08 Nov 2012, 16:03
އިނގިރޭސި ކްލަބު ޓޮޓެންހަމް ހޮޓްސްޕާއާ އެކު ޔޫއެފާ ޔޫރޮޕާ ލީގު ކާމިޔާބުކުރަން ބޭނުންކަމަށް އެކުލަބުގެ ޒުވާން ޑިފެންޑަރު ކައިލް ވޯކާ ބުނެފި އެވެ.
ޔޫރޮޕާ ލީގުގައި މިރޭ ޓޮޓެންހަމްއިން ސްލޮވީނިއާގެ އެންކޭ މަރިބޯއާއި ދެކޮޅަށް ނުކުންނަ އިރު، މިހާތަނަށް އެ ޓީމް ކުޅުނު ތިން މެޗުންވެސް ވަނީ އެއްވަރުވެފަ އެވެ. އިނގިރޭސި ޕްރެމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ވިގަން އަތުން 1-0 ލަނޑުން ބަލިވުމުން އެ ޓީމަށް ގިނަ ފާޑިކިއުންތަކަކެއް އަމާޒުވެފައިވެ އެވެ.
"ޓޮޓެންހަމްއާ އެކު ޔޫރޮޕާ ލީގު ކާމިޔާބުކުރުމަކީ އަހަރެން ވަރަށް އެދޭކަމެއް. ކްލަބުގެ އެހެން ކުޅުންތެރިން ވެސް ހުރީ ޔޫރޮޕާ ލީގު ކާމިޔާބުކުރުމުގެ އަޒުމުގައި. އަހަރެމެން ޓީމްގައި ހިމެނޭ ކުޅުންތެރިންގެ ފެންވަރަށް ބަލާފައި ކޮންމެ މެޗެއް ވެސް ކާމިޔާބުކުރެވިދާނެ." ވޯކާ ބުންޏެވެ.
މިވަގުތު ޓޮޓެންހަމް އޮތީ ޔޫރޮޕާ ލީގުގެ ގްރޫޕް ޖޭގެ ތިންވަނާގަ އެވެ. ގްރޫޕްގެ އެއްވަނާގައި އިޓަލީގެ ލާޒިއޯ އޮތްއިރު ޓޮޓެންހަމް މިރޭ ނުކުންނަ މަރިބޯ އޮތީ ގްރޫޕްގެ ދެވަނާގަ އެވެ. އެގްރޫޕްގެ އެންމެ ފުލުގައި އޮތީ ގްރީސްގެ ޕަނަތިނައިކޮސް އެވެ. ޓޮޓެންހަމްގެ ވައިޓް ހާޓް ލޭންގައި މަރިބޯއާއި ދެކޮޅަށް ކުޅޭ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖޭ ގަޑިން މިރޭ 12:05 ގަ އެވެ.