08 Nov 2012, 23:36
ގުއަޓެމާލާ ސިޓީ (ނޮވެމްބަރ 8): ލެޓިން އެމެރިކާގެ ގައުމެއް ކަމަށްވާ ގުއަޓެމާލާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.
ރެކްޓާ މިންގަނޑުން 7.4 ގެ ބާރުމިނުގައި މިއަދު އައި މިބިން ހެލުމުގައި 52 މީހުން މަރުވެ 22 މީހަކު ގެއްލި އެތަށް ސަތޭކަ ބަޔަކު ޒަހަމްވެފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ހާމަކުރެ އެވެ. މަރުވި މީހުންގެ އަދަދު އިތުރުވެގެން ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ބިންހެލުމުގައި ލިބުނު ގެއްލުމުގެ ފުރިހަމަ މައުލޫމާތު އަދި ނުލިބޭ ކަމަށް ގުއަޓެމާލާގެ މަސްއޫލުވެރިން ވިދާޅުވި އެވެ.
މިއަދުގެ ބިންހެލުން އައިސްފައިވަނީ އަވަށްޓެރި މެކްސިކޯގެ ސަރަޙައްދީ ރޮނގުގެ ކައރީގައިވާ ސާން މެކްރޮސް ސަރަޙައްދަށެވެ. ބިންހެލުމުގެ ސަބަބުން މިސަރަޙައްދުގެ ބޮޑު ބައެއް ސުންނާފަތިވެ 10،000އަށް ވުރެ ގިނަ އިމާރާތް ހަލާކުވެ 73 ހާސް މީހުން ހާލުގައި ޖެހިފައިވާ ކަމަށް ހަބަރުލިބެ އެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމަށާއި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި ގުއަޓަމާލާގެ ސިފައިންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތަކާއި އެގައުމުގެ ރެޑް ކްރޮސްއަށް ނިސްބަތްވާ ފަރާތްތަކުން ކުރަމުން ގެންދާއިރު އެތަށްހާސް ބަޔަކުވަނީ ވަގުތީ ހިޔާތަކަށް ބަދަލުކުރެވިފަ އެވެ.
މިއީ 1976 ވަނަ އަހަރަށް ފަހު ގުއަޓެމާލާއަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. ނަވާރަސްތޭކަ ހަތްދިހަ ހައެއްގައި އެ ގައުމަށް އައި ބާރުގަދަ ބިންހެލުމުގައި 25 ހާސް މީހުން މަރުވެފައިވެ އެވެ. މިއަދު އައި ބިންހެލުމާ ގުޅިގެން ގުއަޓެމާލާގެ ރައީސް އޮޓޯ ޕެރޭޒް މޮލީނާ ވަނީ އެޤައުމުގައި ކުއްލި ޙާލަތު އިޢުލާނުކުރައްވާފަ އެވެ. (ބީ.ބީ.ސީ)