އެފްއޭއެމުގެ ބެލުމުގެ ދަށުން ދެ ފަހަރު މަތިން ބާއްވަން އުޅެ ނުބޭއްވުނު އެފްއޭއެމް އިންތިހާބަށް އެންމެ ފަހުން ފީފާގެ ފަރާތުން ފަސްމެމްބަރުންގެ އިންޓަރިމް ކޮމިޓީއެއް އެކުލަވާލައިފި އެވެ.

މިކަން ކަށަވަރުކޮށްދެއްވަމުން އެފްއޭއެމުގެ އިސްއޮފިޝަލަކު މިއަދު ވިދާޅުވީ އަންނަ ޖެނުއަރީ މަހު ބާއްވާ އިންތިހާބުގެ ކަންކަން ބަލަހައްޓާނީ އޮލިމްޕިކް ކޮމިޓީގެ ޗެއާމަން އިބްރާހީމް އިސްމާއީލް ކަމަށެވެ. އޭނާއަކީ ކުރީގެ ގައުމީ ކެޕްޓަން އަދި އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީކަން ގިނަދުވަސްތަކެއް ވަންދެން ކުރައްވާފައިވާ ތަޖުރިބާކާރެކެވެ.

މި ކޮމިޓީގައި ދެން ހިމެނެނީ ސްޕްރިންޑެންޓެންޑް އޮފް ޕޮލިސް އަބުދުﷲ ނަވާޒާއި މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު އަނިލް އާއި ކުރީގެ ގައުމީ ކީޕަރު މުހައްމަދު އިގްބާލް އާއި އެތްލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ތޮލާލެވެ.

އެފްއޭއެމުގެ އިންތިހާބުގައި ވާދަ ކުރައްވަނީ މިހާރުގެ ރައީސް އަލީ އާޒިމާއި ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އަދި އޭނާއަށް ތާއީދު ކުރައްވާ ނިލަންދޫ ދާއިރާގެ މެމްބަރު އަބުދުލް މުހުސިން ހަމީދު (ޖޭފޯ) އެވެ.

މި އިންތިހާބު ދެ ފަހަރު ވެސް ލަސްވީ ޔުނައިޓެޑް ވިކްޓަރީގެ ވޯޓުގެ މައްސަލާގަ އެވެ. އެކުލަބުގެ ރައީސް އާޒިމަށް ޕްރޮކްސީ ދީފައިވީ ނަމަވެސް ކުލަބުގެ ބޯޑުގެ ގިނަ މެމްބަރުން ތާއީދު ކުރަނީ އިލްހާމަށެވެ. ނަމަވެސް ޕްރޮކްސީ ބަދަލު ކުރެވޭނެ ގޮތެއް ނެތުމުން ބޯޑުން ވަނީ އިންތިހާބުގައި ވާދަ ނުކުރަން ނިންމައިފަ އެވެ. މިކަމާހެދި ފުރަތަމަ އިންތިހާބު ބާއްވަން އުޅުނު ދުވަހު އިންތިހާބު ހުއްޓުވީ އިލްހާމަށް ތާއީދު ކުރާ ފަރާތްތަކުންނެވެ. ދެ ވަނަ ދުވަހު އާޒިމްގެ ޓީމުންނެވެ.

އެފްއޭއެމް އިންތިހާބުގައި ވޯޓުލާނީ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމާއި ދެ ވަނަ ޑިވިޝަނުގެ ތިން ޓީމު އަދި ތިން ވަނަ ޑިވިޝަނުގެ ދެ ޓީމަކުންނެވެ. މީގެ ތެރެއިން ފުރަތަމަ ޑިވިޝަން ވަނީ ދެބަޔަކަށް ހަމަހަމަ އަށް ބެހިފަ އެވެ. ދެ ވަނަ ޑިވިޝަނުން ޔުނައިޓެޑް ވިކްޓަރީގެ ވޯޓުގައި މައްސަލަ ޖެހިފައިވާއިރު އަނެއް ދެ ޓީމު އޮތީ ދެ ފަޅީގަ އެވެ. ތިން ވަނަ ޑިވިޝަނުގެ ދެ ޓީމު ވެސް އޮތީ އާޒިމަށެވެ. މިހެންވެ 6-6 އިން އިލްހާމާއި އާޒިމް ހަމަހަމަވާއިރު އިންތިހާބު ކާމިޔާބުވާނީ ޔުނައިޓެޑް ވިކްޓަރީގެ ވޯޓު ލިބޭ މީހަކަށެވެ.

އެފްއޭއެމް މިހާރު ހިންގަމުން އަންނަނީ ހިންގާ ކޮމިޓީގެ މުއްދަތު ޑިސެމްބަރަށް ފީފާ އާއި އޭއެފްސީން އިތުރުކޮށްދީގެންނެވެ. 2008 ވަނަ އަހަރު ފުރަތަމަ ފަހަރަށް ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވި އާޒިމްގެ ޓީމުގެ ހަތަރު އަހަރުގެ ޓާމް ހަމަވީ ހުސްވި ޖުލައި މަހު އެވެ.