މާލޭ ރައްޔިތުންނަށާއި މާލޭގައި އުޅޭ މީހުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ގުޅީފަޅުގައި 2000 ހައުސިން ޔުނިޓް އިމާރާތްކޮށް ދޫކުރާނެ ކަމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


އާދަވެގެން ކޮންމެ ހުކުރު ދުވަހަކު ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރޭޑިއޯ ޚިތާބުގައި މިދިޔަ ހަފުތާގައި ފެށުނު ގުޅީފަޅުގެ މަޝްރޫޢުގެ މައްޗަށް ބައްލަވާލައްވަމުން ވިދާޅުވީ، މާލޭގެ އެކިއެކި މައްސަލަތައް ޙައްލު ކުރެއްވުން އެއީ ގުޅީފަޅު ހިއްކުމުގެ އެންމެ ބޮޑު އެއް ބޭނުން ކަމަށެވެ. އަދި މާލޭ ރައްޔިތުންނަށް އަދި މާލޭގައި ދިރިއުޅޭ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމަކީ ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް ކަމުގައި ވިދާޅުވި އެވެ. މި ރޮނގުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގުޅީފަޅުގައި މަދުވެގެން 2000 ހައުސިން ޔުނިޓް ޢިމާރާތް ކުރެވި ދޫކުރެވޭނެކަމަށެވެ. އަދި ގުޅީފަޅުގެ އިތުރުން، ހޯރަފުށްޓާއި، އިހަވަންދު އާއި މަތިވެރީގެ ބަނދަރުގެ މަސައްކަތް، އަންނަ ހަފްތާގެ ތެރޭގައި ކޮންޓްރެކްޓަރުންނާ ޙަވާލުކޮށް ސޮއިކޮށް ނިމޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން، ހައުސިން ޔުނިޓްގެ މަޝްރޫއަށް ބަލާއިރު، އަންނަ އަހަރު ނިމޭއިރުގައި، ދެ ތިން ހާހެއްހާ ގެ އެޅިފައި ހުންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.


ދައުލަތުގެ ބަޖެޓް ތައްޔާރު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލައްވަމުން ރައީސް ވިދާޅުވީ، 2011 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާނީ ޕްރޮގްރާމް ބަޖެޓެއް ކަމަށެވެ. ޕްރޮގްރާމް ބަޖެޓްގެ މައިގަނޑު މަޤްޞަދަކީ، 2011 ވަނަ އަހަރު އެ އޮފީހަކުން ޙާޞިލު ކުރަން ބޭނުންވާ ލަނޑުދަނޑިތަކަކީ ކޮބައިތޯ ބަލައި އެ ލަނޑުދަނޑިތައް ޙާޞިލު ކުރުމަށް ހިންގަން ޖެހޭ ހަރަކާތްތަކާއި ޕްރޮގްރާމްތައް ކަނޑައަޅައި، އަދި އެ ޕްރޮގްރާމްތަކަށް ހިނގާނީ ކިހާ ޚަރަދެއްތޯ ބަލައި ތައްޔާރުކުރާ ބަޖެޓެއް ކަމަށެވެ. އަދި 2006 ވަނަ ޕްރޮގްރާމް ބަޖެޓަކަށް ބަޖެޓް ބަދަލުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން އައިނަމަވެސް، މިހާތަނަށް ހުށަހަޅަމުން ގޮސްފައިވަނީ އޮފީސްތަކުގެ ބަޖެޓް ސެކްޝަނުތަކުން "ކުރީ އަހަރުގެ ބަޖެޓަށް ތަންކޮޅެއް އިތުރުކުރުމަށް ފަހު" އެކްސެލް ޝީޓެއްގައި ހަދާ ބަޖެޓެއް ކަމަށް ރައީސް ވިދާޅުވި އެވެ.  


ރައީސްގެ ޚިތާބުގައި، ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ގޮތުން ވެސް ވާހަކަފުޅު ދެއްކެވި އެވެ.  އެގޮތުން ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ވެސް ސަރުކާރުން ވާދަވެރި ޑީއާރުޕީ އާ އެއްބަސްވެފައިވާ ގޮތަށް ކޮށް، އެ އެއްބަސްވެފައިވާ ގަޑިތަކަށް ނިންމާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތަށް ހިންގުމަށްޓަކައި ބާއްވަން ޖެހޭ ކައުންސިލްތަކުގެ އިންތިޚާބަށް ބައްލަވާލައްވަމުން ރައީސް ވިދާޅުވީ، ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން އެމަނިކުފާނު އައްޔަންކުރައްވާފައިވާ ކައުންސިލަރުން، ކައުންސިލްތަކުގެ އިންތިޚާބަށް ފަހު އަދި އިންތިޚާބަށް ދާއިރުގައިވެސް އެއްވެސް ރަށެއްގައި ނުހުންނާނެ ކަމަށެވެ. ހަމައެކަނި ސިޔާސީ މަގާމުގެ ގޮތުގައި ޕްރޮވިންސް އޮފީހެއްގައި ތިއްބަވާނީ ސްޓޭޓް މިނިސްޓަރުންނާއި، އެމިނިސްޓަރުންގެ ނައިބުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.


ރައީސްގެ ރޭޑިއޯ ޚިތާބު ނިންމަވާލެއްވީ، ކައުންސިލްތަކުގެ އިންތިޚާބަށް ވީހާ ވެސް ތަޢްލީމީ އަދި ޚާއްޞަކޮށް، ސަރުކާރު ހިންގުމުގެ ތަޖްރިބާ ލިބި ތިއްބެވި ބޭފުޅުން ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅި އެވެ.