09 Nov 2012, 13:24
ދިމިޝްޤު (ނޮވެމްބަރ 9): އެމެރިކާ އާއި ހުޅަނގުގެ އެހެން ބާރުތައް ޢަސްކަރީ ގޮތުން ސޫރިޔާ އަށް ވަދެގަތުމަކީ ވަރަށް ދުރުކަމެއް ކަމަށް ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދް ވިދާޅުވެއްޖެ އެވެ.
ރަޝިޔާގެ ޓީވީ ޗެނެލެއް ކަމަށްވާ "ރަޝިޔާ ޓުޑޭ" އަށް ދެއްވި ބަސްދީގަތުމެއްގައި ބައްޝާރު ވިދާޅުވީ ޢަސްކަރީ ގޮތުން ސޫރިޔާ އަށް ވަދެގަތުމަކީ އިގްތިސާދީ ގޮތުންނާއި ޢަސްކަރީ ގޮތުން ވަރަށް ބޮޑު އަގެއް ދައްކަން ޖެހޭނެ ކަމެއް ކަމަށާއި ހުޅަނގުގެ ގައުމުތަކުގެ އިގްތިސާދުއޮތީ މިކަންކުރަން ކެރޭ ފަދަ ޙާލަތެއްގައި ނޫންކަމުގަ އެވެ. މީގެއިތުރުން ޢަސްކަރީ ގޮތުން ސޫރިޔާއަށް ވަދެގަތުމަކީ ޢަދަދު ނުކުރެވޭވަރަށް ދެ ފަރާތުން ވެސް މީހުން މަރުވެ ފަނާކުރަނިވި ގެއްލުން ލިބޭނެ ކަމެއް ކަމަށްވާތީ ހުޅަނގުގެ ރައްޔިތުންތިބީ އެމީހުންގެ ދަރިން ސޫރިޔާ އަށް ވައްދައިގެން އެމީހުން މަރަން ރުހޭ ޙާލަތުގައި ނޫންކަމަށް ވެސް ބައްޝާރު ވިދާޅުވި އެވެ.
ޢަރަބި ޤައުމުތަކަށް އަންނަމުންދާ ރައްޔިތުންގެ އިންޤިލާބުތަކާ އެކު ވެރިކަމަށް އަންނަނީ އިސްލާމީ ޚިޔާލުގެ "ހަރުކަށި" ފަރާތްތައް ކަމަށާއި މިހާރު ދީނާއި ދައުލަތް ވަކިކުރާ ޢިލްމާނީ ނިޒާމެއް އޮތް ހަމައެކަނި ޢަރަބި ޤައުމަކީ ސޫރިޔާ ކަމަށްވާތީ މިއީވެސް ހުޅަނގުން ވިސްނާނެ ކަމެއްކަމަށް ބައްޝާރު ވިދާޅުވި އެވެ. ބައްޝާރު ވިދާޅުވީ އޭނާއަކީ އެއްވެސް ފަރާތެއްގެ ގޮނޑިކޮށްކޮއެއް ނޫންކަމުގަ އެވެ. އަދި ހުޅަނގުން ކިޔަވައި ވިދާޅުވެފައިވީ ނަމަވެސް އޭނާއަކީ ހުޅަނގުގެ "އުފެއްދުމެއް" ނޫންކަމަށާއި އޭނާއަކީ ސޫރިޔާ އަށް އުފަން ސޫރިޔާގެ ދަރިއެއް ކަމަށް ބައްޝާރު ވިދާޅުވި އެވެ. އެހެންކަމުން ޤައުމު ދޫކޮށް ވަޑައިގަންނަވާނެ އިތުރުތަނެއް ނޯންނާނެ ކަމަށާއި އޭނާ ދިރިއުޅުއްވާނީ ވެސް އަދި މަރުވާނީ ވެސް ސޫރިޔާގައި ކަމަށް ބައްޝާރު ވިދާޅުވި އެވެ.
ސޫރިޔާގެ ސަރުކާރުން ވަނީ އެޤައުމަށް ވަދެގެންނަ ބޭރުގެ ކޮންމެ ފަރާތަކާ ދެކޮޅަށް ފަނާކުރަނި ހަތިޔާރު ބޭނުންކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ. ސޫރިޔާއަކީ ދުނިޔޭގައި ކެމިކަލް ހަތިޔާރުގެ އެންމެ ބޮޑު ސްޓޮކް ހުރި އެއް ޤައުމުކަމަށް ރިޕޯޓްތައް ބުނެ އެވެ. އިރާގާއި އަފްޣާނިސްތާނާއި ލީބިޔާގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާ އާއި ޔޫރަޕްގެ ބާރުތައް ވަދެގެންފައިވާ އިރު ސޫރިޔާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެގަތުމަށް އެމެރިކާ އާއި ޔޫރަޕް ވަނީ ވަރަށް ބޮޑަށް ފަސްޖެހިފަ އެވެ. ބައްޝާރުގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ ހަނގުރާމަވެރިންނަށް ޢަސްކަރީ އެހީ ފޯރުކޮށްދިނުމަށް އެމެރިކާ ވެސް ޖެހިލުންވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސޫރިޔާގެ މައްސަލަ ޙައްލުކުރުމަށްް ޓަކައި އެޤައުމުގައި އިންތިޤާލީ މަރްޙަލާއެއް ޤާއިމް ކުރުމަށް މަގުފަހި ކުރުމުގެ ގޮތުން ރައީސް ބައްޝާރާއި އޭނާގެ ޢާއިލާ ސޫރިޔާ އިން އަމާންކަމާ އެކު ނުކުތުމުގެ ފުރްސަތު ދިނުމަށް ތާއީދުކުރައްވާކަން އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ދާދިފަހުން ވަނީ ހާމަކުރައްވާފަ އެވެ. (އަލްޖަޒީރާ)