ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ދާއިރު ރައީސް އައްޔަންކުރައްވާފައިވާ އެއްވެސް ކައުސިލަރަކު ނުހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


އާދަވެގެން ކޮންމެ ހުކުރު ދުވަހަކު ރައީސް ދެއްވާ ރޭޑިއޯ ޚިތާބުގައި އެމަނިކުފާނު މިއަދު ވިދާޅުވީ، "އިންތިޚާބަށް އަޅުގަނޑުމެން ދާއިރުގައި ވެސް އެއްވެސް ރަށެއްގައި ޢައްޔަން ކޮށްފައި ހުންނަ ކައުންސިލަރެއް ނުހުންނާނެ،" ކަމަށެވެ.


ރައީސް ވިދާޅުވީ ސިޔާސީ މަގާމުތަކުގެ ގޮތުގައި ޕްރޮވިންސް އޮފީސްތަކުގައި ހަމައެކަނި އޭރު ތިއްބަވާނީ "ސްޓޭޓް މިނިސްޓަރުންނާއި އެ މިނިސްޓަރުންގެ ނައިބުން" ކަމަށާއި އެނޫން ހުރިހާ މަގާމުތަކެއްގެ ބޭފުޅުންނަކީ އިންތިހާބުވެގެން ތިއްބަވާ ބޭފުޅުން ކަމުގައި ހެއްދެވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.


ރައީސް ވިދާޅުވީ އަތޮޅު ކައުސިލަރުންނާއި ރަށު ކައުންސިލަރުންގެ ގޮތުގައި އެ މަނިކުފާނު މިހާރު އައްޔަން ކުރައްވާފައި ތިއްބެވި އެންމެ ބޭފުޅުންނަށް އެ ނުކުތާ ހަދުމަފުޅުކޮށްދެއްވަން ބޭނުންފުޅު ކަމަށެވެ. ރައީސް ވިދާޅުވީ "އިންތިޚާބަށް ފަހު، ޤާނޫނު އަސާސީގެ 115 ވަނަ މާއްދާ އިން ޢައްޔަން ކުރެވޭ ކައުންސިލަރުން ނުތިއްބަވާނެ." ކަމަށެވެ.


ކައުންސިލްތަކުގެ އިންތިޚާބަށް ވީހާ ވެސް ތަޢްލީމީ އަދި ޚާއްޞަކޮށް، ސަރުކާރު ހިންގުމުގެ ތަޖްރިބާ ލިބި ތިއްބެވި ބޭފުޅުން ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.


ރައީސްގެ ޚިތާބުގައި، ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމާ ބެހޭގޮތުން ވެސް ވާހަކަފުޅު ދެއްކެވި އެވެ. އެގޮތުން ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ވެސް ޑީއާރުޕީއާ އެކު އެއްބަސްވެފައިވާ ގޮތަށް ކޮށް، އެ އެއްބަސްވެފައިވާ ގަޑިތަކަށް ނިންމާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން 31  ޑިސެމްބަރުގެ ކުރީގައި އިންތިޚާބު ބޭއްވުމަށާއި އޭގެ ކުރިން އަންނަ މަހުގެ 9 ގައި ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ސަރުކާރުން ނިންމާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ. 


ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްރަށް ކަނޑައަޅާއިރު، ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި ދެ ރަށެއްގައި އެއް އިދާރީ އޮފީހެއް އުފައްދާއިރު، އެ ދެ ރަށުގެ މީހުން އެކަމުގައި ބޭނުންވާ ގޮތް ބެލުމަށް ދެ ރަށުގައި ވެސް ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ކަމަށާއި ދެ ރަށުން ވެސް އަޣުލަބިއްޔަތު ލިބުނީމަ ނޫނީ، އިދާރީ ގޮތުން ދެ ރަށް ގުޅުވާލަން ސަރުކާރުން ނޭދޭ ކަމަށެވެ.