މަގާމުން ވަކިކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކާ ބޮޑެތި ބައެއް މައްސަލަތަކުގައި ހިޔާލުތަފާތުވެގެން ކަމަށް ކުއްލި ގޮތަކުން މިއަދު މަގާމުން ވަކިކުރެއްވި ޓްރާންސްޕޯޓް މިނިސްޓަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

މަގާމުން ވަކިކުރެއްވިތާ މާގިނަ އިރުތަކެއް ނުވެ ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ޝަމްހީދު ވިދާޅުވީ އޭނާ މިނިސްޓަރަކަށް ހުންނެވި ދުވަސްވަރުގައި ސަރުކާރުގެ ބައެއް ޕޮލިސީތަކާ ދެކޮޅަށް ސީދާ ރައީސް ވަހީދާއި އަދި ނައިބު ރައީސްއާ ވެސް "ޗެލެންޖް ކޮށްފައި" ހުންނާނެ ކަމަށެވެ. އެގޮތުން އޭނާ ފާހަގަ ކުރެއްވީ ނެކްސްބިޒް މައްސަލަ އާއި އައްޑޫ އެއާޕޯޓް ކުންފުނީގެ ހިއްސާ ކާސާ އަށް ވިއްކާލި މައްސަލަ ފަދަ މައްސަލަތައް ހިމެނޭ ކަމަށެވެ.

"އަޅުގަނޑު ހުންނާނެ ޓްވީޓް ވެސް ކޮށްފައި އެގޮތަށް. އަޅުގަނޑަށް ހީވަނީ އަޅުގަނޑާ ޕޮލިސީގެ ހިޔާލުތަފާތުވުންތަކެއް އުޅެނީހެން ވަރަށް ގިނަ ކަންތައްތަކުގައި. އެއީ އަޅުގަނޑު ސީކްރެޓެއްގޮތުގައި ނޫނީ ސިއްރުން ކުރާ ކަމެއް ނޫން. އަޅުގަނޑު ފާޅުގައި ކުރާކަންތައްތައް އެއީ ދެކޮޅު ހެނދުން. އަޅުގަނޑު ހުންނާނީ ފާޅުގައި ދެކޮޅުހަދާފައި،" ޝަމްހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވާ ގޮތުން އިސްތިއުފާގެ ސިޓީ މިހާތަނަށް އަދި ލިބިވަޑައިގެންފައެއްނުވެ އެވެ. އޭގެ ބޭނުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޝަމްހީދު ވިދާޅުވީ އޭނާ "ހައްގުބަސް ބުނަމުން އައީ" މަގާމުން ވަކިކޮށްފާނެ ކަމަށް ބަލައިގެން ކަމަށެވެ. އެގޮތުން ރާއްޖެ ޓީވީ އަށް އަޕްލިންކް ހުއްދަ ދިން މައްސަލަ އާއި ނެކްސް ބިޒް މައްސަލައިގައި "ސީދާ" ހިތްހަމަނުޖެހުމާ ކުރިމަތިވެވަޑައިގަތް ކަމަށް ޝަމްހީދު ވިދާޅުވި އެވެ.

"އެކަމެއް އޮތްގޮތް ބުނަން ޖެހޭނެ. މީހުން ރުއްސާކަށް ވާހަކަ ދައްކާ މީހެއް ނޫން އަޅުގަނޑަކީ. މީހަކު ހިތްހަމަނުޖެހުނަސް އަޅުގަނޑަކީ ފެންނަ އެއްޗެއް ބުނާ މީހެއް. އޭގެ ތެރޭގައި އެންމެ ބޮޑަށް ހިތްހަމަނުޖެހުނީ ރާއްޖެ ޓީވީ މައްސަލަ އާއި ބޯޑާ ކޮންޓްރޯލް މައްސަލައިގައި އަޅުގަނޑު މާބޮޑަށް ދެކޮޅު ހެދި މައްސަލައިގައި އަޅުގަނޑާ ހިތްހަމަ ނުޖެހޭކަމުގެ [އިޝާރާތް] ސީދާ ދެއްވާފައި އޮތީ،" ޝަމްހީދު ވިދާޅުވި އެވެ.

ޖީއެމްއާރު މައްސަލައިގައި ކުރެވޭ ރިޝްވަތުގެ ތުހުމަތުތަކާއި މަގާމުން ދުރުކުރުމާ އެއްވެސް ގުޅުމެއް ވޭތޯ ދެންނެވުމުން އޭނާ ވިދާޅުވީ ކޮރަޕްޝަންގެ ތުހުމަތުކޮށް މީގެ ދުވަސްކޮޅެއް ކުރިން ފެތުރި މެސެޖްތަކަކީ "ބޮޑު ޖޯކެއް" ކަމަށެވެ. އޭނާ ވަކިކުރެއްވި ސަބަބުތަކުގެ ތެރޭގައި ޖީއެމްއާރު މައްސަލަ އޭގެ ތެރޭގައި ހިމެނޭކަމަށް ގަބޫލުނުކުރެވޭ ކަމަށް ވިދާޅުވި އެވެ.

"ނަމަވެސް އެންމެ ފަހުން ބޭއްވި ކެބިނެޓް ބައްދަލުވުމަށް ފަހު ކެބިނެޓް ސެކްރެޓަރީ[އަބްދުﷲ ނަޒީރު] އަޅުގަނޑު ކައިރީ ލަފަޔަކަށް އެހީ ކެބިނެޓްގައި ވޯޓެއް ނަގައިފިއްޔާ ކޮންކޮޅަކަށްތޯ ވޯޓް ދޭނީ. އަޅުގަނޑު ދެންނެވިން ޖީއެމްއާރު ވަކިކުރާށޭ. ހަމައެހެން ހެއްޔޭ އެއްސެވި. އަޅުގަނޑު ބުނިން އާއެކޭ. އެވޯޓް އެހެން ގޮތަކަށް ނުދާނެއޭ. ދެން އެކަމާ ގުޅުވަންޏާ ގުޅުވަންވީ. އެކަމަކު ގުޅުވޭނެ އެކޭނޫން،" ޝަމްހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖީއެމްއާރު މައްސަލައިގައި ރައީސްގެ ލަފަޔަކާ ނުލައި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާނެ ކަމަށާއި ހުރިހާ ފިޔަވަޅެއް ވެސް އެޅީ ރައީސްގެ ލަފާގެ މަތިން ކަމަށެވެ. އަދި އެއާޕޯޓްގެ އާ ޓާމިނަލްއަށް ހުއްދަ ދޫކޮށްފައި ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މާމިގިލީ އެއާޕޯޓްގެ މުއްދަތު އިތުރުކުރުމުގެ މައްސަލައިގައި އޭނާ ވިދާޅުވީ އެފަދަ އުސޫލީ މައްސަލަތަކުގައި އެއްވެސް ކަމެއް ބައިޕާސްކޮށްފައި ނޯންނާނެ ކަމަށެވެ. އަދި އޭނާ އެކަން ކުރެއްވީ އާންމުކޮށް ވެސް އެފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލުން ކަމަށް ވިދާޅުވި އެވެ.

"ބައްލަވާ ރިސޯޓް މުއްދަތު އިތުރުކުރާ އިރު ފައިސާ ގަނޑުކޮށް ނުނަގަން ނިންމި ނިންމުމަކީ ވެސް މިނިސްޓަރުންތަކެއް ނިންމާފައި އަމަލުކުރަން ފެށި ނިންމުމެއް. އަނެއްކާ ކާސާ އަށް [ގަމުގެ] ހިއްސާ ވިއްކުން ވެސް އެއްދުވަހު ހަވީރު ނިންމާފައި އަނެއްރޭ އެކަން ވެސް ކުރީ. އެކަމަކު ވެސް ހުއްދަ ނުހޯދާ. އެކަމަކު އަޅުގަނޑުމެން އޭގެ މާފަހުން އެކަން މި ކުރީ. އެހެންވީމާ އެއީ އެކަމާ ގުޅުން ހުރި ކަމެއް ނޫން. ހަމަ މިއީ ސިޔާސީ އޮއިވަރު" ޝަމްހީދު ވިދާޅުވި އެވެ.

މަގާމުން ވަކިކުރުމަށް ފަހު ރައީސްއާ ވާހަކަ ދެކެވުނުތޯ ދެންނެވުމުން ވިދާޅުވީ، "އޭގެ ފަހުން ހިނގި ކަންތައްތަކަކީ މުހިންމު ކަމެއް" ނޫން ކަމަށެވެ. އަދި އެ މައުލޫމާތު ހިއްސާ ކުރެއްވުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވި އެވެ.

"ދެން މިހާރު އެއީ ބޭނުން ވާހަކައެއް ނޫން. އަޅުގަނޑު ބުނަން އޮތްހާ ވެސް އެއްޗަކީ އެ މަގާމާ ހަވާލުވީއިރު ވެސް އަޅުގަނޑު ނިންމައިގެން ހުރީ ސިޔާސީ ދާއިރާގައި ގިނަ ދުވަހު ނޫޅެން. އަޅުގަނޑަކީ އެހެން އުޅޭ ހިތްވާ މީހެއް ވެސް ނޫން. އަޅުގަނޑު ދެން އެނބުރި އަނެއްކާ ވެސް މަސައްކަތް ކުރާނީ ޕްރައިވެޓް ސެކްޓަރުގައި،" ޝަމްހީދު ވިދާޅުވި އެވެ. "އަޅުގަނޑު ނޯންނާނެ އެއްވެސް ނަހަމަކެއް ހިންގާފައެއް. އަދި އެފަދަ ކަމެއް ކުރަން އުޅެފަ ވެސް."