ޖުމްހޫރީ ޕާޓީގެ ފަރާތުން ކެބިނެޓްގައި އިންނަވާ، ޓްރާންސްޕޯޓް މިނިސްޓާ ޑރ. އަހުމަދު ޝަމްހީދު އެ މަގާމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު މިއަދު ވަކިކުރެއްވުމާ އެކު އެ މައްސަލައިގައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް ޖުމްހޫރީ ޕާޓީން މިރޭ ބުނެފި އެވެ.

އެ ޕާޓީން މިރޭ ނެރުނު ކުރު ބަޔާނެއްގައި ބުނީ ޝަމްހީދު ވަކިކުރެއްވި މައްސަލަ އެ ޕާޓީން ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށާއި ޝަމްހީދު ވަކި ކުރި ސަބަބުތައް ކަމަށް ބުނެ ސަރުކާރުގެ އޮފިޝަލުން މީޑިޔާގައި ދައްކަވާ ވާހަކަތަކާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.

"މި އެޅުއްވި ފިޔަވަޅު ދިރާސާ ކުރުމަށްފަހު، އަޅަން ޖެހިއްޖެ ކޮންމެ ފިޔަވަޅެއް މިޕާޓީއިން އަޅަމުން ގެންދާނެ އެވެ،" އެ ޕާޓީގެ ބަޔާނުގައިވެ އެވެ.

ޝަމްހީދު މަގާމުން ވަކިކުރައްވާފައި ވަނީ، އޭނާ ތަމްސީލު ކުރައްވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް މާމިގިލީ އެއާޕޯޓްގެ ލީސް ޕީރިއަޑް 99 އަހަރަށް އިތުރުކޮށްދެއްވި ކަމަށް ޝަމްހީދު އިއުލާންކުރެއްވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގަ އެވެ.