މިއަދު ބޭއްވި ދާންދޫ ކައުންސިލްގެ ބައްދަލުވުމުގައި ކައުންސިލްގެ ރައީސް އިމްރާން ވަހީދު އެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ހަމައެކަނި ޑީއާރްޕީ މެންބަރު މުހައްމަދު އާސިފާ މެދު މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ މިއަދުގެ ވަގުތެއްގައި ފުލުހުންނަށް އެ މައްސަލަ ހުށަހެޅީ ދާންދޫ ކައުންސިލް މެންބަރު އާސިފް ކަމަށާއި މިހާރު އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ސަން އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި އާސިފް ވިދާޅުވީ ކައުންސިލްގެ ރައީސް އޭނައާ މެދު މާރާމާރީ ހިންގީ ކައުންސިލްގެ ބައްދަލުވުން ކުރިއަށް ގެންދިޔަ އިރު އޭނާ އައިޕެޑެއް ވެއްދުމުން އެކަމާ ހިތްހަމަޖެހިވަޑައި ނުގެން، އައިޕެޑް އެތަނުން ނެރުމަށް އެދުމުން އޭނާ އެކަމަށް ކިޔަމަން ނުވުމުން ކަމަށެވެ. އަދި ވިދާޅުވީ އެ މާރާމާރީގައި އޭނާގެ އަތަކަށް ގެއްލުންތަކެއް ވެފައިވާތީ މިއަދު ޑޮކްޓަރަށް ވެސް ދެއްކި ކަމަށާއި ޑޮކްޓަރުގެ ލިޔުންތަކާ އެކު މިއަދު އެ ރަށު ޕޮލިސް ސްޓޭޝަނަށް އެ މައްސަލަ ހުށަހަޅާފައިވާނެ ކަމަށެވެ.

"އައިޕެޑްވެއްދީމާ އައިޕެޑް ނުވެއްދޭނެއޭ ކިޔާފައި ކައުންސިލްގެ ރައީސް އައިޕެޑްގައި އަތްލައި ހެދީ. ދެން އަޅުގަނޑު ދެންނެވިން ރައީސްއޭ އައިޕެޑްގައި އަތް ނުލާށޭ. އަޅުގަނޑު އައިޕެޑް ނުދިނުމުން ރައީސް އަޅުގަނޑާ މެދު މާރާމާރީ ހިންގީ. މިހާރު ޑޮކްޓަރަށް ވެސް ދައްކައިފިން. ޑޮކްޓަރުގެ ލިޔުންތަކާ އެކު އަޅުގަނޑު މިހާރު ވަނީ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ދާންދޫ ޕޮލިސް ސްޓޭޝަނަށް މައްސަލަ ހުށަހަޅާފައި،" އާސިފް ވިދާޅުވި އެވެ.

ދާންދޫ ކައުންސިލްގެ ރައީސް އިމްރާން ވިދާޅުވީ އޭނާ އާސިފާއި މެދު މާރާމާރީ ހިންގި ކަމަށް ދައްކާ ވާހަކައަކީ ދޮގެއްކަމަށެވެ.

އޭނާ ވިދާޅުވީ ކައުންސިލްގެ ބައްދަލުވުމުގައި އައިޕެޑް ބޭނުންކުރުމަކީ އެ ކައުންސިލްގެ އަސާސީ ގަވާއިދު ބުނާ ގޮތުން މަނާ ކަމަކަށް ވާތީ އެކަން ނުކުރުމަށް އޭނާ އަށް އެންގި ކަމަށެވެ. އަދި އެގޮތަށް އެންގުމުން އަސާސީ ގަވާއިދުގައި އެގޮތަށް ބުނެފައި ނުވާކަމަށް ބުނެ އާސިފް އެކަމަށް ދެކޮޅު ހެދި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު މާރާމާރީ ހިންގި ކަމަށް އާސިފް ދަައްކާ ވާހަޔަކީ ކަނޑައެޅިގެން ދޮގެން. އަޅުގަނޑު އާސިފް ކައިރީ ދެންނެވިން ކައުންސިލްގެ އަސާސީ ގަވާއިދު ބުނާ ގޮތުން އައިޕެޑް ވެއްދުމަކީ މަނާކަމެއް ކަމަށް. ނަމަވެސް އޭނާ ވިދާޅުވީ އަސާސީ ގަވާއިދަކު ނޯންނާނެ ކަމަށް އައިޕެޑް ނުވެއްދޭނޭ ބުނެފައި،" އިމްރާން ވިދާޅުވި އެވެ.

މީގެ އިތުރުން މަސްތުވާތަކެތި އަޅާފައި ހުރި ކަމަށް ބެލެވޭ ރަބަރު ޕެކެޓްތަކެއް އިމްރާންގެ އަތުން ފެނުމުން ކަމަށް ބުނެ ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.