17 Sep 2010, 10:18
މީގެ ދެ އަހަރު ކުރިން ހދ. ކުމުންދޫ ބޮޑު ކަތީބުގެ 11 އަހަރުގެ ދަރިފުޅު ގެއްލުމާ ގުޅިގެން ދަރިފުޅަށް ދޭން ޖެހޭ އޯގާތެރިކަން ދީފައި ނުވާތީ ކަތީބާއި ދަރިފުޅުގެ ދޮންމަންމަގެ މައްޗަށް ދައުލަތުން ދައުވާކޮށްފި އެވެ.
ބޮޑު ކަތީބު އަލީ އަބްދުލްވާހިދާއި އޭނާގެ އަންހެނުން ހަލީމަތު އަބްދުލް ވާހިދުގެ މައްޗަށް ދައުލަތުން ދައުވާ ކުރީ ބޮޑު ކަތީބުގެ ދަރިފުޅު، އަދި ހަލީމަތުގެ ދޮންދަރިފުޅު، އަހުމަދު ނަބީލު އޯގަސްޓް24، 2008ގައި ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ ނަބީލުގެ ބައްޕަ އާއި ދޮންމަންމަ، ނަބީލަށް ދޭން ޖެހޭ އަޅާއިލުމާއި އޯގާތެރިކަން ނުދީ ނަބީލު އެކަހެރިކޮށް، އޭނާ އަށް ސަމާލުކަން ދޭން ޖެހޭ މިންވަރަށް ސަމާލުކަން ނުދިނުމުގެ ސަބަބުން ކަމަށް ބުނެ އެވެ. މި ދައުވާ ކޮށްފައި ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ބެހޭ ގާނޫނުގެ 25 ވަނަ މާއްދާއާ ހަވާލާދީ ގާނޫނުލް އުގޫބާތުގެ 88 ގެ (ހ)ގެ ދަށުންނެވެ.
ގެއްލުނު ފަހުން ހަބަރެއް ނުވެފައިވާ ނަބީލުގެ ބައްޕަ، ކުމުންދޫ ކަތީބު އެ ރަށު ވިލާރަތްލާގޭ އަލީ އަބްދުލްވާހިދު ތަހުގީގު ބަޔާނުގައި ބުނެފައި ވަނީ އެހެން މީހަކަށް ލިބިފައިވާ އޭނާގެ ދޮށީ ދަރިފުޅު ނަބީލު ހުންނަނީ އޭނާ އާއި ނަބީލު ދޮންމަންމަ ގާތުގައި ކަމަށެވެ. އަދި ބުނެފައި ވަނީ ނަބީލަކީ ސިކުނޑީގެ ނުކުޅެދުންތެރިކަން ހުރުމުގެ އިތުރުން ވާހަކަ ދައްކަން ވެސް ދަތި ކުއްޖެއް ކަމަށެވެ.
އޭނާ ބުނެފައި ވަނީ ނަބީލު ވަރަށް ގިނައިން ވަލަށާއި މޫދަށް ދާ ކަމަށާއި އެ ގޮތަށް ނަބީލު ދާތީ އޭނާ ގެންގުޅެނީ ހާއްސަ ސަމާލުކަމެއްދީގެން ކަމަށާއި ނަބީލުގެ ދޮންމަންމަ ވެސް ނަބީލާ މެދު އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅޭ ކަމަށެވެ.
އޭނާގެ ބާޔާނުގައި ބުނެފައި ވަނީ އޭނާ އަކީ ބޮޑު ކަތީބަށް ވުމުން ގިނަ ވަގުތު އޮފީހުގައި އުޅެންޖެހޭތީ އަބަދު ނަބީލު ގާތުގައި ނުހުރެވޭ ކަމަށާއި އޭނާ ސްކޫލަށް ނުފޮނުވަނީ އޭނާގެ އެއްޗެހި އެހެން ކުދިން ބޭނުން ކުރާތީ ނަބީލު ރުޅިއައިސް ކުދިންނަށް ހަމަލަދޭތީ ކަމަށެވެ.
އޭނާ ބުނެފައި ވަނީ ގެއްލުނުކަން އެނގުނީ އޯގަސްޓް 24 ވަނަ ދުވަހު މެންދުރު ފަހު 2:00 ޖެހިއިރު ރަށުގެ ބަނދަރުގައި އުޅެފައި ގެއައަށް އާއިރު ނަބީލު ގޭގައި ނެތުމުން ކަމަށެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ބެހޭ ގާނޫނުގެ 25 ވަނަ މާއްދާގައި ބުނަނީ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާނޭ ކަމެއް އެއްވެސް މީހަކު ކޮށްގެން ނުވާނެ އެވެ. އަދި އެއްވެސް ކުއްޖަކާމެދު ބަދު އަހުލާގީ އަމަލެއް ނުވަތަ އަނިޔާވެރި އަމަލެއްވެސް ހިންގައިގެން ނުވާނެ އެވެ. ކުޑަކުއްޖަކާ މެދު އެއްވެސް މީހަކު މިފަދަ ކަމެއް ހިންގައިފިކަން އެނގިއްޖެ ނަމަ ނުވަތަ މިފަދަ ކަމަކާ މެދު ތުހުމަތު ވެއްޖެ ނަމަ ސަރުކާރުގެ ކަމާ ބެހޭ ފަރާތަކަށް ލަސްނުކޮށް އުފުލަން ވާނެ ކަމަށެވެ.