ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމް ފިލުވި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރި މީހުންގެ މައްޗަށް އެ ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ޝަހުމް ފިލުވިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކޮށްފައި ވަނީ ލ. މާވަށް އެވާބުލޫ މުހައްމަދު ވިސާމް،19، އާއި މއ. ސީނަރީވިއު، އާތިފް ރަޝީދު، 21، އާއި މއ. ވޮއްކޮޅުގެއާގޭ މުހައްމަދު ނާޒިމްގެ އިތުރުން މއ. ގިރި މުހައްމަދު ހަސަންގެ މައްޗަށެވެ.

ގާނޫނުލް އުގޫބާތުގެ ދަށުން އެ މީހުންގެ މައްޗަށް ދައުލަތުންކޮށްފައި ވަނީ ކުށެއްގެ ތުހުމަތުގައިވާ މީހަކު ހައްޔަރުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އެވެ.

އަހުސަން ބަޝީރުގެ މަރާ ގުޅިގެން ޝަހުމް ހޯދަމުން ދަނިކޮށް އޭނާ ފެނިފައި ވަނީ މ. ކޮޅުފުއްޓާ ދިމާލުން ހުޅަނގަށް އޮންނަ ކުރެލި ނަމަކަށްކިޔާފަޅު ރަށެއްގައި ހުއްޓަ އެވެ. ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ ދައުވާ ލިބޭ އެންމެން ވެސް ފުލުހުން ހައްޔަރުކޮށްފައި އެ ފަޅުރަށުގައި ޝަހުމްއާ އެކު ތިއްބާ ކަމަށެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ ދައުވާ ސާބިތުކުރެވޭ ވަރުގެ ކާފީ ހެކި ލިބިފައި ނުވާތީ އެ އެންމެންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށެވެ.

ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމް މަރާލި ކަމުގެ ތުހުމަތުގައި މި މީހުންގެ ތެރެއިން އާތިފް ރަޝީދާއި މުހައްމަދު ވިސާމްގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ.