08 Nov 2012, 16:01
ރަޝިޔާ ކްލަބު ޒެނިތް ސެއިންޓް ޕީޓާސްބާގް އަށް އަދިވެސް ޔޫއެފާ ލީގުގެ ދެވަނަ ބުރަށް ދަތުރުކުރެވޭނެ ކަމަށް ގަބޫލުކުރާކަމުގައި އެކުލަބުގެ ކޯޗް ލޫސިއާނޯ ސްޕަލެޓީ ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގައި މިދިޔަ އަންގާރަ ދުވަހު ރޭ ބެލްޖިއަމްގެ އެންޑަލެޗް އާ ދެކޮޅަށް ކުޅުނު މެޗުން 1-0 ލަނޑުން ޒެނިތް ބަލިވުމާ ގުޅިގެން އެ ޓީމު ވަނީ ގްރޫޕް ސީގެ އެންމެ ފުލަށް ވެއްޓިފަ އެވެ. ނަމަވެސް ޒެނިތަށް އަދިވެސް އެގްރޫޕްގެ ދެވަނައިން ޖާގައެއް ހޯދައި ދެވަނަ ބުރަށް ދަތުރުކުރެވިދާނެ ކަމަށް ސްޕަލެޓީ ގަބޫލުކުރެ އެވެ.
"އަހަރެމެން މިއޮތީ ގްރޫޕްގެ ވަރަށް އުނދަގޫ ހިސާބެއްގައި. ނަމަވެސް މިލާންއާއި މަލާގާ ކުޅުނު މެޗް 1-1 ލަނޑުން އެއްވަރުވުމުން އަހަރެމެންނަށް ވެސް ފުރުސަތެއް އެބައޮތް. އެންމެ ފަހު ދެމެޗުން އަހަރެމެން މޮޅުވެއްޖެ ނަމަ، ދެވަނަ ބުރަށް ދަތުރުކުރެވޭނެ." ޔޫއެފާގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ސްޕަލެޓީ ބުންޏެވެ.
އެންޑަލެޗްއާއި ދެކޮޅަށް ކުޅުނު މެޗުން ޒެނިތް ބަލިވީ ކީތްވެކަން ސްޕަލެޓީ ވަނީ ހާމަކޮށްފަ އެވެ. "އެންޑަލެޗް އާއި ދެކޮޅަށް އަހަރެމެންނަށް ދެއްކުނީ އެންމެ ރަނގަޅު ކުޅުމެއް ނޫން. މެޗުގެ ފުރަތަމަ ހާފްގައި އަހަރެމެންނަށް އެޓޭކް ކުރެވުނީ އެންމެ ރަނގަޅު ވަގުތުތަކަކު ނޫން. އަހަރެމެންގެ ކުޅުން ލަސްކޮށް އުޅުނީމަ، އިދިކޮޅު ކުޅުންތެރިންނަށް ފަސޭހައިން ބޯޅަ ލިބި ގިނަ އުނދަގޫތަކަކާއި ކުރިމަތިލާން ޖެހުނު." ސްޕަލެޓީ ބުންޏެވެ.
ޗެމްޕިއަންސް ލީގުގައި ޒެނިތް ކުޅުނު ހަތަރު މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. ތިންވަނާގައި އޮތް އެންޑަލެޗް އަށް ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނާގައި އޮތް އޭސީ މިލާނަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. އެއްވަނާގައި އޮތް މަލާގާއަށް ލިބިފައިވަނީ ދިހަ ޕޮއިންޓެވެ.