ޓްރާންސްޕޯޓް މިނިސްޓަރު ޑރ. އަހުމަދު ޝަމްހީދު ކުއްލި ގޮތަކަށް މިއަދު މަގާމުން ވަކިކުރައްވައިފި އެވެ.

ޝަމްހީދު މަގާމުން ވަކިކުރެއްވިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މީޑިޔާ ސެކްރެޓަރީ މަސްއޫދު އިމާދު ވަނީ ސަން އޮންލައިނަށް ކަށަވަރުކޮށްދެއްވި އެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރެއްވީ ކަނޑައެޅިގެން ކީއްވެގެން ކަމެއް ސަރުކާރަކުން އަދި ނުބުނެ އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު ޝަމްހީދު މަގާމުން ވަކިކުރައްވާފައި ވަނީ، އޭނާ ތަމްސީލު ކުރައްވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް މާމިގިލީ އެއާޕޯޓްގެ ލީސް ޕީރިއަޑް 99 އަހަރަށް އިތުރުކޮށްދެއްވި ކަމަށް ޝަމްހީދު އިއުލާންކުރެއްވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގަ އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ މާމިގިލީ އެއާޕޯޓް 99 އަހަަރަށް ކުއްޔަށް ދިނުުމަށް، ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝަފީއު އާއި ހައުސިން މިނިސްޓަރު ޑރ. މުހަންމަދު މުއިއްޒާއި އެންވަޔަރަމެންޓް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އާއި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ޝަމްހީދު ހިމެނެވަޑައިގަންނަވާ އިގްތިސޯދީ ކޮމެޓީން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެފަދަ ނިންމުންތަކަށް ހުއްދަތައް ދޫކުރަން ޖެހޭނީ ކެބިނެޓްގެ ހުއްދަ ވެސް ލިބިގެން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީން މާމިގިލީ އެއާޕޯޓްގެ މުއްދަތު އިތުރުކޮށްދިނީ އެ ހުއްދަތައް ހޯދުމެއް ނެތި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ސްޕޯސްޕާސަން އައްބާސް އާދިލް ރިޒާ ވިދާޅުވީ ޝަމްހީދު މިނިސްޓަރު ކަމުން ވަކިކުރެއްވުމުން އެ މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން ޑިފެންސް މިނިސްޓަރު މުހަންމަދު ނާޒިމާ ހަވާލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ. އަދި ޓްރާންސްޕޯޓް މިނިސްޓަރު ކަމަށް ދެންވެސް އައްޔަން ކުރައްވާނީ ޖުމްހޫރީ ޕާޓީގެ ބޭފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ސްލޮޓް ޖުމްހޫރީ ޕާޓީ އަށް ހުސްކުރައްވާފައި ރައީސް އެ ވަނީ. ދެން ވެސް ވަޑައިގަންނަވާނީ ޖުމްހޫރީ ޕާޓީގެ ބޭފުޅެއް،" އައްބާސް ވިދާޅުވި އެވެ.

ޝަމްހީދު މަގާމުން ވަކިކުރެއްވި އިރު ޖީއެމްއާރާ އަޅުވައިގެން އޭނާގެ މައްޗަށް ވަނީ ކޮރަޕްޝަންގެ ތުހުމަތުކޮށް، މެސެޖުތަކެއް ވެސް ދައުރުކޮށްފަ އެވެ. ނަމަވެސް އެ ތުހުމަތުތައް ޝަމްހީދު ވަނީ ދޮގުކުރައްވައިފަ އެވެ.

ޝަމްހީދު މަގާމުން ވަކި ކުރި މައްސަލާގައި އޭނާގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.