08 Nov 2012, 20:47
ތިނެއް ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި ބައިވެރިވި ދިވެހިންގެ ތެރެއިން ޚާއިނުންނަކީ އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރު އެކަނި ކަމަށާއި ދެން ތިބި މީހުންނާ މެދު ވަރަށް ގިނަ ސުވާލު އުފެދޭ ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޕޮލިޓިކަލް އެޑްވައިޒަރުކަން ކުރެއްވި އިބްރާހިމް ހުސެއިން ޒަކީ ވިދާޅުވެއްޖެ އެވެ.
ޒަކީ އެހެން ވިދާޅުވީ ނޮވެމްބަރު ތިނެއްގެ ހަދިސާ އާ ގުޅޭގޮތުން އެމްއެންޑީއެފް އިން ނެރެފައިވާ ފޮތްތަކާއި ބެހޭ ގޮތުން އެމަނިކުފާނު ދެކެވަޑައިގަންނާ ގޮތް ނޫސްވެރިންނަށް ހިއްސާ ކުރެއްވުމަށް މާލޭ ސިޓީ ހޯލުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސް ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މާލޭ ސިޓީ ކައުންސިލް ހޯލްގައި މިއަދު ބޭއްވި ނޫސްކޮންފަރެއްސެއްގައި ޒަކީ ވިދާޅުވީ ލުތުފީ އާއި ސަގަރު ނާސިރަކީ އެމަނިކުފާނު ވެސް ގަބޫލު ކުރައްވާ ގޮތުގައި ޚާއިނުން ކަމަށާއި ނަމަވެސް ދެން ތިބި ދިވެހިންނަކީ ޚާއިނުންކަމާ މެދު އެތައް ސުވާލުތަކެއް އުފެދޭ ކަމަށެވެ. އޭނާ ވިދާޅުވީ އެ ދުވަސްވަރަކީ ރާއްޖޭގައި އަނިޔާވެރިކަން ހައްދު ފަހަނަ އަޅާފައި އޮތް ދުވަސްވަރެއް ކަމަށެވެ. އަދި ކުށެއް ނުކުރާ މީހަކު ވެސް ލިބޭ އަނިޔާއަށް ކެތްނުކުރެވިގެން ކުށަށް އިއުތިރާފްވެފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނޭ އިތުރު މީހުން އެކަމުގައި ބައިވެރި ކުރުވާފައިވަނީ އެގޮތުގެ މަތިން ކަމަށެވެ. އަދި ވިދާޅުވީ ނޮވެމްބަރު ތިނެއްގައި ބައިވެރި ކަމަށް ބުނެ އެމީހުންނަށް ކުރި އަނިޔާތައް ޒަކީގެ ލޮލުން ދުށް ކަމަށާއި އަދި ޒަކީ ވެސް އެކަމުގައި ނުބެދި ސަލާމަތްވެވުނީ މަރުހޫމް ފަތްހުﷲ ޖަމީލުގެ ހެޔޮފުޅު ކަމުން ކަމަށެވެ.
"ޚާއިނުން ވާނި ޚާއިނުންނަށް. އެކަމަކު ހަމަ ޔަގީނުން ވެސް އަޅުގަނޑަށް އެނގޭ ދެމީހަކު އެބަ ތިބި. އެއީ އަބްދުﷲ ލުތުފީ އާއި ސަގަރު ނާސިރު. އެއީ އަމަލީ ގޮތުން ފީލްޑުގައި މަސައްކަތް ކުރި ދެމީހުން. މި ދެމީހުންނަށް ޚާއިނުންނޭ ކިޔަންޏާ އެހެން ކިޔަންވީ. އެއަށް ވުރެ ނުބައި އެއްޗެއް ކިޔަން ބޭނުމިއްޔާ ކިޔަންވީ. އެއީ ގައުމަށް ގައްދާރުވެ ޚިޔާނާތްތެރި ވެފައިތިބި މީހުން. އެކަމަކު ދެން އެކަމުގަ ބެދިގެން ދިޔަ މީހުންނާ ދޭތެރޭ އަޅުގަނޑުގެ ސުވާލު މާކު އުފެދޭ. ވެދާނެ މި ދެމީހުންނަށް އަނިޔާ ކޮށްގެން އެމީހުން ބެނުންވި ނަންތަކެއް ބުނުވީ ކަމަށްވެސް،" ޒަކީ ވިދާޅުވި އެވެ.
ޒަކީ ވިދާޅުވީ އޭރުގެ ގާނޫނީ ނިޒާމު އޮތްގޮތުން މިހެއްގެ ދިފާއުގައި ވާހަކަ ދައްކަން ވެސް އަދި ވަކީލަކު ބޭނުން ކުރަންވެސް ތަނެއް ނޯންނަ ކަމަށާއި، އެހެން ކަމުން މީހަކު ނުކުރާ ކަމަކަށް ވެސް އޮންނަނީ އެއްބަސްވާން ޖެހިފައި ކަމަށެވެ. އަދި ވިދާޅުވީ އެކަމުގައި ދެން ތިބި މީހުންނަކީ އެކި ތަންތަނުން ހޮވައިގެން ބިޑި އަޅުވައިގެން ގެންގޮސް ހައްޔަރުކޮށް ތިން މަސް ދުވަސް ވަންދެން ފެންވެރިޔަ ނުދީ ބޮޑެތި އަދަބު ދީފައިވާ މީހުން ކަމަށެވެ. އަދި ވިދާޅުވީ އިންސާފެއްނެތް ތަނެއްގައި އެކަމުގައި ބައިވެރި ކަމަށް ބުނާ ފަރާތްތަކާ މެދު ބޮޑެތި ސުވާލުތަކެއް އެބަހުރި ކަމަށެވެ.
ޒަކީ ވިދާޅުވީ ޕްލޮޓް ޖަމާއަތުން ރާއްޖެ އަށް ހަމަލަ ދިނީ އެކަމުގެ ފަހަތުގައި ގިނަ އެދުންތަކެއް އޮވެގެން ކަމަށެވެ. އެގޮތުން ވިދާޅުވީ އެމީހުންގެ ރޭވުމަކީ ރާއްޖޭގައި ތިބެގެން އެމީހުންގެ ސަރުކާރެއް ރާއްޖޭގައި އުފައްދާ ހަތިޔާރާއި އަދި ޑްރަގާއި ބޭނުން ކޮށްގެން ސްރީލަންކާއަށް ހަމަލަދޭ މަރުކަޒަކަށް މިތަން ހެދުން ކަމަށެވެ.
ނޮވެމްބަރު ތިނެއް އަންނަން އުޅޭ ކަން ޒަކީ އަށް އެނގިވަޑައިގެންފައި ވޭތޯ ދެންނެވުމުން ޒަކީ ވިދާޅުވީ އެކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އޭނާ އަށް އެ ހަމަލާގެ މައުލޫމާތު މާކުރިން އެނގޭ ކަމަށް ސާބިތުކޮށްދެވިއްޖެ މީހަކަށް ސެލިއުޓް ކުރާނެ ކަމަށެވެ. ނަމަވެސް ނޮވެމްބަރު ތިނެއް އައުމުގެ ތިން މަސް ކުރިން ސްރީލަންކާގައި ޒަކީ ހުންނެވި ކޮޓަރިއެއްގެ ތެރެއިން އުމާން މަހޭޝްވަރަމް (ޕްލޮޓް ޖަމާއަތުގެ އިސްވެރިޔާ)އާ ދިމާވި ކަމަށާއި ނަމަވެސް އޭރު އެއީ ކާކު ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށް ޒަކީ ވިދާޅުވި އެވެ. ނަމަވެސް ލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަންގެ ކައިރިން އޭނާ މަރާލާފައި އޮއްވާ ފެނުމުން އެދުވަހު ބައްދަލުވީ އޭނާއާ ކަން ޔަގީންވި ކަމަށެވެ. އަދި އިތުރަށް އެ ވާހަކަ ދައްކަން ބޭނުން ނުވާކަމަށް ވެސް ވިދާޅުވި އެވެ.
"ނޮވެމްބަރު ތިނެއް އަންނަން އުޅޭ ކަމެއް އަޅުގަނޑު ދެނެއެއް ނެތިން. އެއްވެސް ބޭފުޅަކަށް އެކަން ސާބިތު ކޮށްދެވިއްޖެއްޔާ އަޅުގަނޑު އެބޭފުޅަކަށް ސެލިއުޓް ކުރާނަން އަދި އަޅުގަނޑު އަމިއްލައަށް ގޮސް ޖަލަށް ވަންނާނަން ގައުމަށް ޓަކާވެސް. މާތްﷲ ގަންދީ ހުވާ މިކުރަނީ އަޅުގަނޑު ދެނެއެއް ނެތިން،" ޒަކީ ވިދާޅުވި އެވެ.
ލުތުފީ އާއި ސަގަރު ނާސިރުގެ އިތުރުން އެ ކަމުގައި ބައިވެރިވި ދިވެހިންނަކީ ސ. ހިތަދޫ ޒަމާނީގޭ އަބްދުﷲ ޝާހިދު އާއި ހ. ކަރޯގެ އައްބާސް އިބްރާހިމް (ކަރޯ އައްބާސް) އާއި، މ. ދީފްރަމް އާގެ ސިއްކަ އަހުމަދު އިސްމާއިލް މަނިކާއި މއ ތިނަދޫގޭ އުމަރު ޖަމާލުގެ އިތުރުން މ. ދުއްލިސާގޭ މުހައްމަދު ނައީމް (ޕައިލޮޓް ނައީމް) އެވެ.
އޭގެ ތެރޭގައި ހިމެނެނީ ރައީސް ނަޝީދުގެ ވެރިކަމުގައި ސަރުކާރުގެ އިސް މަގާމުތަކެއް ފުރާފައިވާ އަބްދުﷲ ޝާހިދުގެ މައްޗަށް ކުރެވިފައި ވަނީ ސިފައިންގެ މަތީ މަގާމެއްގައި އުޅެމުން އެތަނުގެ އެތެރޭގެ ސިއްރުތައް ލުތުފީ އަށް ކިޔާދިން ކަމާއި އަދިވެސް އިތުރު ކުއްތަކެއް އޭނާގެ މައްޗަށް ސާބިތުވި ކަމަށެވެ.
ކަރޯ އައްްބާސްގެ މައްޗަށް ސާބިތުވެފައިވާ ހުކުމުގައި ވެސް ސިފައިންގެ ސިއްރުތައް ލުތުފީ އަށް ކިޔައިދިން ކަމުގެ ކުށުގެ އިތުރުން ވެސް އެތައް ކުށެއް ސާބިތު ވެފައިވެ އެވެ.
މައްސަލައިގައި ހިމެނޭ ސިއްކަ އަހުމަދު އިސްމާއިލް މަނިކުގެ މައްޗަށް ސާބިތު ވެފައިވާ ކުށްތަކަކީ "ބަނގުރާ" ބުއިމުގެ ކުށާއި ލުތުފީ ކުރަން އުޅޭ ކަންތައް އެނގި ހުރެ އެކަމަށް އެހީތެރިވުމުގެ ގޮތުން ރާއްޖެ އާ ބެހޭ މައުލޫމާތު ލުތުފީ އަށް ފޯރުކޮށްދިނުމާއި ވެރިކަން ބަދަލު ވުމަށް ފަހު ރާއްޖޭގެ ވެރިކަމުގެ މަގާމުތައް ހަމަޖައްސާނޭ ގޮތުގެ މަޝްވަރާ ދިނުމުގެ ކުށެވެ.
އުމަރު ޖަމާލުގެ މައްޗަށް ސާބިތު ވެފައިވާ ކުއްތަކަކީ ލުތުފީ އާއި އެއްތަނަކުން ބައްދަލުކޮށް ސަރުކާރު ވައްޓާލަން ސައްލާ ކުރުމުގެކުށާއި، އޭގެ އިތުރުން ވެސް އެކަމާ ގުޅުން ހުރި ބައެއް އެހެން މައްސަލަ ތަކެވެ.
މުހައްމަދު ނައީމް ޕައިލެޓް (ޕައިލެޓް ނައީމް)ގެ މައްޗަށް ސާބިތު ވެފައިވަނީ ސަރުކާރު ވައްޓާލަން ރޭވި ރޭވުމުގެ މައުލޫމާތު ސިއްކަ އިސްމާއިލް މަނިކު އާއި ލުތުފީގެ ފަރާތުން އޭނާއަށް ލިބިހުރެ އެވާހަކަތައް ސިއްރު ކުރިކަން ހެކިންގެ ހެކި ބަހުން ސާބިތު ވާތީ އެވެ.