މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު މި އަހަރު 25 ބޭފުޅަކަށް ދެއްވުމަށް، ހާއްސަ އިނާމާ ބެހޭ ކޮމިޓީން ނިންމަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދަވައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް މި އަހަރު ހާސިލު ކުރައްވަނީ 12 ބޭފުޅުން ކަމަށެވެ. އަދި ދިވެހި ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް ހާސިލު ކުރައްވައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރައްވަނީ 13 ބޭފުޅުންނެވެ.

މީގެއިތުރުން، ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ހޯއްދަވައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރަނީ އެންމެ ފަރާތަކުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމުގެ ރޮނގުން އާދަޔާ ޚިލާފު ކާމިޔާބީއެއް ހާސިލު ކުރުމުގެ ގިންތިން އެއްވެސް ފަރާތެއް މިއަހަރު ހޮވިފައި ނުވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މި މަހު 11 ވާ އާދީއްތަ ދުވަހުގެ ރޭ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.