08 Nov 2012, 16:34
ކޯޓު އަމުރެއްގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މައި އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މުވައްޒަފުން ވަދެއްޖެ އެވެ.
އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވީ އެ އޮފީހުގެ ޓީމަކުން އެމްޕީއެލްގެ އޮފީސް ފާސްކުރަން ފެށީ ގިނަ އަދަދެއްގެ މުވައްޒަފުން ގަވާއިދާ ހިލާފަށް އެމްޕީއެލް އަށް ވައްދާފައިވާ ކަމަށް ބުނެ މީހަކު ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ.
"އެކަމުގައި އެއްބާރުލުން ނުލިބުނީމާ އެ މައްސަލައާ ގުޅޭ ލިޔުންތައް ހޯދުމަށް އަޅުގަނޑުމެންގެ މުވައްޒަފުން މަސައްކަތް ކުރަމުން އެ ގެންދަނީ ކޯޓު އަމުރެއްގެ ދަށުން،" ލުތުފީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ލިޔުންތައް ދިނުމަށް އެދި ކޮމިޝަންގެ މުވައްޒަފުން އިއްޔެ ވެސް އެމްޕީއެލް އަށް ދިޔަ ކަމަށާއި ނަމަވެސް އެކަމަށް އެ ކުންފުނިން އެއްބާރުލުމެއް ނުދިން ކަމަށެވެ.
އެމްޕީއެލްގެ ސީއީއޯ މަހުދީ އިމާދު ވިދާޅުވީ އިއްޔެ އިން ފެށިގެން އޭސީސީގެ އޮފިޝަލުން އެމްޕީއެލް ފާސްކުރަމުން އަންނަ ކަމަށާއި އެއީ ކޮން ސަބަބަކާ ހުރެކަން ނޭނގޭ ކަމަށެވެ. އަދި މިރޭ 12:00 ޖެހުމާ ހަމައަށް ވެސް އެކަން ދެމިގެން ހިނގައިދާނެ ކަމަށް އޭސީސީގެ އޮފިޝަލުން ބުނެފައިވާ ކަމަށް ވެސް އިމާދު ވިދާޅުވި އެވެ.
"އެބޭފުޅުން ބުނަނީ އެ މައްސަލަ ބުނާކަށް ނުޖެހޭ. ދެން އެބޭފުޅުން ބޭނުންވާ އެއްޗެއް ވެސް ނުބުނޭ. އެއްޑިޕާޓްމަންޓުން އަނެއް ޑިޕާޓްމަންޓަށް ވަންނަމުން އެދަނީ. އަޅުގަނޑުމެންނަށް ދެވުނު އެއްބާރުލުމެއް ވިއްޔާ ދެމުން މިދަނީ،" އިމާދު ވިދާޅުވި އެވެ.
އޭސީސީން ކިތަންމެ ވަރަށް ބެލި ނަމަވެސް "އެއްވެސް ކޮރަޕްޝަނެއް ހިންގާފައި ނޯންނާނެ ކަމަށް" އޭނާ ވިދާޅުވި އެވެ.