ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހެލްތު މިނިސްޓަރުކަން ކުރެއްވެވި އާމިނަތު ޖަމީލް މާލެ ސީޓީގެ އަންހެނުންގެ ކޮމެޓީ އަށް ހޮވިވަޑައިގެންފި އެވެ. ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ސަރުކާރަށް ހިދުމަތް ކުރައްވަން ފެއްޓެވި އާމިނަތު ޖަމީލް އަންހެނުންގެ ކޮމެޓީ އަށް ހޮވިވަޑައިގެންނެވީ މާފަންނު އުތުރު ދާއިރާ އަށް ކުރިމަތިލެއްވި ހަމައެކަނި ކެނޑިޑޭޓަކީ އެކަމަނާ ކަމަށްވާތީ އެވެ.

މާލޭގެ 11 ދާއިރާތަކުގެ ތެރެއިން ހަ ދާއިރާ އަށް އަންހެން ބޭކަނބަލުން ހޮވިފައިވަނީ، ވޯޓަކާ ނުލަ އެވެ. އެއީ އެ ދާއިރާ އަށް އެންމެ ކެނޑިޑޭޓަކު ކުރިމަތިލައްވާފައި ވާތީ އެވެ. މާލޭ ސިޓީގެ އަންހެނުންގެ ކޮމެޓީ އަށް އިންތިހާބުވެފައިވާ 11 މެންބަރުންނަކީ އެމްޑީޕީ ފިކުރުގެ ބޭކަނބަލުންނެވެ.

އެގޮތުން ސަރުކާރަށް ތާއީދު ކުރާ މެޖޯރިޓީ އޮންނަ ވިލިމާފަންނު ދާއިރާ އަށް ހޮވިވަޑައިގެންފައި ވަނީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ޝިޔާމާ އަހުމަދެވެ. އަދި ހުޅުހެންވޭރު ދާއިރާގެ ގޮނޑި ފަރީޝާ އަހުމަދު ކާމިޔާބުކުރި އިރު، މެދު ހެންވޭރު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ އާއިޝަތު މޫސާ އެވެ. ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި މަރިޔަޒް ޒުހުދާ ކާމިޔާބު ކުރައްވާފައިވާއިރު ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ ޝެހެނާޒް ވާފިރު އެވެ. ގަލޮޅު ދެކުނު ދާއިރާ ގޮނޑި އާއިޝަތު ޝާޒްލީ ކާމިޔާބު ކުރައްވާފައިވާ އިރު، މައްޗަންގޮޅި އުތުރު ދާއިރާ އަމީނާ އިބްރާހީމެވެ. މައްޗަންގޮޅި ދެކުނު ދާއިރާ ކާމިޔާބުކުރެއްވީ އަސްޤަރީ މުހައްމަދު އެވެ. މާފަންނު އުތުރު ދާއިރާގެ އިންތިޚާބު އާމިނަތު ޖަމީލް ކާމިޔާބުކުރެއްވި އިރު، މާފަންނު ހުޅަނގު ދާއިރާ އިން ހޮވިފައި ވަނީ ފާތުމަތު ޝަހީދާ އެވެ. އަދި މާފަންނު ދެކުނު ދާއިރާ އަޒްލިފާ އަބްދުލް އަޒީޒް ވަނީ ކާމިޔާބު ކުރައްވާފަ އެވެ.