލޭގައި ހަރަކާތް ކުރިއަށް ގެންދިއުމުގެ ބަދަލުގައި ކަނޑު މައްޗަށް އަރަން ޖެހިދާނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި އެވަރުން ނުވެއްޖެ ނަމަ އެއާޕޯޓަށްވެސް ޒިޔާރަތް ކުރާ ދުވަހެއް ފާހަގަ ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއާޕޯޓަށް އަރާ ގަދަ ބާރުން އެތަން ހޯދަން ބޭނުންވިޔަސް އެކަން ކުރުމުގެ ހިތްވަރުވެސް ބައިވެރިންގެ ކިބައިގައި ހުރި ކަމަށެވެ.
"އަޅުގަނޑުމެން ސަރުކާރަށް ދިން މުހުލަތު ހަމަވުމަށްފަހު މުޅި ހަރަކާތް އެހެން ސްޓޭޖަކަށް ގެންނާނަން. އެއަށް ފަހު ކަނޑުމަތީގެ ހަރަކާތްތައް އޮންނާނެ. އަދި ފަހަރެއްގައި އެއާޕޯޓަށް ޒިޔާރަތް ކުރުމުގެ ދުވަހެއްވެސް ދިވެހިން ފާހަގަ ކޮށްފާނެ. އެހެންވީމަ ވަރަށް ފުޅާ ދާއިރާއެއްގަ މި ހަރަކާތް ގެންދާނަން. އަޅުގަނޑުމެންގެ ކާބަފައިން ދަގަނޑު ފިލާ ނެއްޓީ ރޭގަނޑު ދަންވަރު އެއާޕޯޓަށް އަރައިގެން. މިއަދު އެހިސާބަށް ދާން ޖެހިއްޖެ ނަމަ އެފަދަ ދަރިން ގައުމުގައި އެބަތިބި. އަޅުގަނޑު އިތުރު ތަފްސީލް މިވަގުތު ހާމަ ކުރާކަށް ނެތިން،" އަބްދުﷲ ވިދާޅުވި އެވެ.
"ޖީއެމްއާރު ގޯ ހޯމް"ގެ ޝިއާރާ އެކު މިއަދު ހަވީރު ފަހެއް ޖެހި އިރު އާޓިފިޝަލް ބީޗްގައި ފެށި އެ އެއްވުމުގައި އެކި އެމުރު ފުރައިގެ ދެ ޖިންސްގެ މީހުން ގިނަ އަދަދަކަށް ބައިވެރިވި އެވެ. އަދި އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕާޓީ ތަކުގެ އިސްބޭފުޅުންވެސް ބައިވެރިވި އެވެ. އެއްވުމުގެ ބައިވެރިން ވަނީ އެއާޕޯޓް ވަގުތުން އަތުލުމަށް ސަރުކާރަށް ޑިމާންޑް ކުރުމާ އެކު އެއާޕޯޓު ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ރައީސް މުހަންމަދު ނަޝީދު އާ ދެކޮޅަށް އަޑު އުފުލައިފަ އެވެ.
ބައިވެރިން ވަނީ ރައީސް ނަޝީދު "އެއާޕޯޓު ދީފައިވަނީ ރިޝްވަތު ހިފައިގެން" ކަމަށާއި ހަމަ މިގުތު އެއާޕޯޓު ދިވެހިންނަށް ހޯދައި ދިނުމަށް ގޮވާލައިފަ އެވެ. އަދި ވަގުތުން ޖީއެމްއާރު އެއާޕޯޓުން ފައިބަން ގޮވާ އަޑު އުފުލި އެވެ. ކުރިންވެސް އިނގިރޭސިން އަތުންވެސް އެއާޕޯޓު ހޯދީ ރާއްޖޭގެ އަންހެނުން ކަމަށާއި މިފަހަރުވެސް އެއާޕޯޓަށް އަރައިގެން އެތަން ދިވެހިން ނަށް ހޯދައިދެވޭނެ ހިތްވަރު ހުރި ކަމަށް ބުނެ ބައިވެރިން އަޑު އުފުލި އެވެ.
"އަޅުގަނޑުމެންނަށް އެއްޗެއްނުވާ ގޮތަށް އެއާޕޯޓު ދިނުމަކީ ގައިރު ގާނޫނީ ދިނުމެއް. މިވަގުތު އެގްރިމެންޓު ބާތިލް ކުރަން ރައީސް އަށް ގޮވާލަން. ބޮނޑިބަތް ކީއްކުރަންތޯ ހޫނު ހަކުރު ހިލައިގެންވެސް މިތިބި އެއާޕޯޓަށް އަރަން ތައްޔާރަށް. ރައީސް ނަޝީދު ނަމަނަމަ ވެރިކަމަށް ކުރިމަތި ނުލާތި. އަހަރެމެން އެންމެ ވޯޓެއްވެސް ނުދޭނަން. ތީ ރިޝްވަތު ކައިގެން ހުރި މީހެއް. މިއަދު އަޅުގަނޑުމެން ރައީސް އަށް މި ގޮވާލަނީ މިއޮއް ދިހަ ދުވަސްވެސް އަޅުގަނޑުމެންނަށް ވެއްޖޭ ދިހަ އަހަރަށް. އެހެންވީމަ މި ގޮވާލަނީ އަޅުގަނޑުމެންގެ ކާބަފައިންގެ މަސައްކަތް އަޅުގަނޑުމެންނަށް ހޯދައިދޭށޭ،" އެއްވުމުގައި ބައިވެރިވި އަންހެނަކު ޝުއޫރުފާޅުކުރި އެވެ.
އާޓިފިޝަލް ބީޗުގެ ވަށައިގެން ޖީއެމްއާރާ ދެކޮޅު ޝުއޫރުތައް ލިޔެފައިހުރި ފޮތިތައް ދަމާފައި ހުއްޓެވެ. އަދި ޖީއެމްއާރާ ދެކޮޅު ލިޔުން ކޮޅެއް ލިޔެފައިވާ ހުދު ފޮތިކޮޅެއް ގިނަ ބައިވެރިންގެ ބޮލުގައި ވަނީ އައްސާފަ އެވެ.
އެ އެއްވުމުގެ ފުރަތަމަ ދަންފަޅި އިރުއޮއްސުމާ އެކު ނިންމާލިއިރު މިރޭ 8:30 ފެށިގެން ދެ ވަނަ ދަންފަޅި އަންނަނީ ކުރިއަށެވެ.