09 Nov 2012, 11:30
މިވާހަކަ ފެށިގެން މިއުޅެނީ ދާދި މިދާކަށް ދުވަހު ބަޔަކު ދެއްކި ވާހަކައަކާ ގުޅިގެންނެވެ. އެމީހުންގެ މެދުގައި ދެކެވުނު ވާހަކައެއްގެ ތެރެއިން އެކަކު ބުންޏެވެ. އަހަރެމެން އޮފީހުގެ ހުރިހާ މީހުންވެސް ވަޒީފާއަދާކުރަނީ ވަރަށް ގަޔާވެގެންނެވެ. ކިތަންމެ މަސައްކަތް ބުރަޔަސް ފޫއްސެއް ނުވެއެވެ. މުސާރަވެސް ބޮޑު ބޮޑެއް ނޫނެވެ. މަސައްކަތް ލުޔެއްވެސް ނޫނެވެ. ބައެއް ދުވަސް ދުވަހު ހެނދުނު ދާގޮތަށް އިރުއޮއްސޭއިރުވެސް ސަލާމަތް ނުވެއެވެ. އެހެންނަމަވެސް އެ ހުރިހާ ވަގުތެއް ހޭދަކުރަނީ ވަރުބަލި ވިޔަސް އެކަން އިހުސާސް ނުވާހާލުގައެވެ.
ވާހަކަ މިހާހިސާބަށް ދިޔުމާއެކު އަނެކަކު ނީނދެވިގެން ފަށާކަހަލަ ގޮތަކަށް ވާހަކަ ފަށައިފިއެވެ. ތީ ހުސްފޮންޏެވެ. ގަބޫލެއް ނުކުރާނަމެވެ. ރަނގަޅަށް ބަލައިފިއްޔާ އޮފީހަށް ގޮސް ސޮއިކޮށްލާފައި އައިސް ތިބޭނީ ގޭގައެވެ. އަހަންނަކީވެސް އޮފީހެއްގައި މަސައްކަތް ކުރާ މީހެކެވެ. ބޮޑުމުސާރައިގައެވެ. އެކަމަކު ތިޔަބުނާ ފަދަ ރޫހެއްގައި މަސައްކަތް ކުރާ ހަމަ އެކަކުވެސް އަހަރެމެން އޮފީހަކު ނޫޅެއެވެ. ކޮންމެ މީހަކުވެސް ބަލަނީ އަމާކީތީ ފަރަށްދާ އުޞޫލު އިސްކުރެވޭތޯއެވެ. މަވެސް އުޅެނީ އެހެންނެވެ.
އަަހަރެން ތިވާހަކަ ގަބޫލުކުރަމެވެ. އެކަމަކު އަހަރެންގެ ބަސް ގަބޫލު ނުކުރީތީ ހައިރާންވަމެވެ. ބުނަންހެއްޔެވެ. ތިޔަ އޮފީހުގެ މީހުން ތިޔަގޮތަށް ކަންތައް ކުރުމުގައި ވެސް އަދި އަހަރެމެން އޮފީހުގެ މީހުން މިގޮތަށް ކަންކުރުމުގައިވެސް ސަބަބެއް އޮންނާނެއެވެ. އެކަމާދޭތެރޭ ވިސްނައިލީމުހެއްޔެވެ؟ ނުވިސްނަން ދޯއެވެ. އެކަމަކު އަހަރެން ވިސްނައިފީމެވެ. ސަބަބު އެނގިއްޖެވެސް މެއެވެ. ބުނަންވީހެއްޔެވެ؟ ކުރިމަތީގައި އިން މީހާއަށް ނިތް އެއްލަމުން އޭނާ އަހައިލިއެވެ. އަނެކަކު އާއެކޭ ބުނެލީ ބޯ ޖަހައިލުމަކުންނެވެ.
ތިޔަ އޮފީހުގައި އުޅޭ މީހުން ކުރާ މަސައްކަތް ތިޔަ ވަނީ ފަޅުރަށަކަށް ދޭ ހަނދުވަރަށް ވެފައެވެ. ސަބަބަކީ އެއީއެވެ. މިވަރަކަކުން އަނެކާއަކަށް ނަގައެއް ނުގަނެވުނެވެ. ތިޔަބުނީ ކީކޭހޭ އަހައިފިއެވެ. އެހެންނަމަވެސް ތަފުޞީލަށް ދާކަށް އޭނާ ނުހެދިއެވެ. ހަމަ ކުރީގެ ޖުމުލަ ތަކުރާރުކޮށްލީއެވެ. ނުވިސްނުނެވެ. ޖެހުނީ އޮޅުންފިލުވައިދޭށެވެ.
ފަޅުރަށޭ ކިޔައި އުޅެނީ މީހުން ދިރިނޫޅޭ ރަށްރަށަށެވެ. އެފަދަ ރަށްރަށަށް ކުރީ ޒަމާނުގައި މީހުން ވެލާހިފަން ނުވަތަ ދަރުކޮށުން ފަދަ ކަންކަމަށް ގޮސް އުޅުނެވެ. މިޒަމާނުގައި ދަނީ ދަތުރެވެ. އިރު އޮއްސުމުގެ ކުރިން އެނބުރި ރަށަށް އަންނާނެއެވެ. ހަނދުވަރުގެ ރިތިކަމާއި ނަލަކަން ފެންނާނީ ރޭގަނޑުއެވެ. އެެހެންކަމުން ފަޅުރަށަކަށް ކިތަންމެ ރީތި ހަނދުވަރެއް ދިނަސް އެހަނދުވަރުގެ ރިތިކަން ދެކޭނެ މީހަކު އެރަށަކު ނުހުރެއެވެ. އެހެންގޮތަކަށް ބުނާނަމަ އެރީތި ހަދުވަރުގެ އަގު ވަޒަން ކުރާނެ މީހަކު ނުހުރެއެވެ.
އަނެކާ ބޯ ޖަހައިލިއެވެ. މިހާރު ވިސްނިއްޖެއެވެ. ތިޔައީ ވަރަށް ބޮޑު ތެދެކެވެ. ވާގޮތަކީ އެއީއެވެ. އަހަރެމެންވެސް ބުރަ މަސައްކަތް ތަކެއް ކުރި ޒަމާނެއް ދިޔައެވެ. ރެއާއި ދުވާލު ކަހަލަ ގޮތަކަށް ގުދާރު ބިންދި ދުވަސްތަކެއް ދިޔައެވެ. އެހެންނަމަވެސް އެޒަމާނަށް އިރު އޮއްސި، ކަންފަސޭކަމާއި އަމާކީތީ ފަރަށްދާ އުސޫލުގެ ދުވަސްތަކަށް އިރުއެރީ ތިޔަ ބުނިހެން ވީމައެވެ. ކިތަންމެ ބުރަކޮށް އުޅުނަސް އެކަން ދެކޭނެ މީހަކު ނުހުރެއެވެ. އެންމެ ކުޑަމިނުން ހާދަރަނގަޅޭ ބުނެލާނެ މީހަކުވެސް ނުވެއެވެ.
ގަބޫލު ކުރެވިއްޖެ ދޯއެވެ. އަނެކާ ވާހަކަ ފެށިއެވެ. އަހަރެމެން މަސައްކަތް ކުރަނީ އެފަދަ މާޙައުލަކު ނޫނެވެ. އަހަރެމެން ކޮށްލާ ކިތަންމެ ކުޑަކުޑަ ކަމެއްގެވެސް އަގު އަހަރެމެންނަށް ލިބެއެވެ. މިބުނީ ފައިސާއިން އަގުލިބޭ ވާހަކައެއް ނޫނެވެ. އެހެންނަމަވެސް ކުރެވޭ މަސައްކަތުން ހިތްހަމަޖެހުން ލިބޭވާހަކައެވެ. އެކަންކަން ބަލައިގަންނަން ޖެހޭ ފަރާތްތަކުން ބަލައިގަންނަ ވާހަކައެވެ. ކަމެއް ކޮށްފިނަމަ އެކަމެއްގެ އަގު ވަޒަންކުރާ ވާހަކައެވެ. ލިބޭ މުސާރައަށް ވުރެ މިކަމުން ލިބޭ ހިތްހަމަޖެހުން ވަކި ކުޑައެއް ނުވާނެއެވެ. އެެހެންވީމާ އަހަރެމެން އޮފީހުގެ ހަމަ ހުރިހާ ކުދިން ކަހަލަ ގޮތަކަށް އޮފީހުގެ ކަންކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއެވެ. ކޮންމެ ކަމެއްވެސް ކުރާނީ ކުރާހިތުން ރޫޙާއެކުގައެވެ.
އެމީހުން ވާހަކަ ނިންމާލައިފިއެވެ. އައި ފޯނަކާ ގުޅިގެން އެކަކަށް ކުއްލިއަކަށް ދާންޖެހުނީއެވެ. ދެމީހުން ނައްޓާލީ އެކުއެކީގައެވެ. އެމީހުން ދެއްކި ވާހަކަތަކާމެދު ވިސްނައިލެވުނެވެ. ވަޒީފާއަދާކުރާ މީހުންގެ ފަރުވާކުޑަ ކަމުގެ ވާހަކަ ދައްކާމީހުން މިޒަމާނުގައި ވަރަށް ގިނައެވެ. ސަރުކާރު އޮފީސް އޮފީހުގެ އިތުރުން، އަމިއްލަ ފަރާތްތަކުގެ ވެސް ބޮޑު ޝަކުވާއެކެވެ. މިއީ މަސައްކަތް ކުރުވާ ފަރާތްތަކުން ތަޖުރިބާކޮށްލެވިދާނެ ކަމެކެވެ. ކުރާ ރަނގަޅު ކަންކަމާއި ހޯދާ އަރުތައިގެ އަގު، ފަޅުރަށަކަށް ދޭ ހަނދުވަރަކަށް ނުހަދައި، އެކި ސިފަ ސިފައިގައި ވަޒަންކުރަން ފަށާބަލާށެވެ! މުވައްޒަފުންގެ މެދުގައި ރޫހުއުފެދޭނެއެވެ. އޮފީހަށް ދިރުން އަންނާނެއެވެ. އިސާހިތަކު ކުންފުނި ފުޅާވެދާނެއެވެ.