މިހާރު އަމަލުކުރެވެމުންދާ ޤާނޫނުއަސާސީ ވުޖޫދަށް އައުމުގެ ކުރިން ދިވެހިން އެންމެ ކަންބޮޑުވާ އެއް މައްސަލައަކަށްވެފައިއޮތީ ޤައުމަށް އަންނަ ތަރައްޤީއާއި އެއްފެންވަރަކަށް ޢަދުލު އިންޞާފްގެ ދާއިރާ ކުރިޔަށް ނުދިއުމެވެ. އެކަމުގެ ބައިވަރު ސަބަބުތަކެއްހުރިކަމަށް އޭރު ބުނެއުޅުނެވެ. މައިގަނޑު އެއް ސަބަބެއްކަމަށް އޭރު ބުނަމުން އައިސްފައިވަނީ ސަރުކާރުގެ ނުފޫޒު ޢަދުލުއިންޞާފުގެ ދާއިރާގެ ތެރެއަށް ވަނުމުން ޝަރީޢަތްކުރައްވަން ތިއްބަވާ ފަރާތްތަކުގެ މެދުގައި ވަޒީފާ ގެއްލިދާނެކަމުގެ ބިރުއޮތުމެވެ. އެއީ އޮތް ބިރަކަށްވެދާނެއެވެ. ސަބަބަކީ އޭރު ވަޒީފާދެއްވަނީ ސަރުކާރުން ބައްލަވާ މިންގަނޑަކަށް ފެތޭ ސަރުކާރަށް ފެންނަ ބަޔަކަށްވާތީވެއެވެ. ވަޒީފާއިން ވަކިކުރުމުގައިވެސް އޮންނަނީ އެފަދަ އުޞޫލެކެވެ. ކުށެއްކުރިކަމަށް ސަރުކާރަށް ޔަޤީންވާފަދަ ހެއްކާއި ޤަރީނާ ލިބުމުން އެމީހަކު ވަޒީފާއިން ވަކިކުރަނީއެވެ. ނުވަތަ ސަރުކާރުގެ ކޮންމެވެސް އެހެންދާއިރާ އެއްގެ އެފެންވަރުގެ ވަޒީފާއަކަށް އެމީހަކު ބަދަލުކުރަނީއެވެ.

ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި ކުރިމަތިވެފައިއޮތް އަނެއް ގޮންޖެހުމަކީ ރައްކާތެރިކަން ނުލިބުމެވެ. އިޖްތިމާޢީ ރައްކާތެރިކަން ނުލިބުމެވެ. ޤާނޫނީ ރައްކާތެރިކަން ނުލިބުމެވެ. މާލީ ރައްކާތެރިކަން ނުލިބުމެވެ. އަދި ވަޒީފާގެ ރައްކާތެރިކަންވެސް ނުލިބުމެވެ. އާދައިގެ ދިރިއުޅުމެއް އުޅުއްވާ ޙާކިމުން ނިންމަވާ ނިންމުންތަކަކީ ސިޔާސީގޮތުން ނުފޫޒުގަދަ ފަރާތްތަކާއި، މާލީގޮތުން ބާރުގަދަ ފަރާތްތަކާއި، ނުރައްކާތެރި ކުށްކުރާ ފަރާތްތަކުގެ ދިރިއުޅުމަށް ބޮޑެތި އަސަރުކުރާ ނިންމުންތަކަކަށްވެއެވެ. ޙާކިމުން މަސައްކަތްކުރައްވަންޖެހެނީ، މިބާރުގަދަ އޮއިވަރާއި ދެކޮޅަށެވެ. އެއްވެސް ރައްކާތެރިކަމެއްްނެތިއެވެ.

މާޒީގެ ތާރީޚުގައި، ޝަރުޢީ ދާއިރާގައި މަސައްކަތްކުރުމަށް ޤާބިލު، ޢިލްމީ މީހުން ހޯދުމަކީވެސް ފަސޭހަކަމަކަށް ނުވެއެވެ. މުސާރަކުޑަވެފައި، މަސްއޫލިއްޔަތު ބޮޑުވެފައި، ނުރައްކާތެރިކަމާއި ކޮންމެދުވަހަކު ކުރިމަތިލާންޖެހުމުން އެފަންނުގެ ގިނަ، ޢިލްމީ މީހުން ޝަރީޢަތްކުރުމަށް ބޭނުންނުވަނީއެވެ.ކުރިމަތިލާންޖެހޭ ގޮންޖެހުންތަކާއި، ނުރައްކަލާއި، ޤުރުބާނީއަށް ބަލާއިރު އެޤުރުބާނީއާއި އެއްވަރު މަންފާއެއް ލިބިދާނެކަމަށް އެމީހުންނަށް ޤަބޫލުނުކުރެވޭތީވެއެވެ.
އާ ޤާނޫނުއަސާސީ އަށް އަމަލުުކުރަންފެށުމާއި އެކު ކުރިން ދެންނެވުނު، ވަރަށް ގިނަ މައްސަލަތައް ހައްލުވާންެފެށިއެވެ.

އެންމެ ބޮޑު މައްސަލައަކަށްވެފައި އޮތް، ކުށެއް ނުކުރާހާ ހިނދަކު ވަޒީފާގައި ދެމިހުރުމުގެ ޔަޤީންކަން ލިބިގެންދިޔައެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުރެއްޖެނަމަ، އުމުރުން70 އަހަރުވާންދެން ވަޒީފާގައި ދެމިހުރުމުގެ ޔަޤީންކަން ލިބިގެންދިޔައެވެ. މުސާރައާއި ޢިނާޔަތްތައް ރަގަޅުވެގެންދިޔައެވެ. މިހާރު ޙާކިމަކު ކުށެއްކޮށްގެން ވަޒީފާއިން ވަކިކުރަންޖެހިއްޖެހިނދެއްގައިވެސް، ކަމާއިބެހޭ ފަރާތްތަކުގެ ތަޙްޤީޤް އާއި އެކު، އެކަމެއް ނިންމޭނީ ތަފާތު މަރުޙާލާތަށް ކަޑައްތުކުރުމަށްފަހު އެކަކަށްވުރެގިނަ މީހުންގެ އާނބަސްލިބިގެންނެވެ.މަޖިލީހާއި ހަމައަށްދާ މައްސަލަތަކުގައި ކޮންމެ ބައެއްގެ އަޣްލަބިއްޔަތު މަޖިލީހުގައި އޮތްކަމުގައިވިޔަސް ކުށެއްނެތް ފަނޑިޔާރަކު ވަޒީފާއިން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތާއީދު ލިބިދާނެކަމަށް އަޅުގަނޑަށް ޤަބޫލުކުރަން އުނދަގުލެވެ. މިޒަމާނުގައި، ފަނޑިޔާރުކަން ކުރުމަށް ޤާބިލު ބޭފުޅުން ލިބެއެވެ. ދުނިޔޭގެ ތަފާތު ކަންކޮޅުތަކުން ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ އާއި ދެވަނަ ޑިގްރީއާއި ތިންވަނަ ޑިގްރީ ހޯއްދަވާފައި ތިއްބެވި ބޭފުޅުން އެދާއިރާގައި މަސައްކަތްކުރައްވަމުން ގެންދަވައެވެ. އެހެންނަމަވެސް އެދާއިރާއަށް ލިބެންޖެހޭ ރައްޔިތުންގެ އިތުބާރާއި ހިތްހަމަޖެހުމާއި ޔަޤީންކަން ލިބުންއޮތީ އަދިވެސް ވަރަށް ދުރުގައެވެ.

ޝަރުޢީ ދާއިރާގައި މަސައްކަތްކުރައްވާ ބައެއް ފަރާތްތަކާއި ސިޔާސީ ބައެއް ފަރާތްތަކާއި ވަރަށް ބަދަހި ގުޅުމެއް އޮންނަކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. ޚާއްޞަކޮށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއެވެ. ބައެއް ހާލަތުގައި އެކަހެރި މާހައުލެއްގައި ބައްދަލުވުންތައް ބޭއްވޭކަމަށްވެސް ތުހުމަތުކުރެއެވެ. ބައެއްފަހަރު ރާއްޖެއިން ބޭރުގައިކަމަށްވެސް ބައެއް މީހުން ތުހުމަތުކުރެއެވެ. މިއީ އެބޭފުޅުންގެ އަބުރާ ބެހުމުގެ ނިޔަތުގައި ކުރެވޭ ތުހުމަތަކަށްވެސް ވެދާނެއެވެ.

ފަހަކަށް އައިސް ސުވާލު އުފެދޭ ކަހަލަ ނިންމުންތައް ޝަރުޢީދާއިރާއިން ނިންމަވަމުންގެންދަވާތަންފެނެއެވެ. (ޝަރީޢަތުގެވާހަކައެއްނޫނެވެ.) އެއްވެސްއެހެންފަރާތެއްގެ ރަސްމީ އިސްނެގުމެއްނުއޮންނަކަމަށް، ބޭރުފުށުން ފެންނަ ކަންކަމުގެ ތެރެއަށް ވަންނަވާތަންވެސް ފެނެއެވެ. އެކަމުގެ ސަބަބުން ބައެއް ފަރާތްތަކަށް ލިބިދޭ ޤާނޫނީ، ފަރުދީ ޙައްޤުން މަރުޙޫމު ވެދާނެކަމަށްވެސް ބެލެވިދާނެކަންކަމެވެ. މިވާހަކަ މިގޮތަށް ދެއްކެނީ ދެފުށް ނުފެންނަގޮތަށް ޝަރުޢީދާއިރާގެ ބައެއް ނިންމުންތައް ނިންމެވޭތީވެއެވެ. ޤާނޫނީ ވަކީލުންނަށް މިވާހަކަ ދެއްކޭކަށް ނުއޮވެއެވެ. އެފަރާތްތަކުގެ މަސައްކަތުގެ "އަޅުވެތިކަމާ"ހުރެއެވެ. އެކަމަކު ކޮންމެވެސް ބަޔަކު މިވާހަކަތައް ދައްކަންޖެހެއެވެ. ޝަރުޢީ ދާއިރާގެ މަސައްކަތްތައް ކުރިޔަށްދަނީ ފިނިހަކައިގެ ދުވެލީގައެވެ. ހުރިހާކަމެއް ނިމޭފަހުން ނިންމުންތައް ނިންމޭތަންވެސް އެބަފެނެއެވެ. އެކަމުގެ ސަބަބުން އެއްވެސް ބަަޔަކަށް ފައިދާއެއްނުވާ ކަންތައްތަކެވެ. އަގުހުރި ވަގުތުތަކެއް ބޭކާރުވެގެންދެއެވެ.

ތެދުފުޅެކެވެ. ޝަރުޢީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ރައްކާތެރިކަމާއި ޙިމާޔަތުގެ މައްސަލައަކީ، ކުށަށް ޙުކުމުކުރެވޭ މީހުން އަދަބުގައި ނުބޭތިއްބޭ، މިޤައުމުގައި ބޮޑު މައްސަލައެކެވެ. އެހެންނަމަވެސް ޝަރުޢީ ދާއިރާ އަށް ރައްޔިތުންގެ އިތުބާރުލިބޭނެ ފެންވަރަށް މަސައްކަތް ނުކުރެވިގެން އުޅެނީ މިސަބަބާހުރެކަމަށް ޤަބޫލުކުރަން އުނދަގުލެވެ. އަދި އެއީ ކުރީގެ ރައީސް ނަޝީދު ވިދާޅުވާ ސަބަބެއްވެސް ނޫނެވެ.

އަޅުގަނޑުގެ ނަޒަރުގައި ރާއްޖޭގެ ޝަރުޢީ ދާއިރާއަށް މިހާރު އެންމެބޮޑަށް ބޭނުމީ ކެރުމެވެ. އިޚްލާޞްތެރިކަމެވެ. ތެދުވެރިކަމެވެ. އެބޭފުޅުންގެ ޢިލްމީ ތަޖުރިބާ އާއި ޤާނޫނީ ޤާބިލުކަމުގެ އަލީގައި ކަންކަން ނިންމެވުމެވެ. މިކަން މިގޮތަށް ބޭނުންވަނީ ހަމައެކަނި ޝަރުޢީ ދާއިރާއަކަށް ނޫންކަމަށް އަޅުގަނޑު އެއްބަސްވަމެވެ. މުސްތަޤިއްލު މުއައްސަސާތަކަށްވެސް މެއެވެ. ބައެއް މުއައްސަސާތައްވަނީ މުސްތަޤިއްލުވެގެންގޮސް މުސްތަޤިއްލުކަމުގެ ފަޒާގެތެރެއަށްގޮސް ގެއްލިފައެވެ. އެތަންތަނުން ހެދޭ ގޯސް ނުފެންނަ ހިސާބަށް ގޮސްފައެވެ. އެތަންތަނުންހަދާ ގޯސް ބަލާފަރާތެއް، އަޅާލެވޭފަރާތެއް އޮންނަކަމަކަށް އަމަލަކުން ނުފެނެއެވެ. ކުދިކުދި "ޑީލް" ތަކުގައި ގޯސްތައްވެސް ޣަރަޤުވެގެންދަނީއެވެ. "އަހަންނަށް ކަހައިދިނިއްޔާ ކަލެއަށް ކަހާދޭނެ" ގެ އުޞޫލުގެތެރޭގައެވެ.