09 Nov 2012, 02:37
ގަދަ ބާރުން ކުދިން ލައްވައި އެކި ރޮނގުރޮނގުން ތައުލީމު ހާސިލު ކުރުމަށް ބާރު އެޅުމަކީ ބުއްދިވެރިކަމެއް ނޫންކަމަށާއި ބެލެނިވެރިން ކުރަން ބެނުންވާ ކަންކަން އެ ކުދިން ލައްވައި ކުރުވުމުގެ ބަދަލުގައި އަމިއްލަ އިޚްތިޔާރަށް ދޫކޮށްލުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު ހަސަން ގޮވާލައްވައިފި އެވެ.
އެމަނިކުފާނު އެހެން ވިދާޅުވީ 2012 ވަނަ އަހަރުގެ މަތީ ސާނަވީ ތައުލީމު ނިންމައި އިމްތިހާންތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމުގައި މި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
ރައީސް ވިދާޅުވީ މަސައްކަތް ކުރުމުގައި ވެސް އަދި ހަޔާތުގެ ބައިވެރިއެއް ހޯދުމުގައި ވެސް އެންމެ މުހިއްމު ކަމަކީ އެ ކުއްޖެއްގެ ހިތް ބުނާ ގޮތަކަށް މަސައްކަތް ކުރަމުން ގެންދިޔުން ކަމަށެވެ.
"އަޅުގަނޑުމެންގެ ދަރިންނަށް ގަދަ ބާރު އަޅައިގެން އަޅުގަނޑުމެން ކުރަން ބޭނުންވާ ކަންކަން އެކުދިން ލައްވައި ކުރުވުމަކީ އެހާ ބުއްދިވެރި ކަމެއްނޫން. މަސައްކަތް ކުރުމުގައި ވެސް އަދި ހަޔާތުގެ ބައިވެރިއެއް ހޯދުމުގައި ވެސް އެންމެ މުހިއްމު ކަމަކީ ތިމާގެ ހިތް ބުނާ ގޮތަށް މަސައްކަތް ކުރަމުން ގެންދިއުން،" ރައީސް ވިދާޅުވި އެވެ.
އިމްތިހާންތަކުން ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނާ މުޚާތަބު ކުރައްވައި ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ ދަރިންގެ ވިސްނުން ތޫނުކަމާއި ކުޅަދާނަކަން ހުރި މިންވަރު މިރޭ އިއުލާނު ކުރި ނަތީޖާތަކުން ސާފުވެއްޖެ ކަމަށާއި ރަނގަޅު ފެންވަރެއްގައި ތައުލީމު ދެވިއްޖެ ނަމަ ދަރިވަރުން ތިބީ ރަނގަޅު ނަތީޖާ ހޯދަން ތައްޔާރަށް ކަމަށެވެ. ހިއްމަތާ އެކު މަސައްކަތް ކުރެވިއްޖެ ނަމަ ބެލެނިވެރިންނަށް ވެސް އެކަމުގެ ހިތްހަމަޖެހުމާއި ކާމިޔާބީ ހޯދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ މަތީ ތައުލީމު ހާސިލް ކުރުމަށް ވަކި ކޮލެޖަކަށް ނުވަތަ ވަކި މަދަރުސާ އަކަށް ދާން ނުޖެހޭ ކަމަށާއި މިހާރު ކޮންމެ ސްކޫލަކުން ވެސް އެކަން ހާސިލް ކުރެވިދާނެކަން އެނގިއްޖެ ކަމަށެވެ.
މި އަހަރުގެ މޭ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ބޭއްވި އެޑެކްސެލް އޭލެވެލް އިމްތިހާނުން 10 ދަރިވަރަކު ވަނީ ދުނިޔެ އިން އެއް ވަނަ ހޯދައިފަ އެވެ. ސަތޭކަ ޕަސެންޓު މާކްސް ހޯދައިގެން މުޅި ދުނިޔެ އިން އެއް ވަނަ ހޯދި ދަރިވަރުން އެ ވަނަތައް ހޯދާފައި ވަނީ އެކައުންޓްސް އިން އެކަންޏެވެ. އަދި އޭގެ އިތުރުން ދެ ދަރިވަރަކު ވަނީ ދުނިޔޭގެ ގަދަ ދިހައަކުން ޖާގަ ހޯދައިފަ އެވެ.
މި އަހަރުގެ އޭލެވެލް އިންތިހާންގައި ރާއްޖޭގެ 44 ހަތަރު ސްކޫލަކުން 1604 ދަރިވަރުން ބައިވެރިވެފައިވެ އެވެ. އޭގެ ތެރެއިން ގަދަ ދިހައެއްގައި ހިމެނިފައި ވަނީ ރަށްރަށުގެ ސްކޫލުތަކުގައި ކިޔަވަމުން އަަންނަ 36 ދަރިވަރުންނާއި މަލޭ ސްކޫލްތަކުގައި ކިޔަވާ 122 ދަރިވަރުންނާ އެކު ޖުމްލަ 158 ދަރިވަރެކެވެ. އޭގެ ތެރެއިން 23 ދަރިވަރަކު ގަދަ ދިހައެއްގައި ހިމެނިފައިވާ އިރު 26 ދަރިވަރަކު ދެ ވަނައިގައި އަދި ދެ ދަރިވަރަކު ތިން ވަނައިގައި ހިމެނިފައިވެ އެވެ. މަތީ ސާނަވީ ނިންމާ ޔުނިވާސިޓީ އަށް ވަނުމަށް ޝަރުތު ފުރިހަމަވާ ކުދިންގެ މިންވަރު ވެސް މިދިޔަ އަހަރަށް ވުރެ މިއަހަރު ވަނީ 72 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރު އެ އަދަދު އުޅެނީ 67 އިންސައްތައިގަަ އެވެ. އޭލެވެލް އިމްތިހާނުން ވެސް ދިވެހި އަދި އިސްލާމުން މަތީ ވަނަތައް ހޯދި ދަރިވަރުންގެ ނިސްބަތް ވެސް ނިމިދިޔަ އަހަރަށް ވުރެ މިއަހަރު އިތުރުވެފައިވެ އެވެ. އަދި ސައިންސް ސްޓްރީމުން ފާސްވި ދަރިވަރުންގެ އަދަދު ވެސް މިދިޔަ އަހަރަށް ވުރެ މިއަހަރު ދައްވެފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްްޓްރީގެ ރެކޯޑްތަކުން ދައްކަ އެވެ.
އޭލެވެލް އިމްތިހާންގެ ތިން މާއްދާގެ މަތިން އޭ ފާސް ހޯދައިގެން ހައި އެޗީވް އެވޯޑް އަށް ކުއްޖަކު ހޯދާފައިވެ އެވެ. މި އަހަރުގެ އޭލެވެލް އިންތިހާންގައި 44 ސްކޫލަކުން ބައިވެރި ވެފައިވެ އެވެ. ނަމަވެސް ގަދަ ދިހައެއްގައި ހިމެނިފައި ވަނީ ޖުމްލަ 13 ސްކޫލެއްގެ ދަރިވަރުންނެވެ.