09 Nov 2012, 15:14
ދެވަނަ ފުރުސަތުގެ ދަށުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ޖަލުން ދޫކުރި މީހުންގެ ތެރެއިން 65 ޕަސެންޓަށް ވުރެ ގިނަ މީހުން ދެ ވަނަ ފަހަރަށް ކުށަށް އަރައިގަނެގެން ހުކުމަށް ބަދަލު ކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒު ވިދާޅު ވެއްޖެ އެވެ.
ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ފަޔާޒު އިއްޔެ ވިދާޅުވީ އަނބުރާ ހުކުމަށް ބަދަލުކުރި މީހުންގެ ތެރޭގައި މައިންބަފައިންނަށް ނުބެލެހެއްޓިގެން ފޮނުވާލި މީހުން ވެސް ހިމެނޭ ކަމަށެވެ. އަދި އެމީހުންނާ ބެހޭ ގިނަ ޝަކުވާތަކެއް އާއްމުންގެ ފަރާތުން ވެސް ކޮންމެ ދުވަހަކު އެ މިނިސްޓްރީ އަށް ހުށަހަޅުމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެ ތެރޭގައި ހިންގާ މާރާމަރީ އާއި ވައްކަމާއި ފޭރުމާއި އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ އެންމެ ކުރީ ސަފުގައި ވެސް ދެ ވަނަ ފުރުސަތުގެ ދަށުން ދޫކޮށްފައިތިބި ކުށްވެރިން ހިމެނޭ ކަމަށް ވެސް ފަޔާޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާރު މުޖުތަމައުގައި ތިބި ދެ ވަނަ ފުރުސަތު މީހުންގެ ތެރޭގައި ކުށްކޮށްފައި ފިލައިގެން އުޅޭ މީހުން ވެސް އެބަ އުޅޭ ކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެެވެ.
"ދެވަނަ ފުރުސަތުގައި ތިބި މީހުންގެ މައްސަލަތައް މެދު ނުކެނޑި މިނިސްޓްރީ އަށް ހުށަހެޅޭ. މާރާމާރީ އާއި ވައްކަމާއި ފޭރުމާއި މަސްތުވާ ތަކެތީގެ މައްސަލަތަކާ މިހެން ގޮސް ހުރިހާ ވައްތަރެއްގެ މައްސަތައް ވެސް ހުށަހެޅޭ. ދެން މިހާރު މިކޮޅުގައި ތިބި މީހުންގެ ތެރޭގައި ވެސް ގޭންގުތައް ހަދައިގެން އުޅޭ މީހުން އެބައުޅޭ. އެމީހުން ހައްޔަރުކޮށް ޑީޕީއާރުއެސްއާ ހަވާލު ކޮށްދިނުމަށް އަޅުގަނޑުމެން ވާނީ ފުލުހުންނަށް ވެސް ހުށަހަޅާފައި. އެކި މައްސަލަތަކުގައި އިއްޔެ ވެސް ފަސް މީހުން އޭގެ ކުރީ ދުވަހު ހަތް މީހުން ގެނެވުނު،" ފަޔާޒު ވިދާޅުވި އެވެ.
ފަޔާޒު ވިދާޅުވީ ދެ ވަނަ ފުރުސަތުގެ ދަށުން މީހުން ދޫކޮށްފައިތިބީ އިސްލާހު ކުރެވޭނެ މީހުން ބަލައިގެން ނޫން ކަމަށާއި ޝަރުތު ހަމަވާ އެތައް ބަޔަކަށް ފުރުސަތު ނުދީ އަދި މީހުން ދޫކުރަން ހަދާފައި އޮތް ގަވާއިދުގެ ބޭރުން އެތައް ބަޔަކު މިނިވަން ކުރުމުގެ ނަތީޖާ ވަރަށް ހިތި ކަމަށެވެ. އޭނާ ވިދާޅުވީ ދެ ވަނަ ފުރުސަތުގެ ދަށުން މީހުން ދޫކޮށްފައި ތިބީ ރަނގަޅަށް ބެލެހެއްޓޭނެ ގަވާއިދެއް ނެތި ކަމަށެވެ. އެގޮތުން ކުޑަކަމުދާ ތަކެތި ޓެސްޓް ކުރުމާއި ސޮއިކުރުން ފަދަ ކަންކަން ވެސް ކޮންމެ ދުވަހަކު ކުރުމަކީ ގަވާއިދު ތަންދޭ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ކުށްވެރިން ދޫކުރުމަކީ ވަކި އުސޫލެއްގެ ދަށުން ކުރަން ޖެހޭ ކަމެއް ކަމަށާއި ޖަލުގައި ވެސް އެ މީހުންގެ އަޚުލާގާއި އުޅުން ހުންނަ ގޮތްބަލައި އަދި މުޖުތަމައު އަށް އަހުލުވެރި ކުރުވުމަށް ޓްރެއިނިންދީ އޭގެން ފާސްވާން ޖެހޭ ކަމަށް ވެސް ސްޓޭޓް މިނިސްޓަރު ފަޔާޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ މުޖުތަމައުގެ ތެރޭގައި އުޅޭއިރު އެމީހުން މޮނިޓާކޮށް ބެލެހެއްޓޭނެ ރަނގަޅު ނިޒާމެއް ވެސް ހަމަޖައްސަން ޖެހޭ ކަމަށެވެ. އެގޮތުން މިހާރު ވެސް ބަޔަކު މުޖުތަމައު އަށް ނެރުމަށް ޓްރެނިން ޕްރޮގްރާމްތަކެއް ޖަލުގައި ހިންގަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު ވެސް ބަޔަކު މުޖުތަމައު އަށް ނެރުމުގެ މަސައްކަތް ތަކެއް އެބަ ކުރަން. ޓްރެއިނިންތަކެއް އެބަ ހިންގަން. އޭގެ ތެރެއިން ފާސްވާ ކުދިންނަށް ފުރުސަތު ދޭނަން. ދެން އެއް އަހަރު ވަންދެން މިތަނުން އެމީހުން ބަލަހައްޓަމުން ގެންދާނެ،" ފަޔާޒު ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު ޖަމީލް ކުރިން ވިދާޅުވެފައި ވަނީ ރައީސް ނަޝީދުގެ ސަރުކާރުން ދެ ވަނަ ފުރުސަތު ޕްރޮގްރާމް ހިންގާފައި ވަނީ ކުށްވެރިން އަނބުރާ މުޖުތަމައަށް ނެރުމުގެ ބޭނުމުގައި ނޫން ކަމަށާއި ސަރުކާރުން ބެނުންވާ ބަޔަކު މިނިވަން ކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި އޭގެ ނަތީޖާ އަކަށްވީ ރަށުތެރެ އިތުރަށް ނާމާންވެ މާރާމާރީ އާ ވައްކަމާއި ފޭރުމާއި މަސްތުވާ ތަކެތީގެ މައްސަލަތައް އިންތިހާ އަށް އިރުވެގެން ދިއުން ކަމަށް ވެސް ވިދާޅުވި އެވެ. އޭރު ޖަލުގައި ހުކުމް ތަމްފީޒު ކުރަމުން ދިޔަ ގައިދީންގެ ތެރެއިން ދޫކޮށްފައި ތިބި މީހުންނަކީ އެ ޕްރޮގްރާމްގެ ދަށުން މީހުން ދޫކުރުމަށް ކަނޑައަޅާފައި ހުރި ޝަރުތުތަކުގެ ތެރެއަށް ނުފެތޭ މީހުން ކަމަށް ވެސް ހޯމް މިނިސްޓަރު ޖަމީލު ވިދާޅު ވިއެވެ.
ފެބުރުއަރީ ހަތެއްގައި ވެރިކަން ބަދަލުވުމަށް ފަހު ދެ ވަނަ ފުރުސަތު ޕްރޮގްރާމް ސަރުކާރުން ވަނީ ހުއްޓާލައިފަ އެވެ.