ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު 519 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިފައިވީ ނަމަވެސް، ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތް ލޯނުތަކަށް ސާފު ފައިދާ އިން ބޮޑު އަދަދެއް ޕްރޮވިޝަންގެ ގޮތުގައި ކަނޑައަޅަން ޖެހުމާ ގުޅިގެން، މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާދާރުންނަށް އެއްވެސް އެއްޗެއް ނުބަހާ ގޮތަށް ނިންމައިފި އެވެ.

މިރޭ ނަސަންދުރަ ޕެލަސް ހޮޓަލްގައި އޮތް ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި މިދިޔަ އަހަރުގެ ފައިދާ އިން އެއްވެސް ވަރެއް ހިއްސާދާރުންނަށް ބަހަން ނުފެންނަ ކަމަށް ބޯޑުން ނިންމި އިރު، މިއީ ވިދިވިދިގެން އެ ބޭންކްގެ ފައިދާ ބަހަން ނުފެންނަ ކަމަށް އެ ބޭންކުން ނިންމި ތިން ވަނަ ފަހަރެވެ.

މި އަހަރު ވެސް ހިއްސާދާރުންނަށް ފައިދާއެއް ނުބަހަން ބޯޑުން ނިންމި ނިންމުން ޖަލްސާ އަށް ހުށަހެޅުއްވީ ރިޔާސަތު ބެލެހެއްޓެވި އެ ކުންފުނީގެ ޗެއާޕާސަން ޑރ. އަބްދުﷲ ޝިހާމް ހަސަން ވިދާޅުވީ މި އަހަރު ބޭންކަށް ލިބިފައިވާ ފައިދާގެ ސަބަބުން ފައިދާ ނުބެހުނު ނަމަވެސް އަންނަ އަހަރު ހިއްސާދާރުންނަށް ފައިދާ ބެހޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

ބީއެމްއެލްގެ މިދިޔަ އަހަރުގެ ތަފާތު ހިސާބުތަކަށް ބަލާ އިރު ފައިދާގެ ގޮތުގައި 519 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެހެންކަމުން އެއީ 2010 ވަނަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 302 މިލިއަން ރުފިޔާއަށް ވުރެ 217 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ބޭންކްގެ ހިންގުމުގެ ފައިދާ އާއި އާމްދަނީ ރަނގަޅުވެފައިވީ ނަމަވެސް ނުދައްކާ ހުރި ލޯނުތަކަށް އެމްއެމްއޭގެ ގައިވާއިދާ އެއްގޮތަށް 511.5 މިލިއަން ރުފިޔާ ޕްރޮވިޝަންގެ ގޮތުގައި ކެނޑުމުން އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި އެއްވެސް އެއްޗެއް ނުލިބުނެވެ. އެމްއެމްއޭގެ ގަވާއިދާ އެއްގޮތަށް ޕްރޮވިޝަން ހަދަން ފެށީ މިދިޔަ އަހަރުގެ މެދެއްހާ ހިސާބުން ފެށިގެންނެވެ.

ހިއްސާދާރުންގެ ތަރުހީބާ އެކު ހޫނު ބަހުސްތަކަކަށް ފަހު ކުރިއަށް ދިޔަ ޖަލްސާގައި އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް 2010 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ އާއި އަދި 2011 ވަނަ އަހަރުގެ އޯޑިޓް ރިޕޯޓާއި އަދި ކުރިއަށް އޮތް އަހަރަށް އޮޑިޓަރުން ވެސް ހަމަޖެއްސި އެވެ. މިދިޔަ އަހަރެކޭ ވެސް އެއްގޮތަށް އެކްސްޓާނަލް އޯޑިޓް ފާމެއްގެ ގޮތުގައި ހިއްސާދާރުން ރުހުން ދިނީ ޕްރައިސް ވޯޓާ ހައުސް ކޫޕާޒް އެވެ. އެއީ 46150ރ. އަށެވެ.

އަހަރީ އާއްމު ޖަލްސާގައި ކުރިޔަށް އޮތް އަހަރު ކުންފުނީގެ ހިއްސާދާރުން ތަމްސީލުކުރުމަށް ތިން ޑިރެކްޓަރަކު އިންތިހާބުކުރުން އޮތެވެ. ތިން ބޭފުޅަކު ވާދަކުރި އެ އިންތިހާބު ކަމިޔާބުކުރި ތިން ބޭފުޅުން ވެސް އެއިންތިހާބު ކާމިޔާބްކޮށްފައި ވަނީ 15182 ވޯޓު ހޯދައިގެންނެވެ. އެ ތިން ބޭފުޅުންނަކީ މއ. ޓިއުލިޕްވިލާ މުހައްމަދު އަބުދުއްސައްތާރު އާއި ނ. ހޮޅުދޫ، ނެލަމް، އިބްރާހިމް މުހައްމަދުގެ އިތުރުން ގ. ހިމާލިޔާގެ، ފާތިމަތު ނިއުމާ އެވެ.

އަދި ހަމައެހެންމެ ސަރުކާރުން ބީއެމްއެލްގެ ބޯޑަށް ކަނޑައެޅުއްވި އަށް ބޭފުޅުންކަމަށްވާ މއ. ނައިބުގެ ޑރ. އަބްދުﷲ ޝިހާމް ހަސަން އާއި ބީއެމްއެލްގެ ސީއީއޯ ޕީޓާ ހޯޓުން އާއި މ. ތާނދީދޮށުގެ އައިޝަތު ނޫރައްދީން އާއި މއ. އަނޫމާ މުހައްމަދު ޖައިޝް އިބްރާހިމްގެ އިތުރުން މ. ސީނުކަރަންކާގެ، އާދަމް އާޒިމް އާއި މ. ޕޮޕީ، އިސްމާއިލް ޝަފީއުގެ އިތުރުން ހުޅުމާލޭ ފުލެޓް، ހަސަން ޝަމީމް އާއި ހއ. ފިއްލަދޫ، ކަރަންކާ، ވިލާ އަބުދުލްﷲ ނަސީމް ވެސް ވަނީ އިންތިހާބްކޮށްފަ އެވެ. އެބޭފުޅުންނަކީ މިހާރު ވެސް ސަރުކާރުގެ ފަރާތުން އެބޯޑް ތަމްސީލް ކުރައްވާ ބޭފުޅުންނެވެ.

މި ރޭގެ ޖަލްސާގައި ވެސް ހިއްސާ ދާރުންގެ ހިޔާލު ފާޅުކުރުމާއި ބޯޑާ ސުވާލުކުރުން އޮތެވެ. ހިއްސާދާރުންގެ ސުވާލުތަކަށް ބޯޑުން ވަނީ ޖަވާބުދީފަ އެވެ. ހިއްސާދާރުންގެ މައިގަނޑު ކަންބޮޑުވުމަކަށްވެފައި ވަނީ ބޭންކުން ސިޔާސީ ފަރާތްތަކަށާއި ތަފާތު ފަރާތްތަކަށް ލޯނު ދޫކޮށް އެލޯންތައް ނުދައްކައި ވުމުގެ ސަބަބުން ހިއްސާދާރުނަށް ފައިދާއެއް ނުވާ މައްސަލަ އެވެ.

މިރޭގެ ޖަލްސާ އަށް 184 ހިއްސާދާރުން ހާޒިރުވި އެވެ.