ޖަޔަޕޫރު (ނޮވެމްބަރ 9): އިންޑިޔާގައި އާންމު ވެފައިވާ މަގުމައްޗަށް ކުޑަކަމު ދިޔުމުގެ އާދަ ހުއްޓުވުމަށް އެޤައުމުގެ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ ތާޖެސްތާން ސަރުކާރުން ދިގުމުއްދަތުގެ ކޭންޕޭނެއް ފަށައިފި އެވެ.

ބީބީސީ އަށް ދެއްވި ބަސްދީގަތުމެއްގައި ރާސްޖެސްތާނުގެ މަސްއޫލުވެރިއަކު ވިދާޅުވީ މަގުމައްޗަށް ކުޑަކަމު ދިޔުމުގެ އާދަ ހުއްޓުވުމަށް ފަށާފައިވާ ކޭންޕޭންގައި ޒުވާނުންގެ ގްރޫޕްތަކެއް ބެރާ އެކު ޙަރަކާތްތެރިވާނެ ކަމުގަ އެވެ. މިގްރޫޕްތަކުގެ ބޭނުމަކީ މަގުމައްޗަށާ އަދިވެސް އެހެން ހާމަތަންތަނުގައި ކުޑަކަމުދާ މީހުން ހޯދައި މިފަދަ މީހަކު ފެނިއްޖެ ނަމަ ބެރުޖެހުން ކަމަށާއި ބެރުޖެހުމުގެ ބޭނުމަކީ އެކަން ނުކުރުމަށް އެމީހުންނަށް އެންގުންކަމުގަ އެވެ. ބެރުޖެހުމުގެ އިތުރުން އެއާދަ ހުއްޓާލުމަށް ޒުވާނުންގެ ގްރޫޕްތަކުން އެފަރާތްތަކާ ބައްދަލުކޮށް ނަސީހަތްތެރިވާނެ ކަމަށާ އަދި ތަކުރާރުކޮށް މިޢަމަލު ހިންގާ މީހުން ޖޫރިމަނާކުރުމުގެ އަމުރެއް ނެރުމާމެދު ވެސް ރާޖެސްތާނުގެ ލޯކަލް ސަރުކާރުން ރާވާފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ.

ތަޖްރިބާކުރުމުގެ ގޮތުން ރާޖެސްތާނުގެ 34 ވިލެޖެއްގައި މިހާރު ވަނީ މި ކޭންޕޭން ފަށާފަ އެވެ. އަދި މިކޭންޕޭން އިތުރަށް ފުޅާކޮށް ރާޖެސްތާނުގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް މިކޭންޕޭން ކުރިޔަށް ގެންދިޔުމަށް ރޭވިފައިވާ ކަަމަށް ޚަބަރު ލިބެ އެވެ. އިންޑިޔާގެ އާބާދީގައި ހިމެނޭ 1.2 މިލިޔަން މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ ފާޚާނާ އާއި ނަރުދަމާގެ ނިޒާމުން މަޙްރޫމް ވެފައިވާ މީހުންކަމަށް އެ ގައުމުން ނެރެފައިވާ ތަފާސް ހިސާބުތައް ބުނެ އެވެ. އެހެންކަމުން އިންޑިޔާގެ ދެބައިކުޅަ އެއްބައެއްހާ ރައްޔިތުން ފާހާނާކުރަނީ މަގުމައްޗަށާއި ހާމަތަންތަނަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ބައެއް މީހުން މަގުތަކުގައި ހާމަތަންތަނުގައި ކުޑަމުދިއުމުގެ އާދައަކީ ޒަމާނުއްސުރެ ހިފިފައިވާ ގޯސްއާދަތަކެއްގެ ސަބަބުން ކަމަށްވެ އެވެ.

މިކަމުގެ ސަބަބުން އިންޑިޔާގައި ތަފާތު ބަލިތައް ފެތުރުމަށް މަގުފަހިވާ ކަމަށް އެޤައުމުގެ ސިއްޙަތާ ބެހޭ ފަރާތްތަކުން ބުނެ އެވެ. މީގެއިތުރުން މަގުމައްޗަށް ކުޅުޖެހުން ފަދަ ސިއްޙީ ގޮތުންނާއި އިޖްތިމާއީ ގޮތުން ގޯސް އާދަތަކަކީ ވެސް އިންޑިޔާގެ ގިނަބައެއްގެ މެެދުގައި ވަރަށް ބޮޑަށް އަށަގެންފައިވާ އާދަތަކެކެވެ. މަގުމައްޗަށް ކުޑަކަމު ދިޔުމުގެ އާދަ ހުއްޓުވުމަށް ރާޖެސްތާނުން ފަށާފައިވާ ކޭންޕޭންގައި ޢާންމު ފާޚާނާތައް ބިނާކުރުން ވެސް ހިމެނެ އެވެ. (ބީބީސީ)