08 Nov 2012, 15:58
އިޓަލީގެ ކާމިޔާބީ ކްލަބެއްކަމަށްވާ އޭސީ މިލާން ދައްކަމުންދާ ކުޅުމާ މެދު އެކުލަބުގެ ވެރިޔާ ސިލްވިއޯ ބަރްލަސްކޯނީ ހުރީ ހިތްހަމަޖެހިފައިވާ ކަމަށް މިލާންގެ ކޯޗު މިސިމިލިއާނޯ އަލެގްރީ ބުނެފި އެވެ.
އިޓަލީ ލީގުން އެންމެ ވާދަވެރި ކްލަބެއްގެ ގޮތުގައި ފާހަގަވެފައިވާ މިލާން އަށް މިސީޒަންގެ ފެށުން ރަނގަޅު ނުވުމުން އެކުލަބަށާއި އެކުލަބުގެ ކޯޗް އަލެގްރީ އަށް ގިނަ ފާޑިކިއުންތަކެއް އަމާޒުވެފައިވެ އެވެ. އެގޮތުން އަލެގްރީ އެ މަގާމުން ދުރުކޮށް ލޫސިއާނޯ ސްޕަލެޓީ އަދި ޕެޕް ގާޑިއޯލާ ފަދަ ކާމިޔާބީ ކޯޗަކާއި އެކުލަބް ހަވާލުކުރަން ނިންމަމުންދާ ކަމުގެ އަޑުތަކެއް ވެސް އިވިފައިވެ އެވެ.
ޗެމްޕިއަންސް ލީގުގައި މިދިޔަ އަންގާރަ ދުވަހުގެރޭ މަލާގާއާ ދެކޮޅަށް މިލާން ކުޅެ 1-1 ލަނޑުން އެއްވަރުވި މެޗުގައި އެކުލަބުން ދެއްކި ކުޅުމާއި މެދު ބަރްލަސްކޯނީ ހިތްހަމަޖެހޭ ކަމުގައި އަލެގްރީ ބުނެފައިވެ އެވެ. އަދި މީޑިއާގައި ދެކެވޭ ގިނަ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމުގައި ވެސް އަލެގްރީ ބުންޏެވެ.
"އަހަރެން ބަރްލަސްކޯނީ އާއި ބައްދަލުކުރިން. މިލާން އިން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމުގައި ބަރްލަސްކޯނީ ބުނި. މިލާން އެހެން ކޯޗަކާ ހަވާލުކުރާ ހަބަރުތަކާއި ކޯޗުންތަކުގެ ނަންތަކެއް ހާމަކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގު ހަބަރުތަކެއް." އަލެގްރީ ބުންޏެވެ.
އޭސީ މިލާނުން ބާސެލޯނާގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާއާ ވާހަކަ ދައްކަމުން އަންނަ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގު ހަބަރުތަކެއް ކަމަށް ދާދި ފަހުން މިލާނުން ވަނީ ދޮގުކޮށް ބަޔާނެއް ވެސް ނެރެފަ އެވެ.