08 Nov 2012, 21:55
ރާއްޖެ ބަޔޯސްފިއާ ރިޒާވަކަށް ވުމުން ބޮޑު ފައިދާއެއް ކުރާނެ ކަމަށާއި ބ. އަތޮޅުގެ ބަޔޯސްފިއާ ރިޒާވްގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށާއި އެ ރިޒާވް ދެކެލަން ރާއްޖެ އަންނަ މީހުން އިތުރުވަމުން އަންނަ ކަމަށް އެންވަޔަރްމެންޓް އެންޑް އެނަޖީ މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ބަޔޯސްފިއާ ރިޒާވަކަށް ހެދުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ގައުމީ ފެންވަރުގައި ބޭއްވި ފުރަތަމަ ކޮންފަރެންސް ނިމުމާ ގުޅިގެން ބޭއްވި ނޫސްކޮންފަރެންސެއްގައި ޑރ. ޝަކީލާ ވިދާޅުވީ ރާއްޖޭގައި ހެދުނު ބަޔޯސްފިއާ ރިޒާވް ދެކެލަން އަންނަ މީހުން ވެސް މަދެއް ނޫން ކަމަށާއި އެހެންވީމާ މި މަސައްކަތުގެ ސަބަބުން ބޮޑު ފައިދާއެއް ކުރާނެ ކަމަށް އުއްމީދުކުރެވޭ ކަމަށެވެ.
"އިންޓަނޭޝަނަލް މީޑިއާގައި އަޅުގަނޑުމެންގެ ރާއްޖޭގެ މި ބަޔޯސްފިއާ ރިޒާވާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަ ދެކެވޭ. ވަރަށް ޕޮޒިޓިވްކޮށް ހަމަ ހުރިހާ ވާހަކައެއް ވެސް ހުންނަނީ. އެގޮތުން ހަމަ މި ބަޔޯސްފިއާ ރިޒާވް ބެލުމަށް ޓަކައި އަންނަ މީހުންނެއް ވެސް މަދެއް ނޫން. މިގޮތުން އަޅުގަނޑުމެން މިކުރާ ދަތުރުތަކުގައި ވެސް ހަމަ ބަޔޯސްފިއާ ރިޒާވްގެ ވާހަކަ އަހައި، އޭގެ މައުލޫމާތު ހޯދާލެކެއް ވެސް މަދެންނޫން. އެހެންވީމާ އެގޮތުން އަޅުގަނޑުމެންނަށް ވަރަށް އުއްމީދު ބޮޑު އަޅުގަނޑުމެން މިކުރާ ކަމުގެ ސަބަބުން ރާއްޖެ އަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށް،" ޑރ. ޝަކީލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވެސް ބ. އަތޮޅުގެ ބަޔޯސްފިއާ ރިޒާވްގެ ކޮންޒަވޭޝަން ފަންޑަށް ގިނަ އަދަދެއްގެ ފައިސާ ގެނެވިފައިވާ ކަމަށާއި އެ އަތޮޅުގެ ތަރައްގީ އަށް އެއް ލައްކަ ޑޮލަރު މިނެގުނީ އެހެންވެ ކަމަށެވެ.
ޝަކީލާ އަދި ވިދާޅުވީ ބ. އަތޮޅުގެ ތަޖުރިބާ ބޭނުންކޮށްގެން އެހެން އަތޮޅެއް ބަޔޯސްފިއާ ރިޒާވަކަށް ހެދުމުގެ މަސަކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެ ބަޔޯސްފިއާ ރިޒާވަކަށް ހެދުމަށް ބޭނުންވާ ޕްލޭނިންގެ މަސައްކަތް މިއަދު މިފެށުނީ ކަމަށާއި ވަރަށް އަވަހަށް ޕްލޭނެއް އެކުލަވާލެވޭނެ ކަމަށެވެ.
މި ކޮންފަރެންސަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ހަސަން މަނިކު ބްރެޒިލްގެ ރިއޯޑި ޖެނީރޯގައި ބޭއްވުނު ރިއޯ +20 ސަމިޓްގައި 20 ޖޫން 2012 ވަނަ ދުވަހު ވާހަކަފުޅު ދައްކަވަމުން މުޅި ދިވެހިރާއްޖެ ދުނިޔޭގެ ފެންވަރުގެ ބަޔޯސްފިއާ ރިޒަރވް އަކަށް 2017ގެ ނިޔަލަށް ހެދުމަށް ޤަސްތުކޮށް އެކަން އިޢުލާން ކުރުމާއި ގުޅިގެން ޤައުމީ ފެންވަރުގައި މިކަން މަޝްވަރާ ކުރުމުގެ ގޮތުން ބޭއްވޭ ފުރަތަމަ ކޮންފަރެންސެވެ. މިކަން ކާމިޔާބު ވެއްޖެ ނަމަ ދިވެހިރާއްޖެ އަކީ ޤައުމެއް ބަޔޯސްފިއާ ރިޒަރވްއަކަށްވާ ފުރަތަމަ ޤައުމަށް ވާނެ ކަމަށް ސަރުކާރުން ބުންޏެވެ.