ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ) އަށް ކުޅޭތަން ބަލަން ބޭނުންކަމަށް އެކުލަބުގެ ޕްލޭމޭކަރު ހާވިއާ ޕަސްތޯރޭ ބުނެފި އެވެ.

ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ރޮނާލްޑޯ ހޯދުމަށް ޕީއެސްޖީ އިން މަސައްކަތްކުރާ ކަމުގެ ވާހަކަތަކެއް ދާދި ފަހުން މީޑިއާގައި ފެތުރިފައިވެ އެވެ.

ޕީއެސްޖީއާއި ރޮނާލްޑޯ ގުޅިއްޖެ ނަމަ އެކުލަބުގެ ސްކޮޑް ވަރަށް ވަރުގަދަވާނެ ކަމަށް އާޖެންޓީނާ މިޑްފީލްޑަރު ޕަސްތޯރޭ ގަބޫލުކުރެ އެވެ.

"ރޮނާލްޑޯއަކީ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް. ރޮނާލްޑޯއަކީ ކޮންމެ މެޗެއްގައި ކަހަލަ ގޮތަކަށް ލަނޑު ޖަހާ ކުޅުންތެރިއެއް. ރޮނާލްޑޯގެ އަމިއްލަ ކުޅުމުން ތަފާތެއް ގެނެވޭނެ ގޮތްތައް އޭނާ އަށް އެނގޭ. އޭނާ ޕީއެސްޖީއަށް ސޮއިކޮށްފި ނަމަ، ޕީއެސްޖީއަށާއި ކްލަބުގައި މިހާރު ތިބި ކުޅުންތެރިންނަށް ވެސް ގިނަ ފައިދާތަކެއް ވާނެ." ޕަސްތޯރޭ ބުންޏެވެ.

މިދިޔަ ސީޒަންގެ ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން ރެއާލް މެޑްރިޑް ހޯދިއިރު، ރޮނާލްޑޯވަނީ އެކުލަބަށް 46 ލަނޑު ކާމިޔާބުކޮށްދީފަ އެވެ.