ހަނޑުލަކީ ކެއްކުމުގެ އިތުރުން ވެސް ޒީނަތްތެރި ވުމަށް ހާއްސަކޮށް ހަމަށް ވަރަށް ފައިދާ ހުރި ބޭނުންތެރި އެއްޗެކެވެ. ފަސޭހައިން ލިބެން ހުންނަ އެއްޗަކަށް ވުމުގެ އިތުރުން ހަނޑުލުގެ ބޭނުން ކޮށްގެން ރީތިކަން ދަމަހައްޓާނަމަ ހަންގަނޑު އޮމާންވެ މަޑުވެ އަލި ވާނެއެވެ.

ހަނޑޫ އާންމު ގޮތެއްގައި ބޭނުން ކުރަނީ ހަނޑޫފުށުގެ ގޮތުންނާއި ހަނޑޫ ފެނުގެ ގޮތުގައެވެ. ނުކައްކާ ހުރި ހަނޑޫ މުގުރުމުން ހުންނަނީ ހަނޑޫފުށް ހެދިފައެވެ. ހަނޑޫފުށަކީ ފިހާރަތަކުގައި ވެސް ވިއްކަން ހުންނަ އެއްޗެކެވެ. ހަނޑޫފުށުގެ ތެރެއަށް ފެން ނުވަތަ ކިރު އެޅުމުން އެހެދުނީ މާސްކް އެކެވެ. ހަނޑޫ ފެނަކީ އެންމެ ފުރަތަމަ ހަނޑޫ ދޮންނައިރު ނަގާ ފެނެއެވެ. އާންމުކޮށް މި ފެނަކީ އުކާލާފެނެވެ. ނަމަވެސް މި ފެނަކީ ހަމަށް ވަރަށް ފައިދާ ކުރާ ނިއުޓްރިއަންޓްސް ހިމެނޭ ފެނެކެވެ.

ހަނޑޫ ފުށުން މޫނު އަލިވަނީ ކިހިނެއް؟
•ހަނޑުލުގައި ހިމެނޭ މާއްދާއެއް ކަމުގައިވާ "ޕަބާ" PABA (para aminobenzoic acid) އަކީ ވަރަށް ރަނގަޅު ސަންސްކްރީން އެކެވެ. އަދި އާންމުކޮށް ބޭނުން ކުރާނަމަ ވިޓަމިން ސީ ވެސް ހަށިގަނޑު އެތެރެއިން އިތުރު ކޮށްދޭ މާއްދާއެކެވެ.
•ހަނޑުލުގައި އަދިވެސް އިތުރު ދެމާއްދާއެއް ހިމެނެއެވެ އެއީ "ފެރުލިކް އެސިޑް(ferulic acid)" އާއި "އެލަންޓޮއިން (allantoin)" އެވެ.
oފެރުލިން އެސިޑަކީ އެންޓިއޮކްސިޑެންޓް އެކެވެ. އަދި އެލަންޓޮއިން ގެ ސަބަބުން އަވިން އަނދާފައި ހުންނަ ތަންތަން ފަސޭހަ ކޮށްދީ ހަންގަނޑު ރިޕެއަރ ކޮށްދެއެވެ.

ހަނޑޫ ފެނުން ޓޯނަރ އެއް ހަދާނެ ގޮތް:
ހަނޑޫފެނުން މޫނު ދޮވުމުން މޫނު ސާފުވެ އުޖާލާކޮށްދެ އެވެ. މަހެއްހައި ދުވަހުގެ ތެރޭގައި މޫނަށް އަންނަ ބަދަލު އަމިއްލަ އަށް ފާހަގަވެ މޫނުގެ ކުލަ އަލިވާކަން އެނގޭނެ އެވެ.
•ރީތި ތައްޓެއްގެ ތެރެއަށް ހަނޑުލާއި ފެން އަޅާށެވެ. (މިތަނުގައި ބްރައުން ރައިސް ނުވަތަ ބާސްމަތީ ހަނޑޫ ނުވަތަ ހަރު ހަނޑޫވެސް ބޭނުން ކުރެވިދާނެއެވެ)
•އަތުން ހަނޑޫތައް ސާފު ކުރާގޮތަށް ފެނުގައި މޮޑެލާށެވެ.
•ފެން ނުސާފު ވުމުން އެހެން ތައްޓަކަށް ފެންތައް ފުރާނާލާށެވެ.
•ފުރާނާލި ފެނުން މޫނު ދޮވެލާށެވެ. (މޫނު ދޮވުމުގެ ކުރިން ރަނގަޅީ ސްކްރަބް އެއް ބޭނުން ކޮށްގެން މޫނު އެކްސްފޯލިއޭޓް ކޮށްލުމެވެ. އޭރުން ހަނޑޫފެން މޫނަށް ވަންނަން ފަސޭހަވާނެއެވެ). އަދި ބޮޑަށް ރަނގަޅީ ތުވާލިން ފެންތައް ހިއްކުމުގެ ބަދަލުގައި އަމިއްލައަށް ފެންތައް ހިކެންދެން މޫނުގައި ބެހެއްޓުމެވެ.
•މި ގޮތަށް ހަފްތާއަކު އެއްފަހަރު ހަދާނަމަ މަސްދުވަސް ތެރޭގައި ހަމަށް އަންނަ ބަދަލު އަމިއްލަ އަށް ދެނެގަނެވޭނެ އެވެ. ހަމުގެ ކުލަ އަލިވެ ހަންގަނޑު މަޑުވެ ސާފު ވާނެއެވެ. އިތުރު ވެފައި ހުންނަ ފެން ފުޅިއަކަށް އަޅާފަ ފްރިޖްގަވެސް ބެހެއްޓިދާނެއެވެ.

ހަނޑޫފުށުން މާސްކެއް ހަދާނެ ގޮތް:
•ހަނޑޫފުށް ހެދުމަށް ހަނޑޫކޮޅެއް މިކްސްޗަރަށް އަޅައި ހިމުންކޮށް ފުނޑާލާށެވެ (މި ގޮތަށް ހަނޑުލުން ޓޯނަރ ހަދަން ބޭނުންކުރި ހަނޑޫތައް ވެސް ބޭނުން ކުރެވިދާނެއެވެ.)
•ހަނޑޫފުށުގެ ތެރެއަށް ކިރުކޮޅެއް އަޅާށެވެ. ޕޭސްޓެއް ހެދޭ ވަރަށެވެ. ހިކި ކިރު އަޅާކަމުގައި ވަނީ ނަމަ "ރޯސްވޯޓަރ" ނުވަތަ އާދައިގެ ފެންފޮދެއް އަޅައިގެން ޕޭސްޓް ހެދިދާނެއެވެ. (އަދި ޔޯގަޓް ނުވަތަ މާމުއި ވެސް ބޭނުން ކުރެވިދާނެއެވެ)
•މޫނާއި ކަރުގައި މި ހެދުނު ޕޭސްޓް ހޭކުމަށްފަހު 20 ނުވަތަ 30 މިނިޓް ބަހައްޓާފައި ތާފަނާ ފެނުން ދޮވެލާށެވެ.
•މި މާސްކް ވެސް ހަފުތާ އަކު އެއްފަހަރު ބޭނުން ކުރެވިދާނެއެވެ. އަދި ބޭނުމިއްޔާ ދެރެއިން އެއްރޭ ނުވަތަ ކޮންމެ ދުވަހަކު ފަހެއް ނުވަތަ 10 މިނިޓް ވަންދެން މާސްކް ހާކައިގެން ހުރެފަ ދޮވެލެވިދާނެއެވެ.

މި ޕޭސްޓްގެ ސަބަބުން މޫނުގެ ކުލަ އަލިވެ ދޮންވުމުގެ އިތުރުން ހަންގަނޑު މަޑުވެ ރޫތައް ވެސް ފިލާނެއެވެ.