09 Nov 2012, 13:10
ސަރުކާރާ ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެމްޓީސީސީން އޮޕަރޭޓް ކުރާ ފެރީ ނިޒާމުގެ ތެރެއިން އެ ކުންފުންޏަށް އަހަރެއްގެ މައްޗަށް ލިބޭ ގެއްލުން 30 މިލިއަން ރުފިޔާއަށް އަރާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މިދިޔަ ތިން މަސް ދުވަހުގެ ކުންފުނީގެ މާލީ ހާލަތާއި ގުޅޭ ގޮތުން "ސަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. އަހުމަދު އަދުހަލް އަބްދުﷲ ވިދާޅުވީ އެ ކުންފުންޏަށް އެންމެ ބޮޑު ގެއްލުމެއް ވަނީ އެ ކުންފުނީގެ ޓްރާންސްޕޯޓް ހިދުމަތުގެ ބައިން ކަމަށާއި އެ ބައިން 28 އާއި 30 މިލިއަން ރުފިޔާއާ ދެމެދުގެ ގެއްލުމަކާ އެ ކުންފުންޏަށް ކޮންމެ އަހަރަކު ވެސް ކުރިމަތިލާން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން މިކަން މި ކުރެވެނީ ވެސް ސޯޝަލްކަމެއްގެ ގޮތުގައި. އޭގެ މޮޓިވްއެއްވެސް ނޫން، ކޮންމެހެން ބޮޑު ފައިދާއެއް ހޯދުން. މީގެ އެންމެ ބޮޑު މޮޓިވްއަކަށް ވެފައި އޮންނަނީ ރައްޔިތުންނަށް އެކަށޭނަ ހެޔޮ އަގުގައި މި ހިދުމަތް ދިނުން،" އަދުހަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ގެއްލުން ފޫބެއްދުމުގެ ގޮތުން އިތުރު ކޮންޓްރެކްޓްތައް ހޯދައި އެ ސެކްޓަރާ ގުޅުން ހުރި ޕްރިމިއަމް އެކި ހިދުމަތްތައް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޕްރިމިއަމް ފެރީގެ ހިދުމަތާއި ކާގޯ ފެރީގެ ހިދުމަތް ޑިވަލޮޕްކުރުމަށް މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"އެކަން ފޫބައްދަނީ ހާބަރުތަކުން. އެއާ އެކީގައި އާ ޕްރޮޖެކްޓްތައް ހޯދުމާއި، ޕްރިމިއަމް ދެ ފެރީ ގެނައުމާއި ހުޅުމާލެ އަށް ބަސްތައް ގެނައުމާއި މިކަހަލަ ކަންތައްތަކުން އަޅުގަނޑުމެން މިތަން މި ފޫބައްދަނީ،" އަދުހަމް ވިދާޅުވި އެވެ.
މިއަހަރުގެ ދެ ވަނަ ކުއާޓާ އަށް ވުރެ ފުރަތަމަ ކުއާޓާގައި ފައިދާ ދަށަށް ދިޔަ ސަބަބުގެ މައްޗަށް އަލިއަޅުވާލައްވާ އަދުހަމް ވިދާޅުވީ އެކަން އެގޮތައް ދިމާވީ އެ ކުންފުނިން ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކަށް ބޭނުންވާ ބައެއް ސާމާނު އިންޑިއާ އިން ރާއްޖެ ގެނައުމުގައި ދިމާވި ދަތިތަކާ ހުރެ ކަމަށެވެ. ނަމަވެސް މި އަހަރުގެ ފަހު ކުއާޓާއަކީ ފައިދާ ރަނގަޅު ކުއާޓާއަކަށް ވާނެ ކަމަށް އަދުހަމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އޭގެން އެއްޗެއް ލިބެނީ އިންޑިއާއިން ގެނެސް ބޮޑު ހިލަ އެ ސައިޓަކަށް ގެންދެވުނީމައި. އޭގެ ކުރިން ނުވާނެ. އެހެން ވީމައި އިންޑިއާއިން އެއްޗިހި ގެނައުމުގެ އެރި ތާށިތަކާ އެކު އެގޮތައް ދިމާވީ. ނަމަވެސް ފައުކުއާޓާގައި ވަރަށް ގިނަ ޕްރޮޖެކްޓްތައް ނިމޭނެ. އޭގެ ސަބަބުން އޭގެ ފައިދާ އަޅުގަނޑުމެންނަށް ލިބޭނެ،" އަދުހަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުންފުނީގެ މާލީ ހާލަތުވެސް މިހާރު ހަމައަކަށް އެޅެމުން އަންނަ ކަމަށެވެ. އަދި އަންނަ އަހަރަކީ އެ ކުންފުނީގެ ފައިދާ ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެ އަހަރެއް ކަމަށް ވެސް ވިދާޅުވި އެވެ.
އެމްޓީސީސީގެ ހިސާބުތަކަށް ބަލާ އިރު މިދިޔަ ތިން މަހު އެމްޓީސީސީ އިން ވަނީ 153 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން ޖުމްލަ ފައިދާގެ ގޮތުގައި 20.10 މިލިއަން ރުފިޔާ ހޯދައިފަ އެވެ. ނަމަވެސް ވިޔަފާރީގެ ގެއްލުމާއި ހަރަދަށް ކެނޑުމުން އެ ކުންފުންޏަށް ފައިދާގެ ގޮތުގައި 3.9 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިއަހަރުގެ ދެ ވަނަ ކުއާޓާގައި ފައިދާ އަށް ޖެހުނު 4.2 މިލިއަން ރުފިޔާ އަށް ވުރެ 348،810ރ. މަދު އަދަދެކެވެ. އެއީ އެ ކުންފުނީގެ ފައިދާ އަށް އައި އަށް ޕަސެންޓްގެ ހީނަރުވުމެކެވެ.